ޖަޕާނުގެ ބިލިއަނަރަކާ އެކު ހަނދަށް ދާން 20،000 އަންހެނުން!

ޔުސާކޫ މެޒާވާ -- ފޮޓޯ:ބިޒްނަސް އިންސަިއޑާ

ޖަޕާނުގެ މަޝްހޫރު ފެޝަން ބިލިއަނަރު ޔުސާކު މެޒާވާއެކު ހަނދަށް ދިއުމަށް 20،000 އަންހެނުން ކުރިމަތިލައިފި އެވެ. ޔުސާކޫގެ މި ދަތުރަކީ ދުނިޔެއިން ފުރަތަމަފަހަރަށް ކޮމާޝަލް ސްޕޭސް ފްލައިޓެއްގައި އަމިއްލަމީހަކު ހަނދަށް ދާން ކުރާނޭ ފުރަތަމަ ދަތުރެވެ.

ސްޕޭސް އެކްސް ސްޓާޝިޕްގައި 2023 ވަނަ އަހަރު ހަނދުވަށައި ކުރަން ހަމަޖެހިފައިވާ މި ދަތުރުގައި ޔުސާކޫއާއި އެކީ ބައިވަރިވާނޭ ލޯބިވެރިއަކު ހޮވުމަށް އޭނާ އިއުލާނު ކޮށްފައިވަނީ 'ފުލް މޫން ލަވާރސް' ގެ ނަމުގައި އޭނާ ހަދާ ހާއްސަ ރިއަލިޓީ ޓީވީ ޝޯ އަކުންނެވެ.

މި ޝޯގައި ބައިވެރިވުމުގެ މުއްދަތު މި ޖެނުއަރީ މަހުގެ 17 އަށް ހަމަވެފައިވާއިރު، ޝޯ ސްޓްރީމްކުރާ އަބެމާޓީވީ އިންވަނީ 20،000 އަށްވުރެ ގިނަ އަންހެނުން ޔުސާކޫގެ ބައިވެރިޔާއަށް ވުމަށްޓަކައި ކުރިމަތިލާފައިވާކަން ހާމަކޮށްފައެވެ.

ޖަޕާނުގެ އެންމެ ކާމިިޔާބު ފެޝަން ބްރޭންޑް ކަމުގައިވާ ޒޯޒޯގެ ވެރިޔާއަކީވެސް ޔުސާކޫ ކަމުގައިވާއިރު، މި ނިމުނު އަހަރު އޭނާވަނީ ޒޯޒޯގެ ސީއީއޯކަމުން އިސްތިއުފާދީ ކުންފުނީގެ 30 އިންސައްތަ ވިއްކާލާފައެވެ. އަދި ވަކިވުމުގެ ގޮތުން 2.3 ބިލިއަން ޑޮލަރުގެ އެގްޒިޓް ޕެކޭޖެއް އޭނާ ނެގިއިރު، މި ނިންމުމަކީ ހަނދަށް ދިއުމަށްޓަައި ފުރިހަމަ ކުރަންޖެހޭ ތަމްރީނުތަކަށް ވަގުތު ހުސްކުރުމުގެ ގޮތުން އޭނާ ނިންމި ނިންމުމެއްކަމަށް ވަނީ ބުނެފައެވެ.

އުމުރުން މިހާރު 44 އަހަރުގެ ޔުސާކޫއާއިއެކު ހަނދަށް ދިއުމަށްޓަކައި ކުރިމަތިލި ކުދިންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކެއްގެ ގޮތުގައި ލިސްޓުކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އުމުރުުން 20 އަހަރު ފުރިފައިވުމާއި، ދުނިޔޭގެ ސުލްހަމަސަލަސްކަމަށް ލޯބިކުރާ މީހަކަށްވުން ހިމެނެއެވެ.

މިއަހަރުގެ މާރޗްމަހުގެ ތެރޭގައި ޔުސާކޫއާއި އެކީގައި ހަނދަން ދާނެ ބައިވެރިއެއް ހޮވާނޭކަމަށް ވަނީ އިއުލާނުކުރެވިފައެވެ.

މި ނޫނަސް ޔުސާކޫއަކީ މިފަދަ ތަފާތު އެތައްކަމެއް ކުރަމުންދާމީހެކެވެ. މިގޮތުން ދާދިފަހުން އެނާވަނީ ޓްވިޓާއިން އޭނާ ފޮލޯކުރާ 1000 މީހުންގެ މެދުގައި 9 މިލިއަން ޑޮލަރު ބަހާނޭ ކަމަށް ބުނެފައެވެ. މިއީ ފައިސާ އިން މީހުން އުފާވޭތޯ ބެލުމަށް އޭނާ ކުރާ އިޖްތިމާއީ އެކްސްޕެރިމެންޓެއްގެ ބައެއްކަމަށްވެސް ޔުސާކޫވަނީ ބުނެފައެވެ.

comment ކޮމެންޓް