ފަނާ ވިޔަކަސް އަގެއް ނެތް ޖިސްމުތައް

ޑރ. މުރާދު ވިލްފްރިޑް ހޮފްމަން

މި މަހުގެ 13 ވަނަ ދުވަހަކީ މުސްލިމް އުއްމަތަށް އައި ހިތާމަވެރި ދުވަހެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ބޮޑެތި މުފައްކިރުން އާލިމުންގެ ތެރޭގައި ގުނައިލެވޭނޭ ބޭފުޅެއް ކަމުގައި ވާ ޑރ. މުރާދު ވިލްފްރިޑް ހޮފްމަން ވަނީ އެ ދުވަހު މި ދުނިޔެ ދޫ ކުރައްވައި އާޚިރަތުގެ ގޮވައްޗަށް ދަތުރުފުޅު ކުރައްވައިފައެވެ. އޭނާ އަވަހާރަ ވީ އުމުރުފުޅުން އައްޑިހަ އަށް އަހަރުގައެވެ. ދުވަސްގަނޑަކު އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައެވެ. މާތްރަސްކަލާނގެ އެ މާތް މަރުހޫމުގެ ފުރާނަފުޅަށް ޖަންނަތުލް ފިރްދައުސްގެ އާގިބަތު ދެއްވަވައި، ނަބިއްޔާގެ ސުހުބަތުން ނިއުމަތް ދެއްވަވާށިއެވެ. ޑރ. މުރާދު އަޅުގަނޑުމެންނާ ވަކި ވެވަޑައިގަތީއެވެ. ނަމަވެސް އިސްލާމީ އުއްމަތް ދެމިއޮތްހައި ހިނދަކު އޭނާގެ ޒިކުރާޔަކަށް ނިމުމެއް އަންނާނޭ ކަމަކަށް ނުފެނެއެވެ. ދިވެހި ޅެންވެރިޔަކު ވިދާޅުވެފައި ވާ ފަދައިން، "ދާދި އަވަހަށް ނެތި ފަނާ ވިޔަކަސް އަގެއް ނެތް ޖިސްމުތައް، ތާ އަބަދު ދެމިހުންނަނިވި ޒިކުރާޔަކަށް ނިމުމެއް ނެތޭ" މި އުސޫލުންނެވެ.

ނަވާރަ ސަތޭކަ އެއްތިރީސް ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މުރާދު ހޮފްމަނަކީ ޖަރުމަން ވިލާތުގެ ބެއިފުޅެކެވެ. ކްރިސްޓިޔަން ކެތޮލިކް އާއިލާޔަކަށް އުފަން ވެވަޑައިގަތް ބެއިފުޅެކެވެ. ގާނޫނީ އިލްމުގެ ދާއިރާއިން ހާރވަރޑް ޔުނިވަރސިޓީން މަތީ ތައުލީމު ފުރިހަމަ ކުރެއްވުމަށް ފަހު، އޭނާ ޖަރުމަނުގެ ޚާރިޖީ ޚިދުމަތުގެ ދާއިރާޔާ ގުޅިވަޑައިގަތީ 1961 ގަ އެވެ. ހޮފްމަން ދެކެވަޑައިގެންނެވި ގޮތުގައި ގާނޫނީ ޕްރޮފެޝަނުގައި މަސައްކަތް ކުރެއްވުމަށް ވުރެ ބޮޑަށް ގައުމަށް އޭނާގެ ބޭނުން ހިފޭނީ ޚާރިޖީ ދާއިރާގައެވެ. އެ ދުވަސްވަރަކީ ދެވަނަ ބޮޑު ހަނގުރާމަޔަށް ފަހުގައި ޚާރިޖީ ދާއިރާގައި ޖަރުމަނުގެ ތަސައްވުރާއި އިތުބާރު ބިނާ ކުރުމަށް ޓަކައި ގައުމުގެ ދަރީންގެ ކިބައިން ބޮޑެތި ގުރުބާނީތަކަކާއި ޚިދުމަތްތަކަށް ބޭނުން ޖެހިފައި އޮތް ދުވަސްވަރަކަށް ވާތީއެވެ.

