އެމެރިކާގެ ސުލްހައިގެ އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފަލަސްތީނުން ދެކޮޅު ހަދައިފި

ރައީސް ޓްރަޕް އަދި ރައީސް އައްބާސް --

ވޮޝިންޓަން (28 ޖަނަވަރީ 2020): ގަރުނުގެ އެއްބަސްވުމުގެ ނަމުގައި އެމެރިކާ އިން އެކުލަވާލަވާލާފައިވާ މެދު އިރުމަތީގެ ސުލްހައިގެ އެއްބަސްވުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮލަނަލް ޓަރަމްޕާ ވާހަކަ ދެއްކުމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ދެކޮޅުހައްދަވައިފި އެވެ.

އެ އެއްބަސްވުން އިއުލާން ކުރުމަށް ކަނޑައަޅާފައި ވަނީ މިއަދު ހަވީރު އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވައިޓްހައުސްގައި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ އޭނާ އިއްލާން ކުރައްވާ ޑީލް އޮފް ދަ ސެންޗަރީ މަޝްރޫއަކީ ފަލަސްތީނު މައްސަލައަށް އޮތް އެންމެ ރަނގަނޅު ހައްލުކަމަށާއި އެ ހައްލު ގަބޫލުކުރުމަށް ފަލަސްތީނުގެ ރައްޔިތުންނާއި ވެރިކަމުގެ އިދާރާގެ ކިބައިން އެދިވަޑައިގަންނަވާ ކަމުގަ އެވެ. މިކަމަށް ޓަކައި ފަލަސްތީނާ ވާހަކަ ދައްކަން ބޭނުންވާ ކަމަށާއި ނަމަވެސް އެކަންކުރުމުގެ ފުރްސަތު އޭނާއަށް ނުލިބޭކަން ޓްރަމްޕް ފާހަގަ ކުރެއްވި އެވެ.

އަނެއްކޮޅުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ޑީލް އޮފް ދަ ސެންޗަރީ މަޝްރޫޢާ ގުޅޭ ގޮތުން އޭނާއާ ފޯނުން ވާހަކަ ދެއްކުމަށް ފާއިތުވި ހައެއްކަ ދުވަހުގެ ތެރޭގައި ޓްރަމްޕް އެތައް ފަހަރެއްގެ މަތިން ކުރެއްވި މަސައްކަތަށް އިޖާބަ ދެއްވާފައިނުވާކަން ހާމަ ކުރައްވައިފަ އެވެ. ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ފަތްހު ޖަމާއަތުގެ ކައުންސިލް މެންބަރުންނާ ރޭ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ޑީލް އޮފް ދަ ސެންޗަރީ މަޝްރޫޢާ ގުޅޭ ގޮތުން ޓްރަމްޕް އޭނާ އާ ފޯނުން ގުޅުއްވުމުން ޓްރަމްޕްގެ ފޯނު ނަންގަވާފައިނުވާނެ ކަމަށާއި ފަލަސްތީނާ ގުޅޭ އެއްވެސް މައްސަލައެއްގައި ޓްރަމްޕާ އެކު ފޯނުން ވެސް އެނޫންގޮތަކަށް ވެސް ވާހަކަ ނުދައްކާނެކަން ތިން ވަނަ ފަރާތެއް މެދުވެރިކޮށް ޓްރަމްޕަށް އަންގާފައިވާނެ ކަމުގަ އެވެ.

ފަލަސްތީނުން އެމެރިކާއާ ގުޅުންތައް ކަނޑާލައި ފަލަސްތީނު މައްސަލަ ހައްލުކުރުމުގެ އެއްވެސް ކަމެއްގައި އެމެރިކާ އާ ވާހަކަ ނުދެއްކުމަށާއި އެމެރިކާ ބޮއިކަޓް ކުރުމަށް ނިންމީ އދ.ގެ ގަރާރުތަކާ ޚިލާފަށް އެމެރިކާއިން އެގައުމުގެ އެންބަސީ ގުދްސަށް ބަދަލުކުރުމާ ގުޅިގެންނާއި ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އިދާރާ (އުނަރުވާ އެޖެންސީ) އަށް އެމެރިކާ ޒަމާނުއްސުރެ ދެމުން އަންނަ އަހަރީ އެހީ ޓްރަމްޕްގެ ސަރުކާރުން ކަނޑާލުމުންނެވެ.

ޑީލް އޮފް ދަ ސެންޗަރީ އިއްލާން ކުރުމަށް ޓްރަމްޕް ތައްޔާރުވެ ވަޑައިގަންނަވާ އިރު އެ މަޝްރޫއުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމާއި ފަލަސްތީނުގެ ހައްގުތަކަށް އިސްރާއީލުން އިޢްތިރާފްވުމާއި ހުޅަނގު އައްސޭރީގެ ބިންތަކުން އިސްރާއީލު ފޭބުން ނުހިމެނޭތީ އެ މަޝްރޫއު ގަބޫލު ނުކުރުމަށް ނިންމެވިކަން އައްބާސްވަނީ މާކުރިން އިއްލާން ކުރައްވައިފަ އެވެ. އަދި ފަލަސްތީނުގެ ޖަމާއަތްތަކުން ވެސް އެ މަޝްރޫޢު އިއްލާން ކުރުމުގެ ކުރިން އެއާ ދެކޮޅަށް ހަނގުރާމަ އިއްލާންކޮށްފަ އެވެ. އެހެންކަމުން އެމެރިކާގެ މުހައްލިލުން ވަނީ ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް ޓްރަމްޕް ތައްޔާރު ކުރައްވާފައިވާ ޑީލް އޮފް ދަ ސެންޗަރީ މަޝްރޫއަކީ އެ މަޝްރޫއު އިއްލާން ކުރުމުގެ ކުރިން ވެސް މަރުވެފައިވާ މަޝްރޫ އެއްކަމަށް ސިފަކުރައްވައިފަ އެވެ.

ފަލަސްތީނުގެ ސަރުކާރާއި ރައްޔިތުންނާ އަދި ފަލަސްތީނުގެ ޖަމާއަތްތަކުން ގަބޫލުނުކުރާ ހައްލެއް ފަލަސްތީނުގެ މައްސަލަ އަށް ނުގެނެވޭނެ ކަމަށް މެދުއިރުމައްޗާ ބެހޭ އެމެރިކާގެ ކުރީގެ މަސްއޫލުވެރިންނާ އަދި އެމެރިކާގެ މުހައްލިލުން ވިދާޅުވެ އެވެ. ޓްރަމްޕްގެ ސަރުކާރުގެ އިސް މަސްއޫލުވެރިން ވަނީ ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް ޓަކައި އެމެރިކާ މީގެކުރިން ގެންގުޅުނު ދެ ދައުލަތުގެ ހައްލަށް ދެކޮޅު ހަދައި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް ޓަކައި ފަލަސްތީނުގެ މިނިވަން ދައުލެއް އުފެއްދުން މުހިއްމު ނޫންކަމަށް ވިދާޅުވެފަ އެވެ.

ޑީލް އޮފް ދަ ސެންޗަރީ އިއްލާން ނުކުރިނަމަވެސް އެއިން ލީކުވެފައިވާ މައުލޫމާތު ބުނާ ގޮތުން އެ މަޝްރޫގެ ދަށުން ފަލަސްތީނަށް އުފައްދައި ދޭންޖެހެނީ އިސްރާއީލުގެ ކޮންޓްރޯލް ގެ ދަށުގައި އޮންނަ ހަތިޔާރުނެތް މިނިވަން މުސްތަގިއްލު ނޫން އަދި ސިޔާދަތުވެސް ނެތް ދައުލަތެކެވެ. އެ ދައުލަތުގައި ހަތިޔާރު ގެންގުޅުމާއި ސިފައިން ގެ ލަޝްކަރެއް އޮތުން މަނަލެވެ. އޮންނާނީ ހަމައެކަނި ފިސްތޯލަ ގެންގުޅުމުގެ ބާރު ލިބިފައިވާ ފަލަސްތީނުގެ ފުލުހުންގެ ލަޝްކަރެކެވެ.

ފަލަސްތީނުގެ އެ ދައުލަތް ބިނާކުރާނީ އިސްރާއީލު ވެރިވެގެންފައިވާ ހުޅަނގު އައްސޭރީގެ 70 ޕަސެންޓް ބިމުގަ އެވެ. ނަމަވެސް ހުޅަނގު އައްސޭރީގެ އެއްވެސް ސަރަހައްދަކުން އިސްރާއީލު ސިފައިން ބޭލުން ނުހިމެނެ އެވެ. މިނިވަންކަން ނެތް އެ ދައުލަތުގެ ވެރިރަށަކީ ގުދްސުގެ އިރު އުތރުގައިވާ ކުޑަ އަވަށެއްކަމަށްވާ ޝަޢްފާތު ކަމަށް ވެސް ޑީލް އޮފް ދަ ސެންޗަރީ ބުނާކަމަށް ލީކުވެފައިވާ މައުލޫމާތު ބުނެއެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް