ފުރަތަމަ ލެގު އެއްވަރުވުމުން މާޒިޔާއަށް ފަހި ފުރުސަތެއް

މާޒިޔާގެ އޭއެފްސީ ސްކޮޑު --- ފޮޓޯ// މާޒިޔާ

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި މިއަދު ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުން މާޒިޔާއަށް ފުރުސަތު ބޮޑުވެއްޖެ އެވެ.

ބަންގްލަދޭޝްގެ ބަންގު ބަންދު ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ ނަތީޖާއާ އެކު އަންނަ ހަފުތާ މާލޭގައި ކުޅޭ ދެވަނަ ލެގަށް ނުކުންނަ އިރު މާޒިޔާއަށް ވަނީ ފުރުސަތު ބޮޑުވެފަ އެވެ. އެއީ އެ މެޗު 0-0 ނުވަތަ 1-1 ގެ ނަތީޖާއަކުން ނިމުނަސް އަވޭ ގޯލަށް ބަލާއިރު މާޒިޔާއަށް ކުރި ލިބޭނެތީ އެވެ. އަދި އެ މެޗަށް ނުކުންނަ އިރު ހޯމް އެޑްވާންޓޭޖް ވެސް މާޒިޔާއަށް ބޮޑުވާނެ އެވެ.

މީގެ ކުރިން 2017 ވަނަ އަހަރުވެސް ވާދަކުރި މި ދެ ޓީމުގެ ކުރިމަތިލުން މިއަދު އެއްވަރުވި އިރު ދެ ޓީމަށް ވެސް މެޗުން މޮޅުވާން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ކުރިން ފަހަރުގެ ބަންގްލަދޭޝް އަދި ރާއްޖޭގައި ކުޅުނު ދެ މެޗު ވެސް މާޒިޔާ ކާމިޔާބު ކުރީ 0-2 ގެ ނަތީޖާ އަކުންނެވެ. އެކަމަކު އޭގެ ފަހުން ދެ ޓީމު ވެސް މިހާރު އޮތީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ.

މިއަދުގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ މާޒިޔާއިންނެވެ. މެޗުގެ 42 ވަނަ މިނަޓުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖަހައިދިން އެ ގޯލާ އެކު ލީޑުގައި އޮވެ މާޒިޔާއިން ހާފު ނިންމާލަން ކުރި މަސައްކަތް ގޯސްވީ އެ ހާފުގެ އިތުރު ވަގުތުގައި އަބަހާނީގެ ބްރެޒިލް ފޯވާޑް މެލިސަން އަލްވޭސް ޖެހި ގޯލަކުންނެވެ.

އެކަމަކު ދެވަނަ ހާފުގައި ކުޅެން ނުކުމެ ޓީމު ކުރިއަށް ޖައްސައި މާޒިޔާއިން ވަނީ އަލުން އަނބުރާ މެޗުގައި ލީޑު ނަގައިފަ އެވެ. މެޗުގެ 65 ވަނަ މިނިޓްގައި ސެއިން ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެ ގޯލި ޖެހީ، އޭރިއާ ބޭރުން މާޒިޔާގެ ކުޅުންތެރިއަކު ޖެހި ބާރު ބޯޅަ އަބަހާނީގެ ކީޕަރު ޝާހިދުލް އާލަމް އަތުގައި ޖެހިފައި ނުކުތް ވަގުތު ކޯނޭ ވަނީ އެ ބޯޅަ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އަބަހާނީ އަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ މެޗުގެ 80 ވަނަ މިނިޓްގައި ނައިޖީރިއާގެ ފޯވާޑް ސަންޑޭ ޗިޒޯބާ އެވެ.

މި ފަހަރުގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގުގައި އަބަހާނީއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހު އެވެ. އެ މެޗުން މޮޅުވާ ޓީމެއް ޕްލޭއޮފް ބުރުގައި ކުޅެން ޖެހޭނީ އިންޑިއާގެ ބެންގަލޫރު އެފްސީ ނޫނީ ބޫޓާނުގެ ޕާރޯއާ އެވެ. ބޫޓާނުގެ ތިމްޕޫގައި މިއަދު ކުޅުނު ފުރަތަމަ ލެގުން ބެންގަލޫރު ވަނީ 1-0 އިން ޕާރޯގެ މައްޗަށް ކުރިހޯދައިފަ އެވެ.

ޕްލިމިނަރީ ރައުންޑުގައި މި ހަތަރު ޓީމު ވާދަކުރަނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސާ ގްރޫޕްގެ ފަހު ޖާގަ އަށެވެ. އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.

comment ކޮމެންޓް