އަންނަ މަހު ހަތެއްގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "މަލަންގް" ގައި ފިލްމުގެ އަންހެން ލީޑު ތަރި ދިޝާ ޕަޓާނީ ފެނިގެންދާނީ ވިލަން އެއްގެ ރޯލުން ކަމަށް އޭނާ ބުނެފި އެވެ.
ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ދިޝާ ބުނީ ނެގަޓިވް ރޯލުތަކަކީ އަބަދުވެސް ކުޅެލަން ބޭނުންވާ ރޯލެއް ކަމަށާއި މި ފިލްމުގެ ސްޓޯރީ ކިޔާދޭން ފެށިތާ ފަސް މިނެޓެއްހާ ތެރޭ އެ ފިލްމު ކުޅުމަށް އެއްބަސްވި ކަމަށް ދިޝާ ބުންޏެވެ. އޭނާ ބުނީ ނެގަޓިވް ރޯލުތަކަކީ މަދު މަދު ކުޅެން ލިބޭ ކަހަލަ ރޯލަކަށް ވުމާއެކު މި ފިލްމަށް އެއްބަސްވީ ކަމަށެވެ.
"މި ފިލްމުގައި އަހަރެންގެ އިންސްޕިރޭޝަން އަކީ އެންޖަލީނާ ޖޯލީ. އޭނާ އަކީ އާދަޔާ ހިލާފަށް މޮޅު އެކްޓަރެއް. އެންޖަލީނާ އަކީ ދުނިޔެއިން ވެސް އެންމެ މޮޅަށް ވިލަން ކެރެކްޓާ ކުޅޭ ތަރި،"
މި ފިލްމުގައި ދިޝާ އާއެކު ލީޑު ރޯލުން ފެނިގެންދާނީ އަދިތްޔާ ރޯއީ ކަޕޫރެވެ. ފިލްމުގައި އެދެތަރިންގެ އިތުރުން ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނިލް ކަޕޫރާއި ކުނާލް ކޭމޫވެސް ފެނިގެންދާނެ އެވެ.
ދިޝާ އާއި އަދިތްޔާގެ ކެމިސްޓްރީ ފެނިގެންދާ ފުރަތަމަ އޮން ސްކްރީން ފިލްމަކީ މި ފިލްމެވެ. ދިޝާ ބުނީ އަދިތްޔާ އަކީ އެކުގައި މަސައްކަތްކޮށްލަން ވަރަށް ފަސޭހަ އެކްޓަރެއް ކަމަށެވެ. ފިލްމުގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު އެދެތަރިންގެ ކެމިސްޓްރީ ވަރަށް ބޮޑަށް މެޗުވާ ކަމަށް ބެލުންތެރިން ބުނެއެވެ.