ޗައިނާއަށް ނުދާ ޓައިވާން މީހެއްގެ ގައިން ކޮރޯނާ ވައިރަސް ފެނިއްޖެ

ޓައިވާންގެ ހޮސްޕިޓަލެއްގައި ބަޔަކު މާސްކު އަޅައިގެން-- ފޮޓޯ/އީޕީއޭ-އީއެފްއީ

ޗައިނާއިން ފެތުރެން ފެށި ނޮވެލް ކޮރޯނާ ވައިރަސް، އެގައުމަށް ނުދާ ޓައިވާން މީހެއްގެ ގައިން ފެނިއްޖެ އެވެ.

ޓައިވާންގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ އެގައުމުގެ ސަރުކާރުން ހިންގާ ނޫހެއް ކަމަށްވާ 'ފޯކަސް ޓައިވާނުން' ރިޕޯޓުކުރާ ގޮތުގައި އެ ބައްޔަށް ޕޮޒިޓިވްވީ އުމުރުން 50 އަހަރުގެ ފިރިހެނެކެވެ.

އެމީހާ ޗައިނާއަށް ނުދިޔަ ނަމަވެސް، އޭނާއަށް އެ ބަލި ޖެހުނީ މިފަހުން ޗައިނާއަށް ދިޔަ އޭނާގެ އަނބިމީހާގެ ފަރާތުން ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެ އެވެ.

ޗައިނާގައި އެ ބަލި އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީއަށް ދިއުމަށްފަހު އެ އަންހެން މީހާ އެނބުރި ޓައިވާނަށް އައީ މި މަހުގެ 20 ވަނަ ދުވަހުގަ އެވެ.

މިހާތަނަށް ޓައިވާނުގެ އަށް މީހަކަށް ނޮވެލް ކޮރޯނާ ވައިރަސް ޖެހިފައިވާއިރު، މިއީ ޗައިނާއަށް ނުދާ ޓައިވާނު މީހެއްގެ ގައިން އެ ބަލި ފެނުނު ފުރަތަމަ ފަހަރެވެ.

ޗައިނާގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުން ވެސް ފެންނަމުންދާ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 4،515 އަށް އަރާފައިވާއިރު، އެ ބަލީގެ ސަބަބުން 106 މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް