އިތުރު މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ

ހިމަބިހި ---

މިއަދު ހިމަބިއްސަށް ޓެސްޓު ކުރި މީހުންގެ ތެރެއިން އެކަކު އެ ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން މިއަދު އާންމުކުރާ 'ޑެއިލީ މީސްލްސް އަޕްޑޭޓް' ރިޕޯޓުން ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް 113 މީހުން އެ ބައްޔަށް ވަނީ ތަހުލީލުކޮށްފަ އެވެ.

އޭގެ ތެރެއިން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެއާއެކު މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ހަތަކަށް ވަނީ އަރާފަ އެވެ.

ރާއްޖެއިން ނައްތާލެވުނު ކަމަށް 2017 ވަނަ އަހަރު އިއުލާނުކުރި ހިމަބިހި އަލުން ފެންނަން ފަށާފައިވާއިރު، ބަލި އިތުރަށް ފެތުރުނަ ނުދިނުމުގެ ގޮތުން ހެލްތު މިނިސްޓްރީން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން ހިމަބިހިން ރައްކާތެރިވުމަށްދޭ ވެކްސިންގެ ދެ ޑޯޒް ހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ވަނީ ފަށައިފައެވެ. އަދި ހިމަބިއްސަށް ސްކްރީން ކުރެވޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސައިފައެވެ.

ހެލްތު މިނިސްޓްރީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެކްސިން ދިން 173 މީހުންނާއެކު މިހާތަނަށް ޖުމްލަ 4،025 މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.

ހިމަބިހި ކޮންޓްރޯލް ކުރުމަށް ހިންގާ ހަރަކާތުގެ ދަށުން ހަ މަސް ފުރި 18 މަސް ނުފުރޭ ކުދިންނަށް ހިމަބިހި ވެކްސިންގެ އިތުރު ޑޯޒެއް ވެސް ވަނީ ދޭން ފަށައިފައެވެ.

އެ މަސައްކަތުގެ ދަށުން މިހާތަނަށް 483 ކުދިންނަށް އިތުރު ޑޯޒު ވަނީ ދީފަ އެވެ.

comment ކޮމެންޓް