ޓޮމްގެ "އަންޗާޓެޑް" އަންނަ އަހަރަށް ލަސްވެއްޖެ

ޓޮމް ހޮލެންޑް ފެނިގެންދާނީ އަންޗާޓެޑްގެ ނޭތަން ޑްރޭކްގެ ރޯލުން --- ފޮޓޯ : ހޮލީވުޑް ރިޕޯޓާ

ޓޮމް ހޮލެންޑް ލީޑް ރޯލުން ފެނިގެންދާ "އަންޗާޓެޑް" ފިލްމު ރިލީޒުކުރުން 2021 އަށް ލަސްވެއްޖެއެވެ.

މަޝްހޫރު ގޭމް ފްރެންޗައިޒްގެ ފިލްމު ތައްޔާރުކުރުމަށް ޓޮމް ހޮލެންޑު ތައްޔާރުވެފައިވާއިރު އެ ފިލްމުގެ ތިންވަނަ ޑައިރެކްޓަރުވެސް ވަނީ ޕްރޮޑަކްޝަން ޓީމާ ދާދި ފަހުން ވަކި ވެފައެވެ.

މީގެކުރީން އެ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރުގެ 17ގައެވެ. ނަމަވެސް ޑައިރެކްޓަރެއް ނެތުމުގެ ސަބަބުން ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައެވެ.

ޕްރޮޑަކްޝަން ޓީމުން މިހާރު ބުނަނީ އެ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗު ފަހެއްގައި ކަމަށެވެ.

އަންޗާޓެޑްގެ ޕްރޮޑަކްޝަން ޓީމުގައި ހިމެނޭ ޑައިރެކްޓަރެއް ކަމަށްވާ ޓްރެވިސް ނައިޓްލީ ވަނީ ޕްރޮޑަކްޝަން ޓީމާ ވަކިވެފައި ކަމަށް މި މަހުގެ ކުރީކޮޅުގައި ވަނީ ބުނެފައެވެ.

ފިލްމުގެ ލީޑުން ފެނިގެންދާ ޓޮމް ހޮލެންޑް ކުޅޭނީ ނޭތަން ޑްރޭކްގެ ރޯލުންނެވެ. ލީޑް ރޯލަށް ޓޮމް ހަމަޖެއްސި ނަމަވެސް އޭނާ ބޮޑަށް އިސްކަން ދެނީ މާވެލްގެ ސްޕައިޑާމޭންއަށް ކަމަށް ޚަބަރުތައް ބުނެއެވެ.

ސްޕައިޑާ މޭންގެ ޝޫޓިން މި އަހަރުގެ މެދުތެރޭގައި ފަށާއިރު ޓޮމް ބޮޑަށް ބަލަނީ އެ ފިލްމަށް ކަމަށް ބައެއް ފަރާތުން ބުނެއެވެ. އެހެންކަމުން ޝެޑިއުލްކުރުމުގައި މައްސަލަތައް ދިމާވަމުންދާ ކަމަށް ޕްރޮޑަކްޝަނުން އިޝާރާތްކޮށްފައިވެއެވެ.

comment ކޮމެންޓް