މަ ލޯތްބެއް ދެން ނުވާނަމޭ... - 15

ހިމީގެ މަ ލޯތްބެއް ދެން ނުވާނަމޭ...

އިޔާންއާއި އައިރީންގެ ގުޅުމާމެދު ޒަލަފް ހިންހަމަނުޖެހޭކަން އިޔާންއަށްވެސް އެނގެއެވެ. އެ ގުޅުން އެއަށްވުރެ ގާތްވާން ޖެހޭނެކަމަށް ޒަލަފް ގަބޫލުކުރަނީއެވެ. މިއަދުވެސް ދެވަނަ ފަހަރަށް އޭނާއަށް ޒާނާގެ ވާހަކަ ދެއްކުމާއެކު ޒަލަފްއައީ އަމަށަކު ރުޅިއެއް ނޫނެވެ. އެކަމާ އިޔާންހުރީ ބޯ ގޮވާފައެވެ. ޒަލަފް ޒާނާ ދެކެ ރުޅި އަންނަ އިތުރު ސަބަބެއް އޮވެދާނެޔޭ ހިތަށް އެރިނަމަވެސް ވިސްނާ ވިސްނާވެސް އޭނާއަށް އެ ސަބަބެއް ނުހޯދުނެވެ.

ކޮންމެއަކަސް ހަލުވިކަމާއެކު ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ދެފަހަރެއްގެ މަތިން ޒާނާ އިޔާންއަށް ފެނުނުނަމަވެސް އޭނާ ޒާނާއަށް ސަމާލުކަން ނުދީ ވޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެއިން ކޮންމެ ފަހަރަކު އޭނާއަށް ކުރިމަތިލާންޖެހެނީ ނާކާމިޔާބީއާއެވެ. ޒާނާގެ ތުންފަތް މައްޗަށް ވެރިވަނީ ކާމިޔާބުގެ ހިނިތުންވުމެކެވެ. ޒާނާގެ ބޭވާފާތެރިކަމަށްފަހުގައިވެސް އިޔާންގެ ހިތުން އެ ނަން އަދިވެސް ފުހުލެވޭ ގޮތެއް ނުވެއެވެ. އޭނާ އަންހެން ކުދިންދެކެ ފޫހިވި ހަޤީޤީ ސަބަބަކީ ޒާނާއެވެ. ކައިވެންޏަކާ ހަމައަށް ދާން ބޭނުން ނުވި ސަބަބަކީ ވެސް ޒާނާއެވެ. އައިރީންދެކެ އެ އާދެވޭ ރުޅީގެ ފަހަތުގައި ހުރި މީހަކީވެސް ހަޤީޤަތުގައި ޒާނާއެވެ.

އިޔާންއާއި ޒާނާއާއި ދިމާވީ މެލޭޝިއާގައި އިޔާން ކިޔަވަން ހުރި އަހަރުއެވެ. ޔުނިވާރސިޓީން ދިމާވެ ދެމީހުން އެކުވެރިވެ މާގިނަ ދުވަސްތަކެއްނުވެ އެ ގުޅުން ލޯތްބަށް ބަދަލުވީއެވެ. އެއަށްފަހު އިޔާން އާއި ޒާނާއާއި ދެމީހުން އެކުގައި ގިނަވަގުތުތަކެއް ހޭދަކުރިއެވެ. އޭރު ޒާނާގެ ހަޤީޤީ ސޫރައެއް އިޔާންއަކަށް ނޭނގެއެވެ. އިޔާންގެ އިޙްސާސްތަކާ ޒާނާ ކުޅެމުންދިޔައީ ކުޅަދާނަކަމާއެކުގައެވެ. އިޔާން އެ އުޅެނީ އަދިވެސް ޒާނާގެ އެއްވެސް ހަނދާނަކާ ދުރަށް ނުދެވިގެންނެވެ.

އައިރީންވެސް އެރޭގެ މަތިން ހަނދާން ނައްތާލާފައި އިޔާންއާއި ވާހަކަ ދައްކަންފެށިއެވެ. އެކަންވީ އަނެއްކާވެސް އިޔާންއަށް ބަރުދާސްތު ކުރަން ދަތިކަމަކަށެވެ. އަނެއްކޮޅުން ޒާނާ ފެންނާތީ އެކަމާވެސް އޭނާ ހުރީ ބޯ ގޮވާފައެވެ. އަނެއްކާވެސް މަޑުމަޑުން ކުރީގެ އުޅުމަށް އިޔާން ދިޔައެވެ. އަންހެން ކުދިން ގެއަށް ގެންނަން ފެށީއެވެ. އައިރީން ކުރިމަތީގައެވެ. އެ ނާޒުކު ހިތަށް ކުރާނޭ އެއްވެސް އަސަރަކާއިމެދު ވިސްނާލުމެއް ނެތިއެވެ.

އަމިއްލަ އިޙްސާސްތައްވެސް ދެނެގަންނަން ނޭނގުނު އިޔާން ހިތުން ދެން މާކަ ގިނަ ދުވަހެއްނުވެ އައިރީން ވަރިއަށް އެދިފާނެއެވެ. އޭނާ ވަރިނުކޮށްފިނަމަ ކޯޓަށް ވެސް ގޮސް ދާނެއެވެ. އޭނާ ބޭނުންވަނީވެސް އެގޮތެވެ. އޭރުން އޭނާ ވަރިކުރި ކަމަކަށް ނުވާނެނޫންހެއްޔެވެ؟ ބައްޕަމެންނަށްވެސް ބުނެވޭނެ އެއްވެސް އެއްޗެއް ނޯންނާނެއެވެ.

ޒަލަފްއާއި ސުމާގެ ގުޅުން ހީނަރުވެފައިވަނީ ސުމާގެ ހުންނަ މިޒާޖުގެ ސަބަބުންނެވެ. އަބަދާ އަބަދު ޒަލަފް ގާތު ފައިސާ ދޭން ކިޔުމާއި ޒަލަފް ގެ ކާރު ގެންގުޅެލަން ދޭން ބުނުން އާދައަކަށްވީއެވެ. އެކަމާ ޒަލަފް ހިންހަމަ ނުޖެހިގެން އެއްޗެއް ބުނީމާ ސުމާ ޒަލަފް ދެކެ ރުޅިއައީއެވެ. ސުމާ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ޒަލަފް އެ މައްސަލަ ހައްލު ކުރެވޭތޯ މަސައްކަތް ކުރިނަމަވެސް ސުމާ ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. އެކަމާ ބެހޭގޮތުން ޒަލަފް އިޔާންއާއި މަޝްވަރާ ކުރަން ބޭނުންވިނަމަވެސް އިޔާންގެ ދިރިއުޅުންވެސް ދަނީ އޮމާންކަމާއެކު ނޫންކަން އެނގޭތީ މަޑުކޮށްލައިގެން ހުރީއެވެ. ބައެއްފަހަރު ސުމާ ދޫކޮށްލަންވެސް ހިތަށް އަރައެވެ. އެކަމަކު ސުމާ ދެކެ ވާ ލޯބި އެކަމަށް ހުރަސް އަޅަނީއެވެ. ކިތަންމެ ދުވަހަކު ސުމާ ގާތު ކައިވެނި ކުރަން ބޭނުންވާ ވާހަކައާއި އެ ގުޅުމުގެ ވާހަކަ އާއިލާ އާ ހިއްސާކުރަން ބޭނުންވާ ކަމަށް ޒަލަފް ބުންޏެވެ. އެހެންނަމަވެސް އެހާ އަވަހަށް ކައިވެންޏާ ހިސާބަށް ދާކަށް ސުމާ ބޭނުމެއް ނުވެއެވެ. ކައިވެނި ކުރުމުން މިނިވަންކަން ގެއްލޭނޭ ބުނެ އުޒުރު ދައްކަނީއެވެ. އެކަމާ ހުރެވެސް ޒަލަފް ގެ ބަލި ދަނީ ބޮޑުވަމުންނެވެ.

ޒަލަފްއަކީ ވާރުތަކުރާ ބައްޔެއްކަމަށް ވާ ހައިޕާޓްރޮފިކް ކާރޑިއޯ މަޔޯޕަތީ ކިޔާ ހިތުގެ ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ ޒުވާނެކެވެ. އެއީ އެހާ އާއްމުބައްޔެއް ނޫންކަމުން ބަލި ދެނެގަންނަން ވެސް އުނދަގޫވީއެވެ. ޒަލަފްގެ ބައްޕަވެސް މަރުވީ އެ ބަލީގައެވެ. އެއްވެސް ކަހަލަ އިޝާރާތެއް ނުލިބި ހުރެ ކުއްލިއަކަށެވެ. އެނގުނު އިރު މާލަސްވީއެވެ. ޒަލަފްގެ މަންމަ އެހާ ކަންބޮޑު ވަނީ އެހެންވެއެވެ. ފަހަރެއްގައިވެސް ޒަލަފްގެ ބައްޕައަށް ވީ ފަދަ ގޮތެއް ޒަލަފްއަށް ވާން އޭނަ ނޭދެނީއެވެ. ޒަލަފް ކުޑަ އިރު ވަރަށް ބަލިވެގެން ޑޮކްޓަރަށް ދެއްކުމާއެކު ޒަލަފްގެ ވެސް އެ ބަލި ހުރިކަން ދެނެގަނެވުނެވެ. އެހާ ހިސާބުން އެ އާއިލާއިން ޒަލަފްއަށް ދެވެން ހުރި ހުރިހާ ފަރުވާއެއް ދޭން ފެށުނެވެ. ޒަލަފްއަކީ އަބަދުވެސް ވަރަށް އުފަލުގައި އުޅޭ މަޖާ މިޒާޖެއްގެ ޒުވާނަކަށްވުމާއެކު ބަލިވެ ސަކަރާތްނުވެއެވެ. އެހެންނަމަވެސް އަބަދުވެސް ހާސްވާ ކަމެއް ދިމާވެއްޖެނަމަ ޒަލަފް ސަކަރާތްވެއެވެ. ގަވައިދުން ޗެކްއަޕް ހެދިނަމަވެސް ބައެއް ދުވަސް ދުވަހު ޒަލަފް ބަލިވެއެވެ.

*****

އިޔާންއާއެކު އުޅުން އައިރީންއަށް ހަމަ ހަޤީގަތުގައިވެސް ވޭނަކަށް ވެއްޖެއެވެ. އެ ފަކީރުގެ ހިތް ކުދި ކުދި ވެއްޖެއެވެ. އެވަރުންވެސް އޭނާ ހުރީ އިޔާންއާއެކު އުޅެން އަޒުމު ކަނޑަ އަޅައިގެންނެވެ. ބައްޕަގެ ހައްގުގައެވެ. ބައްޕަގެ އެންމެ ފަހުގެ އެދުން ކަމުގައިވީތީއެވެ. އާމިރު ހޮސްޕިޓަލަށް ދިޔައީ ޑްރައިވަރާ އެކުގައެވެ. ކާރު ޕާރކުކޮށްލުމުން އޭނާ ޑްރައިވަރު ގާތު މަޑުކޮށްލަން ބުނެފައި ކާރުން ފައިބައިގެން ހިނގައިގަތީ ހޮސްޕިޓަލުގެ އެތެރެއަށެވެ. ލިފްޓް ކައިރިއަށް ހުއްޓިފައި އޭނާ ދާންވީ ފްލޯ ބަލާލިއެވެ. އަތުގައި އޮތް ފައިލަށް ނަޒަރު ހުއްޓާލައިގެން ހުއްޓާ ލިފްޓް އަތުވެއްޖެއެވެ. ލިފްޓަށް އަރާ ހަތަރު ވަނަ ފަންގިފިލާއަށް ދިޔުމަށް އޭނާ ފިތާލިއެވެ. އިސާހިތަކު އާދެވިއްޖެއެވެ. ލިފްޓުން ފައިބާ ދެކޮޅު ބަލާލުމަށްފަހު އޭނާ މިސްރާބުޖެހީ ސައިކޭޓްރިސްޓުން ބަލިމީހުން ބަލާ ކޮޓަރިތަކާ ދިމާލަށެވެ. ދެ ނަންބަރު ކޮޓަރިއަށް ނަޒަރު ހުއްޓާލައިގެން ހުރެފައި އޭނާ ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ. ފޯނު ނެގުމާއެކު ފޯނުގައި ހުރެގެން ގޮސް އޭނާ އެ ކޮޓަރި ހުޅުވާލިއެވެ. އެއަށްފަހު ފޯނު ޖީބަށް ލިޔެވެ. ހިނިތުންވެލުމާއެކު އެތެރޭގައި ޑޮކްޓަރުންގެ ކޯޓްކައިގެން ހުރި ފިރިހެންމީހާ ހިނިތުންވެލިއެވެ. ބަލާބެލުމަށް ފަންސާހަކަށް އަހަރު ވެދާނެއެވެ.

ޑޮކްޓަރު އިޝާރާތް ކުރީ އިށީނުމަށެވެ. އާމިރު އިށީންނަމުން ހިނިތުންވެލާ ބޯ ޖަހާލިއެވެ.

"ވަރަށް އުފާވެއްޖެ ބައްދަލުވީމަ... އައިރީންގެ ވާހަކަތައް ހިއްސާ ކޮށްލަން ވަރަށް ބޭނުންވެފަ ހުރި ވަގުތެއްގެ ތި އާދެވުނީ..." ޑޮކްޓަރު ބުނެލިއެވެ. އެއީ އެ ހޮސްޕިޓަލުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރި ޑޮކްޓަރު ކަމަށްވާ އާސިފްއެވެ. އާސިފްއަކީ އެންމެ ކުރިއްސުރެވެސް އައިރީންގެ ސައިކޭޓްރިސްޓެވެ.

"ޑޮކްޓަރ އާސިފް... މީގައި މި ހުރި އެއްޗެހި... ދުވަހަކުވެސް ޖަލީލު އަޅުގަނޑާ ހިއްސާ ނުކުރޭ... އައިރީންގެ އެންމެ ބޮޑު ސިއްރުވެސް ޖަލީލު ވަނީ ހިއްސާކޮށްފައި... އެކަމަކު މިކަންތައް.... ކިހިނެތްތޯ އައިރީން... މީގެން އެނގޭ އައިރީންގެ ނަފްސާނީ ވަރަށް ބޮޑެތި މައްސަލަތަކެއް ހުރިކަން..." އާމިރު ވާހަކަ ދެއްކިއެވެ.

"އައިރީން ބައްޕަ ނިޔާވިއިރު ހުރީ އެކީ ކަހަލަ ގޮތަކަށް ރަނގަޅުވެފަ.... އެކަމަކު އޭރުވެސް ސަތޭކަ ޕަރސެންޓް ފިޓެކޭ ނުބުނެވޭނެ... ލެޓްސް ސޭ 99 ޕަރސެންޓް އޭ... އެހާ ވަރުވެފަ ހުރީ... ވަރަށް ވަރަށް ބޮޑުތަން ރަނގަޅުވެފަ... ކުރިން އައިރީންއަކީ މީހަކު ފެންނަ އިރަށް ބިރުން ތުރު ތުރު އަޅަމުން ދިޔަ ކުއްޖެކޭ... ރަނގަޅަށް ވާހަކައެއް ވެސް ނުދެއްކޭނެ... އަބަދުވެސް ސިހި ބިރުގަނެފަ... ހުރިހާ ދުވަހު ބޭސް ބޭނުންކޮށްފަ ބޭސް ހުއްޓާލިތާ ދެމަސްވީތަނާ ޖަލީލު ނިޔާވީ...އެއީ އަޅުގަނޑުގެވެސް ވަރަށް ގާތް ރައްޓެއްސެއް..." ޑޮކްޓަރު އާސިފް ވާހަކަ ދެއްކިއެވެ.

"އެހެންތޯ؟"

"އާދެ!... އައިރީންއަކީ އެކީ ރަނގަޅު ކުރެވިދާނެ ކުއްޖެކޭ... އެންމެންގެ ސަޕޯޓް ބޭނުންވަނީ... އެކަމަކު އަނެއްކާ ބައްޕަގެ ވަކިވެދިޔުމާއެކު އައިރީން ސަކަރާތްވުން އެކަށީގެންވޭ... އެއީ ވިސްނަން ޖެހޭނެ ކަމަކީ... އުންމީދުކުރަނީ އައިރީންއާއިމެދު ގޯސް ގޮތަކަށް ނުދެކޭނެކަމަށް... ބައެއް މީހުންނަށް ހީވެފަ އޮންނަނީ ނަފްސާނީ ބަލި މީހުންނަކީ މޮޔައިންނޭ... އެކަމަކު އެއީ އެއްނޫން ހަޤީގަތަކީ" ޑޮކްޓަރު އާސިފް އޭނާގެ ކަންބޮޑުވުން އާމިރުއާ ހިއްސާކުރިއެވެ.

"އެއްގޮތަކަށްވެސް ހާސްވާނެ ކަމެއްނެތް... އައިރީން އަކީ ހަމަ އަޅުގަނޑުގެ ދަރިއެއް ކަހަލަ ކުއްޖެއް މިހާރު..." އާމިރު އައިރީންގެ ކައިވެނީގެ ހަބަރުވެސް ދިނެވެ. އަދި އެ އާއިލާ އެންމެންވެސް އައިރީން ދެކެނީ އެގޭ އަންހެން ދަރިފުޅު ގެ ގޮތުގައި ކަމުގައި ބުންނެވެ.

"އަޅުގަނޑަށް އެނގޭ ކީއްވެކަން މި ވާހަކަ ޖަލީލު ހިއްސާނުކުރީ... އައިރީންގެ ސަބަބުން.... އައިރީން ބޭނުމެއްނުވޭ އެއްވެސް މީހަކަށް، އޭނާއަކީ މި ކަހަލަ ބައްޔެއްގެ ޝިކާރައަކަށްވެފައިވާ ކުއްޖެއްކަން އެނގޭކަށް، މީހުން ދެކޭ ގޮތާ މެދު އައިރީންއަށް ވިސްނެނީ، އަޅުގަނޑަށްފެނޭ އަދި އެއްފަހަރު އައިރީންއަޅުގަނޑު ކައިރިއަށް ގެނެސްލަން... އާމިރުއަށް މި ވާހަކަތައް އެނގުނަސް އިތުރު މީހަކަށް އަދި ކިޔައި ނުދެއްޗޭ... އެހަށް އައިރީން އަޅުގަނޑު ގާތަށް ގެނެސްދީ... އެއަށްފަހު އަޅުގަނޑު ވަކި އެއްޗެއް ނިންމާނަން... " ޑޮކްޓަރު އާސިފް ވާހަކަ ދެއްކިއެވެ. އެތަކެއް މަޝްވަރާއަކަށްފަހު އާމިރު ގެއަށް ދިޔައިރުވެސް އޭނާގެ ސިކުނޑީގައި ވަނީ އައިރީންގެ ޚިޔާލުތަކެވެ. އައިރީންއާއި އެ ވާހަކަ ދައްކާނެ ގޮތަކާ ބެހޭގޮތުން އޭނާ ދިޔައީ ކެނޑި ނޭޅި އެކި ގޮތް ގޮތަށް ވިސްނަމުންނެވެ.

އޭގެ ދެ ދުވަސްފަހެވެ. އައިރީން ހުންއައުމުން އިޔާން އައިރީން ގޮވައިގެން ދިޔައީ ކީ.ޓޮޕް.އެމް.މެމޯރިއަލްހޮސްޕިޓަލަށެވެ. އައިރީން ހޮސްޕިޓަލަށް ގެންދެވުމާއެކު އެޑްމިޓް ކުރެވުނެވެ. ހުން ގަދަ ކަމުންނެވެ. އައިރީން އެޑްމިޓް ކުރިކަން އެނގިގެން އާމިރުއާއި ފަލަކްވެސް އައެވެ. ފަލަކްއައީ އައިރީންއަށް ކާނެ އެއްޗެހި ވެސް ހިފައިގެންނެވެ. ނިދިފައި އޮތް އައިރީން ސިއްސައިގެން ގޮސް ހޭލި ގޮތަށް ރޯން ފެށުމުން އައިރީންއަދިވެސް ރަނގަޅު ނުވާކަން އާމިރުއަށް ދެނެގަނެވުނެވެ. އިޔާންއާއިވެސް ވާހަކަ ދައްކަން އާމިރު ބޭނުންވިއެވެ. އެހެންނަމަވެސް އަދި ފަހުންނޭ ހިތާ މަޑު ކޮށްލީއެވެ.

އައިރީން ދޫކޮށްލި ދުވަހަކީ އޮފީހުގެ ވަރަށް މުހިންމު މީޓިންއަކަށް އިޔާން ދާން ޖެހުނު ދުވަހެކެވެ. އެއީ އެޑްމިޓްކުރިތާ ތިންވަނައަށް ވީ ދުވަހެވެ. އިޔާން ހުރީވެސް ޗުއްޓީ ނަގައިގެންނެވެ. އެހެންނަމަވެސް ރާއްޖޭން ބޭރުން ކުންފުނީގެ އިސްވެރިންނާ ބައްދަލުކުރަން މީހުންތަކެއް އައުމުން ދާން މަޖުބޫރުވެ ދިޔައީއެވެ.

ފަލަކް ހުރީ އައިރީންގެ ގައިގައި ކުޑަކޮށް ހިފައްޓާލައިގެންނެވެ. އަދިވެސް އައިރީންގެ ހަށިގަނޑު ވަރަށް ބަލިކައްޓެވެ. ހޮސްޕިޓަލުން ނުކުންނަށް ވެގެން ދިޔަތަނާ އައި މީހަކުގެ ގައިގައި އައިރީން ޖެހި ކުޑަކޮށް މަޑުވާގޮތްވިއެވެ. "ސޮރީ" އައިރީން ބުނެލިއެވެ. އޭނާ ކުރިމަތީ ހުރި މީހާއަށް ބަލާލިއެވެ.

އެމީހާ ހުރީ ނުލަފާ ވައްތަރަކަށް ހީގަނެގެންނެވެ. އައިރީން ފަލަކްއަށް ބަލާލިއެވެ. އެމީހާ ހުރި ގޮތުން އޭނާއަށް އުނދަގޫ ވީއެވެ. އާމިރުއަށް ވެސް އެމަންޒަރު ފެނުނެވެ. އޭނާ ވަގުތުން އެމީހާއާއި އައިރީންއާއި ދެމެދަށް ވަދެއްޖެއެވެ. ދެ އަންހެންވެރިންނާއެކު ހިނގައިގަތް އާމިރު ފަހަތް ބަލާލަމުން އެމީހާއަށް ނުރައްކާތެރި ނަޒަރެއް ދިނެވެ. އޭނާ ހުރީ ރުޅިއައިސް ހަލާކުވާވަރުވެފައެވެ. އެހެންނަމަވެސް ކެތްތެރިކަން އިސްކުރަމުން އޭނާ ކާރާ ހިސާބަށް ދިޔައެވެ. ހަމަޖެހިލެވުނީ ކާރަށް އެރުނު ހިސާބުންނެވެ. ފަހަތު ސީޓަށް އެރި ފަލަކްގެ ކޮނޑުގައި އައިރީން ބޯ އަޅާލިއެވެ. އަދިވެސް އޭނާގެ ބޮލަށް ހުރީ ބަރުވެފައެވެ.

އާމިރު ދިޔަ ގޮތަށް ދިޔައީ ސްޓަޑީއަށެވެ. ގޮސް ފޯނު ނަގާ އޭނާ ނަންބަރަކަށް ގުޅާލިއެވެ. އެ ދުވަހު ނަންބަރު ނެގުނު ކަމީވެސް ނަސީބެކެވެ.

"އަހަރެން ފަސް ލައްކަ ރުފިޔާ ދީފައި ބުނި ވާހަކަ ހަނދާންނެތުނީތަ؟" އާމިރު ސުވާލުކޮށްލިއެވެ. އެކޮޅުން ޖަހާލީ ހިނިގަނޑެކެވެ. އެއަށްފަހު ފޯނު ކަނޑާލީ އަދިވެސް ލާރި ބޭނުންވެއްޖެނަމަ ދާނަމޭ ބުނެފައެވެ. އާމިރު ނުދެންޏާ އާމިރުގެ ދަރިފުޅު ގާތަށްވެސް ދާނަމޭ ބުންޏެވެ. ހާދަ ގޮތެއް ނެތް ފިރިހެނެކެވެ. ލަދުގެ ކަންފުޅެއްވެސް ނެތެވެ. އާމިރު ދެން ގުޅަން އުޅެ އުޅެވެސް ގުޅޭ ގޮތެއް ނުވިއެވެ. އޭނާގެ ރުޅިގަނޑު ހައްތަހާ ގަދަވީއެވެ.

އިޔާންއަށް އާދެވޭ ވަރުވީ ރޭގަނޑު ދިހައެއް ޖަހަން އުޅެނިކޮށެވެ. އޭނާ އައިއިރު އައިރީން އޮތީ ސޯފާގައި ނިދާފައެވެ. ގައިމަތީ އަޅާފައި އޮތް ރަޖާގަނޑު އޮތީ ތިރިއަށް ވެއްޓިފައެވެ. އިޔާން ރަޖާގަނޑު އަޅަން އުޅެނިކޮށް އައިރީން ނޫނެކޭ ބުނެލީ ދެފަރާތަށް ބޯ ހޫރާ ލަމުންނެވެ. އައިރީންއަށް އިޔާން ގޮވާލިނަމަވެސް ހެޔެއްނުލިއެވެ. މަޑު މަޑުން އަނެއްކާވެސް އައިރީން މަޑުޖެހިލިއެވެ. އިޔާން އެނބުރިވަގުތު އައިރީންގެ އަތް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ އަތުގެ ކަށި އިނގިލީގައި އިން އަނގޮޓިއަށް އޭނާގެ ނަޒަރު ހުއްޓުނެވެ. އެއީ ކައިވެނީގެ ކުރިން އޭނާ އައިރީންއަށް ދިން އަނގޮޓިއެކެވެ. އެވެސް އެންމެންގެ ކުރިމަތީގައި ޒަލަފްއޭނާ ލައްވާ ކުރިވި ކަމެކެވެ. މަޑުމަޑުން އޭނާ އެ އަތުގައި ހިފާލަން ބޭނުންވީ ކީއްވެކަމެއް ނޭނގުނެވެ. ސޯފާގެ ތިރީގައި އިށީނދެލުމާއެކު އެ އަތް ނަގާ އިޔާން އެ އަނގޮޓިއަށް ވަރަށް ފުންކޮށް ބަލާލިއެވެ. ހިތެއްގެ ބައްޓަމަށްވާ އެ އަނގޮޓީގައި ވަނީ އޭނާގެ ނަމާއި އައިރީންގެ ނަން ކަނޑާނެގިފައެވެ. އެއީ ޒަލަފްގެ ހަދިޔާއެކެވެ. އައިރީން އެ އަނގޮޓި އަޅާތީވެސް އޭނާ ހައިރާންވެއެވެ.

މަޑުމަޑުން އެ އަތް ގެންގޮސް އޭނާ ތުންފަތުގައި ޖައްސާލީ އަމިއްލަ ހިތަށް ކީކޭ އަރައިގެން ކަމެއް ހުދު އޭނާއަކަށްވެސް ނޭނގުނެވެ. ލުއިކޮށް ބޮސްދިނުމަށްފަހު އޭނާ އެ އަތުން ދޫކޮށްލަން އުޅުނުތަނާ އައިރީން އެ އަތުގައި ނިދީތެރޭގައި އޮވެ ހިފައްޓާލިއެވެ. އަތް ނައްޓުވާލަން އުޅުނުތަނާ އައިރީން ކުޑަކޮށް ފުރޮޅިލުމާއެކު އިޔާން މަޑުޖެހިލިއެވެ. ހަދާނެ ގޮތް ހުސްވެ އޭނާ މޫނުމައްޗަށް ވައްތަރެއް ޖައްސާ ލިއެވެ.

އެހެން އިންދާ ނިދުނީ ކޮން އިރަކު ކަމެއްވެސް އިޔާންއަކަށް ނޭނގުނެވެ.

ފަތިހުގެ ވަގުތުގައި ލޯ ހުޅުވާލި އައިރީން ސިހުނީ ސޯފާގައި ބޯ ޖަހައިގެން ނިދާފައި އިން އިޔާން ފެނިފައެވެ. ފުރަތަމަ ފެނި ސިހުނު ވަރުން ހަޅޭއްވެސް ކުޑަކޮށް ލަވައިގަނެވުނެވެ. އަނގަމަތީގައި އަތް އަޅާލެވުނު ނަމަވެސް މާ ލަސްވީއެވެ. އިޔާން ހޭލައިފިއެވެ. އިޔާންއަށްވެސް ލިބުނީ ޝޮކެކެވެ. ސޯފާމަތީގައި ދެފައި ވަށްކޮށްލައިގެން އަނގަމަތީގައި އަތް އަޅައިގެން އިން އައިރީންފެނި އޭނާ އަށް ހަދާލެވުނު ގޮތަކުން ފަހަތަށް ގޮސް މޭޒުގައި ބޯޖެހި މަތަވިއެވެ. ތަދުވީވަރުން އިޔާންއަށް ބޮލުގައި އަތް ޖައްސާލެވުނެވެ. އައިރީންގާތަށް ހިނިއައެވެ. އިޔާންއަށް ވީ ގޮތުންނެވެ. އައިރީން މަޖާވެފައި އިނުމުން އިޔާންގެ ތުންފަތް މައްޗަށްވެސް ބޭ އިޙްތިޔާރުގައި ހިނިތުންވުމެއް ވެރިވިއެވެ. އެހެންނަމަވެސް ހަމަހޭވެރިކަން ވެ އޭނާ މޫނުމައްޗަށް ގޮތެއް ހަދާލަމުން އެ އަސަރުތައް ފޮރުވާލާފައި ތެދުވިއެވެ. އެއަށްފަހު ބާރުބާރަށް ގޮސް ފާހާނާއަށް ވަނެވެ. އިޔާން ފާހާނާއަށް ވަނުމުން އައިރީން ވެސް ތެދުވެ ނަމާދުކުރާ ދޮޅިއާއި މުސައްލަ ނަގާފައި މަޑުކުރީ އިޔާން ނުކުންނަން ދެނެވެ.

އިޔާން ނުކުތުމުން އޭނާ ފާހާނާއަށްވަދެ ފެންވަރާ ހަދާލައިގެން ނުކުމެ ނަމާދުކުރިއިރުވެސް އިޔާން ހޭލާ އިނެވެ. އޭނާގެ ވިސްނުމުގައި ނަމާދުކުރަން ޚިޔާލެއްވެސް ނެތް ފަދައެވެ. އެހެންނަމަވެސް އައިރީން ނަމާދުކުރާތަން ފެނި ހިތަށް ކޮންމެވެސް އެއްޗެއް އެރީ ކަންނޭނގެއެވެ. ގޭން ނުކުތީ މިސްކިތަށް ދިޔުމުގެ ބޭނުމުގައެވެ. އޭނާ ނުކުތް އިރު ޒަލަފްވެސް ގޭން ނުކުންނަނީއެވެ.

"ބްރޯ... ހާދަ ލަހަކުން؟" އިޔާން އަހާން އަހާލިއެވެ.

"އާނ... ހޭލެވުނުލެއް ލަހީ..." ޒަލަފް ބުނެލިއެވެ. އިޔާން އޭނާވެސް މިސްކިތަށް ދާން ނުކުތް ވާހަކަ ބުނުމުން ޒަލަފް އިޔާންގެ ކޮނޑަށް އަތް ވައްޓާލާފައި ފުޅާ ހިނިތުންވުމެއް ހައިޔާކޮށްލިއެވެ. ދެމީހުން އެކުގައި މިސްކިތަށް ގޮސް ނަމާދުކޮށްލައިގެން އައި އިރު އުނދޯލީގައި އާމިރުއިނީ ކޮފީ ތައްޓެއް ހިފައިގެންނެވެ، ގާތުގައި ފަލަކް އިނެވެ. އައިރީންއާއި އަޝްރާވެސް އިނެވެ.

އިޔާންމެން އައުމުން އެމިލީ އަށް ގޮވާލާފައި ކޮފީ އަކާއި ކިރުސައެއް ގެންނަން ބުންޏެވެ. އިޔާން ޒަލަފްއާ ދިމާކުރަން ފެށީ ދެނެވެ. ޒަލަފް ތުންކޮޅު ދަމާލިއެވެ. ދެން ތިބި އެންމެން ތިބީ ހިނި އައިސްފައެވެ. އެ ދެމީހުން އުޅޭ ގޮތުންނެވެ. އެއީ މުޅިއާއިލާގެ ދިރުމެވެ. އެގޭގެ ދިރުމެވެ.

