ކޮރޮނާގެ ބިރާއެކު އޭއެފްސީގެ ބައެއް މެޗުތައް ފަސްކޮށްފި

އޭއެފްސީ ޗެމްޕިއަންޝިޕް ޓްރޮފީ --

މިހާރު ފެތުރެމުންދާ ކޮރޮނާ ވައިރަސްއާ އެކު މި އަހަރުގެ އޭއެފްސީ ޗެމްޕިއަންޝިޕުގައި ވާދަކުރާ ޗައިނާ ކުލަބުތަކުގެ މެޗުތައް ފަސްކޮށްފި އެވެ.

ޗައިނާގައި މިހާރުވެސް ނުރައްކާތެރި މިންވަރަކަށް ފެތުރުމެން އަންނަ ނޮވެލް ކޮރޯނާ ވައިރަސްއާ އެކު މުޅި ދުނިޔޭގައި ވެސް ވަނީ ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފަ އެވެ. އެއާ އެކު ޗައިނާގައި އަންނަ މަހު ބާއްވަން ހަމަޖައްސާފައި އޮތް އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕް ކެންސަލްކޮށް މާޗު މަހު ބާއްވަން ހަމަޖައްސާފައި އޮތް ވޯލްޑް އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕް ވެސް ވަނީ ފަސްކޮށްފި އެވެ.

އަދި މި މަހާއި އަންނަ މަހު އެ ގައުމުގެ ކުލަބުތަކުން ވާދަކުރާ އޭއެފްސީގެ މެޗުތައް ވެސް ވަނީ ފަސްކޮށްފަ އެވެ. އޭޝިއަން ފުޓުބޯޅަ ކޮންފެޑެރޭޝަނުން އިއްޔެ ބުނީ ޗައިނާގެ ކުލަބުތަކުން ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި ވާދަކުރާ ހުރިހާ މެޗެއް އޭގެ ފަހަށް ލަސްކުރަން ނިންމާފައިވާ ކަމަށެވެ.

އެކަމަކު މި މަހުގެ 18 ވަނަ ދުވަހު ތައިލެންޑުގެ ޗިއަންގްރާއީ ޓީމާއި ޗައިނާގެ ބެއިޖިންގް އެފްސީ ވާދަކުރާ މެޗު ފަސްނުކުރާނެ ކަމަށް އޭއެފްސީން ވަނީ ނިންމާފަ އެވެ. ސަބަބަކީ ކޮރޯނާ ވައިރަސް ތައާރަފު ވުމުގެ ކުރިން އެކުލަބުން ޓްރެއިނިންގް ކޭމްޕް ހެދުމަށް ސައުތު ކޮރެއާއަށް ދަތުރުކޮށްފައިވާތީ އެވެ. އެހެން ކަމުން އެ ޓީމުގެ ކުޅުންތެރިން ކޮރޯނާ ވައިރަސްއަށް ކަރަންޓީން ކުރަން ނުޖެހޭނެ ކަމަށް ވެސް އޭއެފްސީން ވަނީ ބުނެފަ އެވެ.

ބެއިޖިންގް އެފްސީގެ އިތުުރުން މިފަހަރުގެ އޭއެފްސީ ޗެމްޕިއަންޝިޕުގައި ދެން ވާދަކުރާ ޗައިނާގެ އިތުރު ތިން ކުލަބަކީ ޝަންގްހާއީ ޝެންހުއާއާއި، ގުއަންޒޫ އެވަގްރާންޑޭ އަދި ޝަންގްހާއީ އެސްއައިޕީޖީ އެވެ.

"ބައެއް ގައުމުތަކުން، މިސާލަކަށް އޮސްޓްރޭލިއާއިން ވަނީ ޗައިނާގެ ކުލަބުތަކަށް މިވަގުތު އެ ގައުމަށް އެތެރެ ނުވެވޭނެ ކަން އިއުލާން ކޮށްފައި. އެހެން ކަމުން އެ ޓީމުތައް ކުޅޭ މެޗުތައް އެބަ ޖެހޭ ފަސްކުރަން،" އޭއެފްސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިހާތަނަށް ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވެފައިވާ 20،630 މީހުން މުޅި ދުނިޔެއިން ވަނީ ފެނިފަ އެވެ. އޭގެ ތެރޭގެ ބޮޑު އިންސައްތަ އަކީ ޗައިނާގެ މީހުން ކަމުގައު ވިޔަސް މި ބަލި އިތުރު 153 ގައުމަކުން މިހާރު ވަނީ ފެނިފަ އެވެ. އިއްޔޭގެ ނިޔަލަށް މި ބަލި ޖެހިގެން 362 މީހުން ވަނީ މަރުވެފަ އެވެ. މީގެ ސަބަބުން، އޮގަސްޓް މަހު ޖަޕާނުގައި ބާއްވާ އޮލިމްޕިކްސް އަށް ވެސް އަސަރުކޮށްފާނެ ކަމުގެ ބިރު އެބައޮތެވެ.

comment ކޮމެންޓް