އިދިކޮޅު ލީޑަރަކީ ކޮބައިކަން އެނގުމުން ރިޔާސީ ބަޔާނަށް ޖަވާބު ދޭނަން: ނަޝީދު

2020 ވަނަ އަހަރަށް ރައޔްިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވަނީ -- ސަން ފޮޓޯ/ މާޝާ ނައީމް

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރަކަށް ވެސް މަޖިލިސް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނަށް މަޖިލީހުގައި ޖަވާބު ދެއްވާންޖެހޭނީ އިދިކޮޅު ލީޑަރު ކަމަށާއި މިހާރުގެ މަޖިލީހުގެ އިދިކޮޅު ލީޑަރަކީ ކޮބާކަން އެނގުނުހާ އަވަހަކަށް ބަޔާނަށް ޖަވާބު ދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މި ހިނގާ 2020 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި، އެ މަޖިލީހުގެ ފުރަތަމަ ޖަލްސާ މަޖިލިސްކުރާގޭގައި މިއަދު ބޭއްވި އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ އެމަނިކުފާނުގެ ދެ ވަނަ ރިޔާސީ ބަޔާން އެ މަޖިލީހަށް އިއްވަވައިފަ އެވެ.

ގާނޫނު އަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައި ރާއްޖޭގެ މިވަގުތު ހާލަތާއި އެ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ޓަކައި ގަސްދުކުރައްވާ ގިނަ ކަންތައްތަކެއް އެމަނިކުފާނު ވިދާޅުވެދެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވި ވަގުތު ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ، އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއަށް ނިސްބަތްވާ ބައެއް މެމްބަރުން ތިއްބެވީ ރައީސްގެ ކުރިފުޅުމަތީގައި އިހުތިޖާޖުކުރައްވަން ކޮޅަށް ތެދުވެވަޑައިގެންނެވެ. އެ މެމްބަރުން ތިއްބެވީ މަނީ ލޯންޑަރިން ދައުވާ ސާބިތުވެ މިހާރު ޖަލުގައި އޮންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބޯޑުތަކެއް ހިއްޕަވައިގެންނެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނަށް މަޖިލީހުން ޖަވާބުދޭން ޖެހޭނީ މަޖިލީހުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީން ކަމަށެވެ. އަދި އެކަން ކުރަން ޖެހޭނީ މަޖިލީހުގެ ޖަލްސާއެއްގައި، ރިޔާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

"އެހެން ނަމަވެސް ދެންމެ [ޖަވާބު] ދެއްވައިފި،" މަޖިލީހުގައި އިދިކޮޅުން ކުރަމުން ދިޔަ އިހުތިޖާޖަށް ނިސްބަތްކުރައްވަމުން ނަޝީދު ވިދާޅުވި އެވެ. "ރައީސުލްޖުމްހޫރިއްޔާ ވެސް އެބަ ފާހަގަކުރައްވާ މި މަޖިލިސް މަސައްކަތްކުރައްވާލެއް ފުރިހަމަކަން. އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ވާދަވެރި ފަރާތްތައް ހިމެނޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އެ ފާހަގަކުރައްވަނީ،"

މަޖިލީހުގައި ޕާޓީތަކުގެ މެމްބަރުން ތިއްބެވި އަދަދުތައް ވިދާޅުވެދެއްވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި އޮންނަ ގޮތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަންޖެހޭނީ މަޖިލީހުގައި އޮޕޮޒިޝަން ލީޑަރު ނުވަތަ އިދިކޮޅު ލީޑަރު ކަމަށެވެ.

އެހެން ނަމަވެސް އެއީ ކާކުކަމެއް ނޭނގޭކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސި ބަޔާނަށް ޖަވާބު ދިނުން އޮންނަނީ އޮޕޮޒިޝަން ލީޑަރަށް. އެހެންވެ އެޔެއް އެބަ އޮޅުންފިލުވަންޖެހޭ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާނަށް އަރުވާ ޖަވާބު މަނިކުފާނަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަމެއް އޮޅުންފިލީމަ އަޅުގަނޑުމެން ފޮނުވާނަން،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑި ކޮންޓްރޯލުކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަށެވެ. އިދިކޮޅު ޕާޓީ ޕީޕީއެމްއަށް މަޖިލީހުގެ ފަސް ގޮނޑި ލިބިފައިވާ އިރު، ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ވެސް ފަސް މެމްބަރުން މަޖިލީހުގައި ތިއްބަވަ އެވެ. އިދިކޮޅު ޕީޕީއެމްއާ އިއްތިހާދުވެގެން މަސައްކަތްކުރާ ޕީއެންސީއަށް މަޖިލީހުގެ ތިން ގޮނޑި ލިބިފައިވާ އިރު މޯލްޑިވިއަން ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ދެ މެމްބަރަކު ވެސް މަޖިލީހުގައި ތިއްބަވަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނަށް ފަހު ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ބަޔާނަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފަ އެވެ.

އަދި ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ލާބައާއި ތަރައްގީއަށް ޓަކައި ސަރުކާރުން ކުރާ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ދިވެހި ސަރުކާރަށް ފަސްޖެހުމެއްނެތި ލިބޭނެކަމުގެ ޔަގީންކަން މަޖިލީހުގެ ރައީސް އެރުއްވި އެވެ.

comment ކޮމެންޓް