ރައީސް ޔާމީންގެ މައްސަލައިގެ އިސްތިއުނާފު ދެވަނަ އަޑުއެހުން ބުރާސްފަތި ދުވަހު

މިދިޔަ ހަފްތާ އަންގާރަ ދުވަހު ހައި ކޯޓުގައި ތާވަލްކުރި އިސްތިއުނާފްގެ ސަރިޔަތައް ޔާމީން އަބްދުލް ގައްޔޫމް ކޯޓަށް ހާޒިރުކުރުމަށް މާލެ ގެނައުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް އިއްވި ހުކުމުގެ ދެވަނަ އިސްތިއުނާފު އަޑުއެހުން އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި އެވެ.

ހައިކޯޓުގައި އެ އަޑުއެހުން ތާވަލްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ 09:55 އަށެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމާ ގުޅިގެން ހުކުމުގެ އިސްތިއުނާފު ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ ހަފްތާ އަންގާރަ ދުވަހުގައެވެ.

އެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރި އިރު ކަފާލާތުގެ ދަށުން ދޫކުރުމުގެ އަމުރަކާއި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް އެދިފައިވެ އެވެ.

ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމަށް އެދިވަޑައިގެން އެމަނިކުފާނުގެ ވަކީލުން އަބްދުﷲ ސިޔާޒް އާއި ޑރ. މުހައްމަދު ޖަމީލު އަހުމަދު، ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ، ހުކުމް ކުރުމުގެ ކުރިން މީހަކަށް ކަފާލާތް ދިނުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމުގައި އޮތް ކަމެއް ކަމަށެވެ. އަދި އެއީ އައިސީސީޕީއާރުގެ ދަށުން އަސާސީ ހައްގެއް ކަމަށްވެސް ވިދާޅުވި އެވެ. އެކަމާ މެދު ދައުލަތުންވެސް އެއްބަސްވި އެވެ. ހިޔާލު ތަފާތުވުން އުފެދުނީ ހުކުމެއް ކޮށްފައިވާ މީހަކަށް ކަފާލާތު ދެވޭނެ ކަމާ މެދު އެވެ.

ޑރ. ޖަމީލު ވިދާޅުވީ، ހުކުމެއް ކޮށްފައިވާ މީހަކަށް ކަފާލާތު ދެވޭނެ ކަމަށް ހައިކޯޓުން މީގެ ކުރިން ނިންމާފައި ހުރި ނިންމުންތަކުން އެނގޭ ކަމަށެވެ. އޭނާ ހަވާލާދެއްވި ހުކުމްތަކަކީ މީގެ ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ހުކުމްކޮށްފައި ވަނިކޮށް ކަފާލާތުގެ ދަށުން އެ ތިން ބޭފުޅުންވެސް ހައިކޯޓުން ދޫކުރި ހުކުމްތަކަށެވެ. ހައިކޯޓުން އެގޮތަށް ނިންމުން އުސޫލެއް ލިޔެވިފައި ނެތް ނަމަވެސް އުސޫލެއް އުފެދިފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލު ވިދާޅުވީ، ހުކުމެއް ކުރުމަށް ފަހުވެސް ބެއިލް ދިނުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކުރާ ކަމެއް ކަމަށެވެ. އަދި އެއީ ހައްގެއް ކަމަށެވެ.

ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފައިވަނީ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ކަފާލާތުގެ ދަށުން ދޫކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

comment ކޮމެންޓް