އިޒްރޭލަށް ފައިދާވާ މެދުއިރުމަތީގެ ސުލްހައިގެ ޕްލޭން ޓްރަމްޕް އިއުލާންކުރައްވައިފި

ޓްރަމްޕްގެ މަޝްރޫޢު އިއްލާން ކުރަނީ

ވޮޝިންޓަން (29 ޖަނަވަރީ 2020) -- ގަރުނުގެ އެއްބަސްވުން ނުވަތަ ޑީލް އޮފް ދަ ސެންޗަރީ ގެ ނަމުގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލެއްވި މަޝްރޫއު އޭނާ އިއުލާން ކުރައްވައިފި އެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަޔަންޔާހޫއާ އެކު ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިމަޝްރޫއު އިއުލާން ކުރައްވަމުން ޓްރަމްޕް ވިދާޅުވީ މިއީ އިސްރާއީލުގެ އިތުރުން ފަލަސްތީނުގެ ހައްގުތައްވެސް ލިބޭނެ އެންމެ ރަނގަޅު އެއްބަސްވުން ކަމަށެވެ. އަދި މިއީ އިސްރާއީލާ ސުލްހަވުމަށް ފަލަސްތީނަށް ލިބޭނެ އެންމެ ފަހުގެ ފުރުސަތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި މަޝްރޫއު ދިރާސާކޮށް އެއާމެދު ގޮތެއް ނިންމުމަށް ފަލަސްތީނަށް ހަތަރު އަހަރު ލިބޭނެކަމަށްވެސް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ޓްރަމްޕްގެ މަޝްރޫއަކީ މެދުއިރުމަތީގެ ތާރީހު އަލުން އެކުލަވާލުމަށް ލިބިގެންދާނެ ފުރްސަތެއް ކަމަށާއި އިސްރާއީލު ބޭނުންވާ ހުރިހާ ކަމެއް މި މަޝްރޫއުން އިސްރާއީލަށް ހާސިލްވާނެތީ މިމަޝްރޫއު އަވަހަށް ތަންފީޒުކުރަން އިސްރާއީލުން އެދޭކަމަށެވެ. މިކަމަށްޓަކައި އިސްރާއީލާ ވާހަކަ ދެއްކުމަށް ފަލަސްތީނުގެ ލީޑަރުންނަށް ނަތަންޔާހޫ ގޮވާލެއްވި އެވެ. ޓްރަމްޕްގެ ސުލްހައިގެ މަޝްރޫއު ބުނަނީ އިސްރާއީލުގެ ކޮންޓްރޯލް ގެ ދަށުގައި އޮންނަ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ނެތް ދައުލަތެއް އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި ޣައްޒާގެ އެކި ސަރަހައްދުތަކުގައި އުފެއްދުމަށެވެ. ސިޔާދަތާއި މިނިވަންކަން ނެތް މި ދައުލަތް އުފައްދާގޮތަށް އޮންނަނީ ހުޅަނގު އައްސޭރީގެ ބިމުގެ ތެރެއިން 65 އިންސައްތަ ބިމުގަ އެވެ.

ހުޅަނގު އައްސޭރީގެ އަނެއްބައި ބިންތައް އިސްރާއީލުގެ ބިންތަކުގެ ގޮތުގައި ހެދުމާއި ފަލަސްތީނުގެ ވެރިރަށަކީ ގުދްސުގެ އިރުމަތީ ބައިގެ ބަދަލުގައި ގުދްސުގެ ކައިރީގައިވާ ސަރަހައްދުތަކެއްކަމަށްވެސް ބުނެފައިވެ އެވެ. ހުޅަނގު އައްސޭރީގެ އެންމެ މުހިއްމު ބައި ކަމަށްވާ އުރުދުންގެ ވާދީ ވެސް މިމަޝްރޫއުގައި ދީފައިވަނީ އިސްރާއީލަށެވެ. އަދި ހުޅަނގު އައްސޭރީގެ ބިމުގައި އދ. ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނާ ހިލާފަށް އިސްރާއީލު ބިނާކޮށްފައިވާ ޔަހޫދީ އަވަށްތައް ވެސް އޮތީ އިސްރާއީލަށް ލިބޭ ގޮތަށެވެ. ފަލަސްތީނުގެ ދައުލަތުގެ ބައިތައް އޮންނަނީ އެއްބައި އަނެއް ބަޔާ ނުގުޅޭގޮތަށް ހުޅަނގު އައްސޭރީގެ އެކިތަންތަންކޮޅުގަ އެވެ. އެދައުލަތުގެ އެއްބައި އަނެއް ބަޔަށް ވާސލްވާންޖެހެނީ އިސްރާއީލަށް ދޭ ބައިތަކުގެ ތެރޭގައި ހަދާ މަގުތަކެއްގެ ތެރެއިންނެވެ.

މިމަޝްރޫއުގައި ގުދްސުގެ ދެބައި ކަމުގައިވާ އިރުމަތީ ގުދްސާއި ހުޅަނގު ގުދްސަކީ އިސްރާއީލުގެ ދާއިމީ ވެރިރަށްކަމަށް ބުނެފައިވެއެވެ. މީގެއިތުރުން މިނިވަންކަންނެތް ފަލަސްތީނުގެ ދައުލަތުގައި ހަތިޔާރު ގެންގުޅުމާއި ސިފައިން ގެ ލަޝްކަރެއް އޮތުންވެސް މަނާކަމާއި އޮންނާނީ ހަމައެކަނި ފިސްތޯލަ ގެންގުޅުމުގެ ބާރު ލިބިފައިވާ ފަލަސްތީނުގެ ފުލުހުންގެ ލަޝްކަރެއްކަމަށްވެސް އެ މަޝްރޫއު ބުނެއެވެ. ޓްރަމްޕްގެ ދަނބިދަރި ޖެރާޑް ކުޝްނާ އިސްވެ ހުންނަވައިގެން އެކުލަވާލި މިއެއްބަސްވުން ބަލައިނުގަންނާނެކަން އެވަގުތު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވަނީ އިއްލާން ކުރައްވާފަ އެވެ. އަދި އެއީ ގަރުނުގެ މަކަރުވެރި މަޝްރޫއު ކަމަށް އައްބާސްވަނީ ސިފަކުރައްވާފަ އެވެ. ޓްރަމްޕްގެ މަޝްރުއު އިއުލާން ކުރެއްވުމާއެކު ފަލަސްތީނުގެ ރައްޔިތުންވަނީ އެއާ ދެކޮޅަށް މުޒާހަރާކޮށް އިހުތިޖާޖް ކުރުމަށްޓަކައި ހުޅަގުއައްސޭރިއާއި ޣައްޒާގެ މަގުތަކަށް ނުކުމެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު