ގާސިމްގެ ގާތިލް އަދުހަމަށް އެހެން މައްސަލައެއްގައި އެއް އަހަރުގެ ޖަލު ހުކުމެއް

ޓެކްސީ ޑްރައިވަރު މަރާލިކަމަށް އިއުތިރާފުވި އަދުހަމް: މަގުމަތީގައި ތަޅުދަނޑި ޖަހާފައި ހުރި ސައިކަލެއް ނެގި މައްސަލައެއް ގައި އޭނާގެ މައްޗަށް ވަނީ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި --

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފްވެފައިވާ އަދުހަމް މުހައްމަދަށް އެހެން މައްސަލައެއް ގައި އެއް އަހަރާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް ކޮށްފި އެވެ.

އަދުހަމްގެ މައްޗަށް ކްރިމިނަލް ކޯޓުން އެ ހުކުމް ކޮށްފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ސާބިތުވުމުންނެވެ. އަދުހަމްގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ މަގުމަތީގައި ތަޅު ދަނޑި ޖަހާފައި ހުރި ޕީސީއެކްސް ސައިކަލެއް އެހެން މީހަކު މެދުވެރިކޮށް ވެރިފަރާތައް ނޭނގި ހުޅުމާލެއަށް ގެންދިއުމުންނެވެ.

ރަށްދެބައިމަގު ޑްރީމް ގެސްޓް ހައުސް ކުރިމަތީގައި ބަހައްޓާފައިހުރި އެ ސައިކަލް އަދުހަމް ހުޅުމާލެ އަށް ގެންގޮސްފައިވަނީ އެހެން މީހަކު މެދުވެރިކޮށް އޯގަސްޓް 25، 2016 ވަނަ ދުވަހުގެ ރޭ 3:00 އެހައިކަންހާއިރުއެވެ. އެ ދައުވާއަށް އަދުހަމް ވަނީ އިއުތިރާފް ވެފައެވެ. އަނެއް މީހާ ވަނީ ދައުވާއަށް އިންކާރު ކޮށްފަ އެވެ.

އެ ސައިކަލް ނަގައިގެން ހުޅުމާލޭ އާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީ އިން ގެންގޮސްފައިވަނީ ހުޅުމާލެ އަށެވެ. އަދި އޭގެ މަޑި ދަށުގައި ހުރި ސާމާނު އަދުހަމް ވަނީ ހުޅުމާލޭ ޓްރެކް ސަރަހައްދު ވަލުތެރެއަށް އުކާލާފަ އެވެ. ސައިކަލް ފެނިފައިވަނީ ހުޅުމާލޭ ޓާމިނަލް ކައިރީގައި ޕާކް ކޮށްފައި ހުއްޓަ އެވެ.

އަދުހަމަށް ކުރި ހުކުމް ލުއި ވެފައިވަނީ އިބްތިދާއީ މަރުހަލާގަ އާއި އަވަސް ނިޔާގެ މަޖިލީހުގައި އިއުތިރާފްވެފައިވާތީ އެވެ. އެކަމަށް އަދުހަމް އިންކާރު ކޮށް ދައުވާ ސާބިތުވީ ނަމަ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ތޫނު އެއްޗަކުން ހަމަލަދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު އެވެ. ގާސިމް ހަސަން މަރުވީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ކަމަށް އޭނާގެ ގާތިލް އަދުހަމް އިއުތިރާފްވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް