އިސްތިއުނާފު މަރުހަލާގައި ކުށްވެރިންނަށް ކަފާލާތުގެ ހައްގެއް ނޯންނާނެ: ޕީޖީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައިކޯޓަށް ހާޒިރުކުރުމަށް މާލެ ގެނައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ކަފާލާތުގެ ދަށުން ދޫކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕީޖީއިން މިހެން ބުނީ ރައީސް ޔާމީންގެ މަނީ ލޯންޑަރިން މައްސަލައިގައި މިއަދު ބޭއްވި ފުރަތަމަ އިސްތިއުނާފު އަޑުއެހުމުގަ އެވެ. ޔާމީންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރި އިރު ކަފާލާތުގެ ދަށުން ދޫކުރުމުގެ އަމުރަކާއި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް އެދިފައިވެ އެވެ.

ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމަށް އެދިވަޑައިގެން އެމަނިކުފާނުގެ ވަކީލުން އަބްދުﷲ ސިޔާޒް އާއި ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ، ހުކުމް ކުރުމުގެ ކުރިން މީހަކަށް ކަފާލާތް ދިނުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމުގައި އޮތް ކަމެއް ކަމަށެވެ. އަދި އެއީ އައިސީސީޕީއާރުގެ ދަށުން އަސާސީ ހައްގެއް ކަމަށްވެސް ވިދާޅުވި އެވެ. އެކަމާ މެދު ދައުލަތުންވެސް އެއްބަސްވި އެވެ. ހިޔާލު ތަފާތުވުން އުފެދުނީ ހުކުމެއް ކޮށްފައިވާ މީހަކަށް ކަފާލާތު ދެވޭނެ ކަމާ މެދު އެވެ.

ޑރ. ޖަމީލު ވިދާޅުވީ، ހުކުމެއް ކޮށްފައިވާ މީހަކަށް ކަފާލާތު ދެވޭނެ ކަމަށް ހައިކޯޓުން މީގެ ކުރިން ނިންމާފައި ހުރި ނިންމުންތަކުން އެނގޭ ކަމަށެވެ. އޭނާ ހަވާލާދެއްވި ހުކުމްތަކަކީ މީގެ ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ހުކުމްކޮށްފައި ވަނިކޮށް ކަފާލާތުގެ ދަށުން އެ ތިން ބޭފުޅުންވެސް ހައިކޯޓުން ދޫކުރި ހުކުމްތަކަށެވެ. ހައިކޯޓުން އެގޮތަށް ނިންމުން އުސޫލެއް ލިޔެވިފައި ނެތް ނަމަވެސް އުސޫލެއް އުފެދިފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލު ވިދާޅުވީ، ހުކުމެއް ކުރުމަށް ފަހުވެސް ބެއިލް ދިނުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކުރާ ކަމެއް ކަމަށެވެ. އަދި އެއީ ހައްގެއް ކަމަށެވެ.

އެކަމަށް ބާރުދޭން އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމާފައި ހުރި ބައެއް މައްސަލަތައް ޖަމީލް ފާހަގަ ކުރެއްވި އެވެ. އެކަމަކު، ދައުލަތުގެ ފަރާތުން ވާހަކަ ދެއްކެވި ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ ޑރ. ޖަމީލް ފާހަގަ ކުރެއްވި ހުކުމްތަކަކީ ތުހުމަތު ކުރެވޭ ބަޔަކަށް ކުުރި ހުކުމްތަކެއް ކަމަށާއި އެއީ ކުށް ސާބިތުވެފައިވާ ބައެއްގެ މައްސަލައެއް ނޫން ކަމަށެވެ.

އައިޝަތު މުހައްމަދު ވިދާޅުވީ، ހުކުމަށް ފަހު އެދޭ ބެއިލް ނުވަތަ "ޕޯސްޓް ކޮންވިކްޝަން" ބެއިލްއަކީ ރާއްޖޭގެ ގާނޫނީ ނިޒާމު ބަލައިގަންނަ ކަމެއް ނޫން ކަމަށެވެެ. އަދި އެއީ އެއްވެސް ގައުމެއްގައި އަސާސީ ހައްގެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޔާމީންގެ ހުކުމް ތަންފީޒު ކުރުމުގެ އަމުރެއް ނެރުމަށް އެދި ވަކީލު ސިޔާޒު ވިދާޅުވީ، ހުކުމް ތަންފީޒު ކުރުމުގެ އަމުރެއް ނުނެރެ ވުމުން އެމަނިކުފާނުގެ އިސްތިއުނާފުގެ ހައްގަށް އުނިކަން ލިބޭ ކަމަށެވެ.

އޭގެ އިތުރުން، ރައީސް ޔާމީނަކީ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރަށް ކަމަށްވާތީ އެމަނިކުފާނު ބަންދުގައި ހުރުމުން އެމަނިކުފާނަށް ވަނީ ސަރުކާރު ޖާވާބުދާރީ ކުރުވަން ދަތިވެފަ އެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަކީ މުޖުތަމައުގެ މަސްލަހަތު އޮތް "ޕަބްލިކު އިންޓްރެސްޓު" މައްސަލައް ކަމަށް ޑރ. ޖަމީލު ވިދާޅުވި އެވެ.

ރައްދެއްގެ ގޮތުން އައިޝަތު މުހައްމަދު ވިދާޅުވީ ކުށެއް ސާބިތުވުމުން ޕާޓީއެއްގެ ލީޑަރުގެ މަގާމު ގެއްލޭނެ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަކީ މިހާރު ޕާޓީއެއްގެ ލީޑަރެއް ކަމަކަށް ގާނޫނު ނުދަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޒިންމާދާރު ޕާޓީއަކަށް އެހެން ލީޑަރަކު އިންތިހާބު ކުރެވޭނެކަންވެސް އޭނާ ފާހަގަކުރެއްވި އެވެ. އެއާ އެކު ކޯޓު ތެރޭގައި ތިބި ރައީސް ޔާމީންގެ ސަޕޯޓަރުންގެ ފަރާތުން ހިތްހަމަނުޖެހުމުގެ އިޝާރާތްތައްވެސް ފެނުނެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ. ދެން އޮންނަ އަޑުއެހުމެއްގައި ކަފާލާތުގެ އަމުރާއި ހުކުމް ތަންފީޒު ކުރުމުގެ އަމުރާ މެދު ގޮތެއް ނިންމާނެ އެވެ. އެއަށް ފަހު އިސްތިއުނާފާ ބެހޭގޮތުން ވާހަކަ ދެކެވޭނެ އެވެ.

comment ކޮމެންޓް