ޔާމީންގެ އިސްތިއުނާފު އަޑުއެހުން މާދަމާ، ޝަރީއަތް ލައިވް ނުކުރާނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް. އެމަނިކުފާނަށް ދަށު ކޯޓުން އިއްވި ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް މާދަމާ ހައިކޯޓުގައި ފަށާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް އިއްވި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް މާދަމާ ފަށަން ތާވަލުކޮށްފައި ވާއިރު، އިސްތިއުނާފް ޝަރީއަތް ވަގުތުން ދުރަށް ދައްކަން ނިންމާފައި ނުވާކަމަށް ހައިކޯޓުން ބުނެފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ގާތްގަނޑަކަށް އަށް މަސް ދުވަހަށް ދިގު ދެމިގެން ދިޔައިރު، ގިނަ އަޑުއެހުންތައް ވަނީ ޓީވީން ވަގުތުން ދުރަށް ދައްކައިފައެވެ. މިއީ ރާއްޖޭގައި ޝަރީއަތެއް ވަގުތުން ދުރަށް ދެއްކި ފުރަތަމަ ފަހަރެވެ.

ނަމަވެސް އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ލައިވް ކުރާ ގޮތަށް ހަމަޖެހިފައި ނުވާކަމަށް ހައިކޯޓުން ބުންޏެވެ. އިސްތިއުނާފު އަޑުއެހުން ތާވަލްކޮށްފައި ވަނީ މާދަމާ ހެނދުނު 11:15 އަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރުމަކީ މަނީލޯންޑްރީ ކަމަށް ބަލައިގެންނެވެ.

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި އިރު، ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް ވެސް ވަނީ ހުށަހަޅައިފައެވެ. ނަމަވެސް ކަފާލާތު ދިނުމާމެދު ހައިކޯޓުން ވަކި ގޮތެއް ނުނިންމާ ދިގުލައިގެން ދާތީ ރައީސް ޔާމީން އާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް