އިންޑިއާ އާއި ރާއްޖޭގެ ހުނަރުވެރިންނަށް ބޮޑު ފެސްޓިވަލެއް

ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން އެޗްޑީސީއިން އިންތިޒާމުކޮއްގެން ހުޅުމާލޭގައި ބޭއްވި މާލި ޕެރޭޑްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާ އާއި ރާއްޖޭގެ ސަގާފަތް ދިރުވުމަށް ތަފާތު ހުނަރުތައް ދައްކާލައި މުޅި ރާއްޖޭގައި ބޮޑު ފެސްޓިވަލެއް ބޭއްވުމަށް ނިންމައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ޑިރެކްޓަރު ޑރ. ސައެދު ތަންވީރު ނަސްރީން ވިދާޅުވީ ދިވެހިންނާއިން އިންޑިއާގެ ފަރާތްތަކުގެ ހުނަރުތައް އެއްތަން ދައްކާލުމުގެ ފުރުސަތު ލިބިގެންދާ ހާއްސަ ފެސްޓިވަލެއް އަންނަ މާޗު މަހުގައި ބާއްވާނެ ކަމަށެވެ.

މުޅި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ފެސްޓިވަލް ކުޅުދުއްފުށިން ފެށިގެން އައްޑޫއާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ނަސްރީން ވިދާޅުވިއެވެ.

އެ ފެސްޓިވަލްގައި ދެ ގައުމުގެ ފަރާތްތަކަށް ތަފާތު ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިއުޒިކާއި ނެށުމާއި އާޓް އަދި ކެލިގްރަފީ ފަދަ ހުނަރުތައް ދައްކާާލުމުގެ ފުރުސަތު ދެ ގައުމުގެ ފަރާތްތަކަށްވެސް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިންޑިއަން ކަލްޗަރަލް ސެންޓަރުން ދަނީ ރާއްޖެއާއި އިންޑިއާގެ ސަގާފީ ހަރަކާތްތައް ދިރުވައި އާލާކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ދެގައުމުގެ ދެމެދުގައި ހުނަރުވެރިން މެދުވެރިކޮށް އެކުވެރިކަން ވަރުގަދަ ކުރުމަށް ދާދި ފަހުން ވަނީ ހާއްސަ މައުރަޒެއްވެސް އެ ސެންޓަރުން ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް