ޔުވެންޓަސްގެ އެއްބަސްވުން ހަމަވުމުން ސަރީ ކޯޗުކޮށްދިނުން ހުއްޓާލަނީ

ޔުވެންޓަސްގެ ކޯޗު މޯރީޒިއޯ ސަރީ ---

އިޓާލިއަން ލީގުގައި މިވަގުތު އެއްވަނައިގައި އޮތް ޔުވެންޓަސްއާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަށްފަހު ކޯޗުކަން ކޮށްދިނުން ހުއްޓާލަން ނިންމާފައިވާކަމުގެ އިޝާރާތެއް މޯރީޒިއޯ ސަރީ ކޮށްފި އެވެ.

އުމުރުން 61 އަހަރުގެ ސަރީގެ ކޯޗިންގް ކެރިއަރުގެ 30 ވަނަ އަހަރު ފަށާފައިވާ އިރު އޭނަގެ ކެރިއަރުގެ ބޮޑުބައި ހޭދަކުރީ އިޓަލީގެ ކުލަބުތަކުގަ އެވެ. އެގޮތުން އިޓަލީގެ އެންމެ ގަދަ އެއްބާރު ކަމުގައިވާ ނަޕޮލީގެ ކޯޗުކަން ދުވަސްތަކެއް ވަންދެން ކޮށްދިން އިރު ސަރީ ވަނީ ނަޕޮލީއާ އެކު ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ.

އެންމެ ފަހުން އިނގިރޭސި ލީގުގައި ވާދަކުރާ ޗެލްސީއަށް ކޯޗުކަން ކޮށްދިނުމަށްފަހު ސަރީ ޔުވެންޓަސްއަށް ބަދަލުވީ މި ސީޒަނަށެވެ. އޭނާގެ ކޮންޓްރެކްޓުގައި އަދި ބާކީ ތިން އަހަރު އޮތް އިރު ސަރީއަކީ މިވަގުތު ޔޫރަޕުގައިވެސް ހުރި އެންމެ ތަޖުރިބާކާރު އެއް ކޯޗެވެ. އަދި އޭނާ ހޯދުމަށް އަދިވެސް ޔޫރަޕުގެ ބައެއް ކުލަބުތަކުން ދަނީ މަސައްކަތްކުރަމުންނެވެ.

އެކަމަކު ޔުވެންޓަސްއާއެކު އެއްބަސްވުން ހަމަވުމުން ކޯޗުކަމުން ރިޓަޔާކުރުމާ ބެހޭ ގޮތުން ސަރީ ވަނީ ދާދި ފަހުން ވާހަކަ ދައްކައިފައެވެ. ސަރީ ބުނީ ޔުވެންޓަސްއަކީ އޭނާގެ ކޯޗިންގް ކެރިއަރުގެ ފަހު ސޮފުހާކަމުގައި ވުމަކީ ގާތްކަމެއް ކަމަށެވެ.

"ޔުވެންޓަސްގެ ތަޖުރިބާއަށްފަހު ކޯޗުކަމުން ރިޓަޔާކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް. އެ ހުރިހާ ކަމެއް ބަރޯސާ ވަނީ މި ދައުރު ހަމަވާ އިރު އަހަރެންގެ ގައިގައި އެކަމަށް ހުރި ހަކަތައަށް. އަހަރެން ބޭނުމެއް ނޫން މިކަމަށް އެއްކޮށް ހުސްނުވެވޭ ގޮތަކަށް ހާލަތު ހުރެއްޖެނަމަ އިތުރަށް ކުރިއަށް ދާކަށް،" ސަރީ ބުންޏެވެ.

ސަރީ ބުނީ އޭނާގެ އެއްބަސްވުން ނިމުމުގެ ކުރިން ވެސް ހާލަތަށް ބަލައި ގޮތެއް ނިންމަން ޖެހިދާނެ ކަމަށެވެ. އެކަމަކު އެއްބަސްވުން ނިމޭ އިރު އިތުރު ޗެލެންޖެއް ނަގަން ބޭނުން ވެއްޖެ ނަމަ އެ ޗެލެންޖެެއް ނަގާނެ ކަމަށް ވެސް ސަރީ ބުންޏެވެ.

ޔުވެންޓަސްއިން ލީގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި އެ ޓީމުން އަންނަ އާދީއްތަ ދުވަހު ރަށުން ބޭރުގައި ބައްދަލުކުރާނީ ނަޕޮލީއާ ދެކޮޅަށެވެ. ސަރީގެ ކުރީގެ ޓީމު ކަމަށްވާ ނަޕޮލީއާ ދެކޮޅަށް ނުކުންނަ އިރު އެ ޓީމު މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ. މި ސީޒަނުގައިވެސް ދެ ކޯޗަކު އެ ޓީމުން ވަކިކޮށްފައިވާ އިރު ނަޕޮލީގައި ތިބި ބައެއް ކުޅުންތެރިން ވެސް ވަނީ އެހެން ކުލަބުތަކަށް ބަދަލުވާން ފަށައިފައެވެ.

comment ކޮމެންޓް