އެންމެ ފުރަތަމަ ހޮފްމަން މަސައްކަތް ކުރެއްވީ އަލްޖީރިޔާގައި އޮތް ޖަރުމަނުގެ ޑިޕްލޮމެޓުންގެ ޓީމުގައެވެ. އެ ތަޖުރިބާޔަކީ އޭނާގެ ހަޔާތްޕުޅު މުޅީން ބަދަލު ކޮށްލި ތަޖުރިބާއެކެވެ. އެ ދުވަސްވަރަކީ ފަރަންސޭސި އިސްތިއުމާރުގެ އަނިޔާވެރި އަދި ފަނާކުރަނިވި މަނަހުން ސަލާމަތް ވުމަށް ޓަކައި އަލްޖީރިޔާގެ ރައްޔިތުން ކުރި ހަނގުރާމައިގެ ދުވަސްވަރެވެ. އެހެންކަމުން އަލްޖީރިޔާގެ މައިދާނުން، އަލްޖީރިޔާގެ މަސްރަހުން، ހޮފްމަނަށް އިސްތިއުމާރާއި އިސްލާމީ އުއްމަތުގެ ކުރިމަތިލުމުގެ ދެކޮޅާއި ވަތުބަތާނަ ނިކަން ރީތިކޮށް ފެނިވަޑައިގަތެވެ. ނަތީޖާޔަކީ އޭނާގެ އިންސާފުވެރި އަދި އިންސާނީވަންތަ ހިތްޕުޅާއި ސިކުނޑިފުޅަށް މުސްލިމުންނާ މެދު އިސްތިއުމާރީ ޔޫރަޕުން ހިންގަމުން ގެންދިޔަ ނުބައި ޖަރީމާތަކާ މެދު ނުރުހުންފުޅާއި ކޯފާގެ ޝުއޫރުތައް އުފެދުމެވެ. މި ޝުއޫރުތައް އޭނާގެ ކުރިމަތީގައި ކޮށައިދިން މަގުން ހިންގަވައި، އިސްލާމް ދީނަކީ ހައްގު ދީންކަމުގެ އަލިގަދަ ހަގީގަތާ ހަމަޔަށް އޭނާ ވަޑައިގަތެވެ. ދިގު މުއްދަތެއްގެ ދިރާސާތަކާއި، ތަހުގީގުތަކަށް ފަހު، ހޮފްމަން ޝަހާދަތުގެ މަތިވެރި ދެ ކަލިމަފުޅު ވިދާޅުވެ، އެންމެ މަތިވެރި ހަގީގަތަށް އިއުތިރާފު ވެވަޑައިގަތީ 1980 ގައެވެ.

ހޮފްމަންގެ ދިރާސާތަކާއި ތަހުގީގުތަކުގެ ތެރެއިން އޭނާޔަށް އެންމެ ބޮޑަށް އަސަރު ކުރުވި އެކައްޗަކީ މުސްލިމުންގެ އާޓާއި ފަންނުވެރިކަމެވެ. މީގެ އިތުރުން، އޭނާގެ ހިތްޕުޅުގައި އެންމެ ކުރީއްސުރެ ވެސް ސެއިންޓް ޕޯލްގެ ތައުލީމާތުގެ މައްޗަށް ބިނާ ވެފައި އޮތް ސަލާސިއްޔާތީ ކްރިސްޓިޔަނިޓީއާ މެދު އޮތީ ޝައްކުތަކާއި ވަހުމުތަކެވެ. އިސްލާމް ދީނުގެ ސާފުސީދާ ތައުލީމާތުގެ ތެރެއިން، އޭނާޔަށް "ޕޯލައިން ކްރިސްޓިޔަނިޓީ" އަކީ ކަނޑައެޅިގެން ބާތިލު، އިންސާނުންގެ އަތްތަކުން ފާސިދު ކޮށް ތަޣައްޔަރު ކޮށްފައި އޮތް އެއްޗެއްކަން ޔަގީން ވެވަޑައިގަތީއެވެ.

އިސްލާމް ވެވަޑައިގަތުމަށް ފަހު، ހޮފްމަން ރަސްމީކޮށް ލިޔުމަކުން ޖަރުމަނުގެ ޚާރިޖީ ވުޒާރާޔަށް އޭނާގެ ނިންމެވުމުގެ މައުލޫމާތު ހިއްސާ ކުރެއްވިއެވެ. އަދި އެކަމާ ގުޅިގެން ވުޒާރާއިން ނިންމާ ކޮންމެ ނިންމުމަކާ މެދު ޝަކުވާއެއް ނެތި ރުހިވަޑައިގެން ހުންނަވާނޭކަން ވެސް އެންގެވިއެވެ. ޖަރުމަނުގެ ކަމާބެހޭ ފަރާތްތަކުން ކަންތައްތައް ކުރީ ވަރަށް ރަނގަޅަށެވެ. ޚާރިޖީ ޚިދުމަތުގައި ހޮފްމަންގެ މަގާމާއި މަސައްކަތްޕުޅަށް އެއްވެސް ބަދަލެއް ނާންނާނޭކަމާއި، އޭނާ އިސްލާމް ދީން އިޚްތިޔާރު ކުރެއްވިކުރެއްވުމަކީ އޭނާގެ އަމިއްލަފުޅު ޝަޚްސީ ކަމެއްކަމާއި، އެކަމާ ގުޅިގެން އެއްވެސް މައްސަލައެއް ދިމާނުވާނޭކަން އެންގިއެވެ. އޭގެ ފަހުން ވެސް ހޮފްމަން ޖަރުމަނާއި، އަދި ނޭޓޯގެ އެކިއެކި މަގާމުތަކުގައި ވެސް ދިގު މުއްދަތެއް ވާންދެން މަސައްކަތް ކުރެއްވިއެވެ. އޭގެ ތެރޭގައި ނޭޓޯގެ ޑިރެކްޓަރ އޮފް އިންފޮރމޭޝަންގެ މަގާމާއި، އަލްޖީރިޔާއަށް ކަނޑައަޅައިފައި ހުންނަ ޖަރުމަނުގެ އެންބެސެޑަރުގެ މަގާމާއި، މޮރޮކޯއަށް ކަނޑައަޅައިފައި ހުންނަ ޖަރުމަނުގެ އެންބެސެޑަރުގެ މަގާމު ހިމެނެއެވެ.

ރަސްމީ މަގާމުތަކުގެ އިތުރުން، ހޮފްމަނަކީ އިސްލާމް ދީނަށް ޚިދުމަތް ކުރެއްވުމުގެ ވަރަށް ކުލަގަދަ ރިކޯޑެއް އޮތް ބެއިފުޅެކެވެ. ޖަރުމަނުގެ މުސްލިމުންގެ ޒައާމަތުގައި ހިމެނިވަޑައިގަތް އިސް ބެއިފުޅެކެވެ. އެގޮތުން އޭނާ ޖަރުމަނުގެ ސެންޓްރަލް ކައުންސިލް އޮފް މުސްލިމްސްގެ ޝަރަފުވެރި މެންބަރުކަމާއި މުސްތަޝާރުކަން ކުރެއްވިއެވެ. ނަމަވެސް އޭނާގެ އަގު ނުކުރެވޭނޭ މަތިވެރި ޚިދުމަތްތަކުގެ ތެރެއިން އެންމެ މުހިއްމު ޚިދުމަތްތަކަކީ އިސްލާމް ދީނާއި އިސްލާމީ އުއްމަތާއި މިއަދުގެ ދުނިޔެއާ ބެހޭ ގޮތުން އޭނާ ލިޔުއްވި އިލްމީ ފޮތްތަކެވެ. އެއިން ކޮންމެ ފޮތަކީ މިއަދު މުސްލިމުން ކިޔައި ދިރާސާ ކުރުން ކޮންމެހެން ޒަރޫރީ، ކޮންމެހެން ލާޒިމު ފޮތެކެވެ.

