މާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރުޑީސީއާ ހަވާލުކޮށްފި

މާލޭ ސްޓްރީޓްސްކޭޕިންގް ޕްރޮކެޓުގެ އެއްބަސްވުމުގައި ސޮއިކުރުން-- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ މަޝްރޫއު "މާލެ ސިޓީ ސްޓްރީޓްސްކޭޕިންގ ޕްރޮޖެކްޓު"ގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރ ޝިފާ މުހައްމަދެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މޫސާ އަލީ މަނިކެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މޭޔަރު ޝިފާ ވިދާޅުވީ އެ މަޝްރޫޢު ނިމުމުން މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބުމުގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ތައާރަފު ކުރުމަށްޓަކައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީ ކުރެވޭނެ ކަމަށެވެ.

ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދިނުމުގައި ބަލަނީ ކުރިއަށް އޮތް ތަނުގައި ސްކޫލް ކުދިންނަށް ބަހުގެ ހިދުމަތްތައްވެސް ލިބޭނެ ގޮތަކަށް ކަމަށް ޝިފާ ވިދާޅުވިއެވެ.

މީގެ އިތުރުން ޕާކިންގް ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ޕާކިންގް ސަރަހައްދުތަކެއްވެސް ތަރައްގީ ކުރެވޭނެކަމަށާއި އެފަދަ 21 ތަނެއް ދެނެގަނެވިފައިވާ ކަމަށް ޝިފާ ވިދާޅުވިއެވެ.

ކާނިވާ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޕާކިން ސަރަހައްދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ މަޝްރޫޢު ދަށުން މަގުތައް ތަރައްގީކުރުމަށް ރާވާފައިވަނީ އެކި ކެޓަގަރީތަކަށް ބަހާލައިގެންނެވެ. މަގުތައް ބަހާލެވޭ އާޓީރިއަލް ރޯޑްސް، ސިޓީ ރޯޑްސް، ސެކަންޑަރީ ރޯޑްސް އަދި ނެއިބަހުޑް ސްޓްރީޓްސްގެ އިތުރުން ޕެޑެސްޓްރިއަން ސްޓްރީޓްސްއެވެ.

ތަރައްގީކުރާ މަގުތައް ރައްޔިތުންގެ މަޖިލީހުގެ މާލެއަށް ނިސްބަތްވާ މެމްބަރުންނާއި މާލޭ ރައްޔިތުންގެ މަޝްވަރާތަކަށް ފަހު ދެނެގަނެވިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެއީ ހެންވޭރު އުތުރު، ހެންވޭރު ހުޅަނގު، ހެންވޭރު މެދު، މާފަންނު ހުޅަނގު، މާފަންނު އުތުރު، މާފަންނު މެދު އަދި މާފަންނު ދެކުނުގެ މަގުތަކެވެ.

ކުރިއަށް އޮތް ދެ އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގައި އިސްކަން ދޭނީ އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ މަގުތަކަށްކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

comment ކޮމެންޓް