އިރުކޮޅެއްނުވެ އެމިލީވެސް އަތުވެއްޖެއެވެ. އައިރީންއެތެރެއަށް ވަނީ ބޮލުގައި ރިއްސާކަމަށް ބުނެފައެވެ. އެހެންނަމަވެސް ހަޤީގަތަކީ އޭނާއަށް އިޔާން ފެނުމުން އުނދަގޫވީއެވެ. އިޔާންރޭގައި އޭނާ ގާތުގައި އިނުމުން އޭގެ މާނަ ނަގާނީ ކިހިނެތްކަން އޭނާއަކަށް ނޭނގެއެވެ. އިޔާން އައިރީން ދިޔަ ދިމާ ބަލަން ފެށުމުން ޒަލަފް އަށް ދިމާކޮށްނުލާ ނީދެވުނެވެ. އޭނާއާއި ދިމާލަށް ބޮޑުވެސް ނުވާ ކުޑަ ކުއްޖެކޭ ކިޔާފައި އިޔާން ހީކުރީ އިނދެވިދާނޭ ކަމަށްހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ.

"ސާބަހޭ... ދޮންބެ ދައްތަ ދިޔައިމަވެސް އެވަރަށް ބަލަން ޖެހޭތަ؟ ދެން އަވަހަށް ތި ކޮފީތަށި ހުސްކޮށްފަ ދޭބަލަ" ޒަލަފް ބާރަށް ބުނެލުމާއެކު ތުމުގައި ޖަހައިގެން އިން ކޮފީތަށިވެސް އިޔާންއަށް ބަންޑުން ޖަހާނުލެވުނީ ކިރިޔާއެވެ. ހޫނު ކޮފީތަށް މާބޮޑަށް ބޯލެވި ދޫވެސް ފިހިއްޖެއެވެ. އައްދޯތް ޔޭ ކިޔާފައި އޭނާ ދުއްވައިގަތީ ލަދުވެސް ގަނެފައި އިނީތީއެވެ. ހަޤީގަތުގައިވެސް އޭނާގެ ދުލަށް ތަދުވިއެވެ. ކޮފީ އެހާ ހޫނު ވިއްޔާއެވެ.

"ފިސާރި ލާނެއް ސޮރެއް" އަޝްރާ ޒަލަފް ގެ ކަންފަތުގައި ހިފިއެވެ. ޒަލަފްގާތަށް އައީ ހިންޏެވެ. އޭނާ ހީލަ ހީލާ އިނީއެވެ.

އިޔާން ކޮޓަރިއަށް ދިޔައީ ފްރިޖުން އައިސްގަނޑެއް އަނގަޔަށް ލައިގެންނެވެ. އޭނާ އަދި އެކަމުގެ ބަދަލު ހިތި ގޮތަކަށް ޒަލަފްގެ ކިބައިން ހިފާނެއެވެ.

"ކިހިނެތްވީ؟" ކޮޓަރިއަށް ވަނުމާއެކު އިޔާން ހުރި ގޮތުން އައިރީން އަހާލީ ނާހަން ހުރެފައެވެ. އިޔާންގެ މޫޑު ހުންނާނީ ކިހިނެތްކަމެއް ނޭނގެއެވެ. އެއީވެސް ފާޑެއްގެ މީހެކެވެ. އިޔާން ހޫނު ކޮފީ ބޮވުނިއްޔޭ ބުނުމުން އައިރީން އެހެންހޭ އަހާލިއެވެ. އިޔާން އުޅޭގޮތުން އިޔާން އަށް ނަޒަރު ހުއްޓާލައިގެން އެނދުގައި އިށީނދެ އިން އައިރީންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެހެންނަމަވެސް ކުޑަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ހިނިތުންވުން އެކީ ފަނޑުވެ ގޮސް ހިތާމައިގެ ސާލެއް އޭނާ ވަށާ އޮޅާލައިފިއެވެ. ކަރުނަހިލުނީ ބޭއިޚްތިޔާރުގައެވެ. ކޯތާފަތް މަތިން ކަރުނަތައް ރޮނގަކަށް ފައިބައިގެން ދިޔައިރުވެސް އައިރީންއަކަށް ނޭނގުނެވެ.

އިޔާންގެ ނަޒަރު އައިރީންއަށް ހުއްޓުމާއެކު އޭނާގެހަރަކާތްތަކަށް މަޑުޖެހުމެއް އައެވެ. ހާސްކަމާއެކު އެދިމާލަށް ދެވުނީ އައިރީންގެ ކޮންމެވެސް ތަނަކަށް ތަދުވަނީއޭ ހިތާއެވެ. އައިރީންއައީވެސް ބޮލުގައި ރިއްސަނީ ކަމަށްބުނެއެވެ.

"އައިރީން... ކިހިނެތްވީ؟" އިޔާން ގާތުގައި ހުއްޓި އަހާލުމާއެކު އައިރީންއަށް ހަމަބިމަށް އާދެވުނެވެ. އޭނާ ތެދުވެގެން ދާން ފެށުމާއެކު އެ އަތުގައި ހިފާލާފައި އިޔާން އޭނާއާއި ދާދި ގާތަށް އައިރީން ދަމާލިއެވެ.

(ނުނިމޭ...)

https://sun.mv/130450

comment ކޮމެންޓް