ހޮފްމަން އިސްލާމް ދީނާ ބެހޭގޮތުން ދިހަވަރަކަށް ފޮތް ލިޔުއްވިއެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު ފޮތްތަކަކީ އިސްލާމް ދީނާއި މުސްލިމް ދުނިޔެ އޭނާޔަށް ތައާރަފު ވި ގޮތާއި، އޭނާ އިސްލާމް ވެވަޑައިގެންނެވި ގޮތާ ބެހޭގޮތުން ލިޔުއްވި "ޑައިރީ އޮފް އަ ޖަރމަން މުސްލިމް" އާއި، މި ޒަމާނުގެ ދުނިޔެއަށް ކުރިމަތި ވެފައިވާ ބޮޑެތި މައްސަލަތަކުގެ ހައްލު އޮތީ އިސްލާމް ދީނުގައިކަން އިލްމީ ގޮތުން ސާބިތު ކުރައްވައި ލިޔުއްވި "އިސްލާމް ދި އޯލްޓަރނޭޓިވް" އާއި، "ޖާރނީ ޓު މައްކާ" އެވެ. މީގެ އިތުރުން އޭނާ ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި އިސްލާމް ދީނާ ބެހޭ ގޮތުން ގިނަ އަދަދެއްގެ ލެކްޗަރތައް ދެއްވައި، ޓީވީ ޕްރޮގްރާމްތަކުގައި ވެސް އިސްލާމް ދީނާ ބެހޭގޮތުން މައުލޫމާތު ދެއްވައިފައެވެ.

ޑރ. މުރާދު ހޮފްމަން އަވަހާރަ ވުމުގެ ޚަބަރު މުޅި އިސްލާމީ ދުނިޔޭގައި، ބޮޑު ޚަބަރެއްގެ ގޮތުގައި ކަވަރު ކުރެވުނެވެ. އިސްލާމީ ގައުމުތަކުގެ ޓީވީތަކާއި ނޫސްތަކުގެ ފަލަ ސުރުޚީގައި އެ ވާހަކަ އޮތެވެ. ނަމަވެސް އިސްލާމް ދީނާއި އިސްލާމީ އުއްމަތާ ގުޅުން ކަނޑައިލައިގެން އުޅޭ ދިވެހިރާއްޖޭގައި، އަޅުގަނޑު އެ ޚަބަރު ދުށީ އެންމެ ނޫހަކުންނެވެ. ބަޔަކު ޖާހިލުކަމުގެ އަނދިރީގެ ތެރެޔަށް ވަދެއްޖެ ނަމަ، ދެރަޔާއި ގެއްލުން ލިބޭނީ އެ ބަޔަކަށެވެ. އަލްމަރްޙޫމް ޑރ. މުރާދު ވިލްފްރިޑް ހޮފްމަނަށް މާތްރަސްކަލާނގެ ޖަންނަތުލް ފިރްދައުސްގެ މަތިވެރި ނިއުމަތް ގިނަގުނަ ވެގެންދާނޭ ގޮތުގެ މަތީން މިންވަރު ކުރައްވާށިއެވެ. އިސްލާމީ ދުނިޔޭގެ މި މަތިވެރި މުފައްކިރު ދޫކުރެއްވި އިލްމީ ލެގަސީން އަޅުގަނޑުމެންނަށް ފައިދާޔާއި މަންފާ މިންވަރު ކުރައްވާށިއެވެ. ކަށަވަރު ޔަގީނެވެ. ދާދި އަވަހަށް ނެތިފަނާ ވިޔަކަސް އަގެއް ނެތް ޖިސްމުތައް، ތާއަބަދު ދެމިހުންނަނިވި ޒިކުރާޔަކަށް ނިމުމެއް ނެތެވެ.

comment ކޮމެންޓް