ހަސަން ލަތީފް މިނިސްޓަރު އަމީނަށް: ޒިންމާ އަދާނުކުރެވެންޏާ އިސްތިއުފާދީ!

ހަަސަން ލަތީފު އަދި މިނިސްޓަރު އަމީން --

ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ޒިންމާދާރުކަމާ އެކު ވަޒީފާ އަދާނުކުރެވޭ ނަމަ، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިސްތިއުފާދެއްވަން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ގޮވާލައްވައިފި އެވެ.

ހަސަން ލަތީފު މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ އަންހެން ކުދިން ހިތާނުކުރުމާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްލާމިކް މިނިސްޓްރީގައި ރައުޔަކަށް އެދިފައިވާ މައްސަލައާ ގުޅިގެންނެވެ.

އިސްލާމްދީނުގައި އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ރައުޔެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ދާދި ފަހުން އެދިފަ އެވެ. އިސްލާމިކް މިނިސްޓްރީން އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގައި އެދިފައި ވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ސިޓީއަކުން އެކަން ސާފުކޮށްދިނުމަށް މިނިސްޓްރީގައި އެދުމުންނެވެ.

އެ މައްސަލަ ހޫނުވުމުން، މިނިސްޓަރު އަމީން ވަނީ އެވްޕީއޭއަށް މެމޯއެއް ފޮނުވައި އެ ސިޓީ ބާތިލުކުރައްވައިފަ އެވެ. މިނިސްޓަރު އަމީން އެ މެމޯގައި ވިދާޅުވީ އަންހެން ކުދިން ހިތާނަ ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމަށް ސަރުކާރުން ހިތްވަރު ވެސް ނުދޭ ކަމަށެވެ.

މިނިސްޓަރު އަމީންގެ ވާހަކައަށް ރައްދު ދެއްވައި ހަސަން ލަތީފް މިއަދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަސައްކަތް ކުރަން އެނގޭ ބައިވަރު މީހުން އެބަތިބި ކަމަށާއި އެގޮތަށް ޒިންމާދާރުކަމާ އެކު މަސައްކަތް ނުކުރެވޭ ނަމަ އިސްތިއުފާދެއްވުމަށެވެ.

އަންހެންކުދިން ހިތާނުކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އަންހެން ކުދީން ހިތާނުކުރުމޭ ކިޔައިގެން އެ ކުރަނީ ޖިންސީ އަނިޔާ ކަމަށާއި އެކަމަށް ހިތްވަރުދޭ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ އަންހެން ކުދިން ހިތާނުކުރަން ޖެހޭ ދީނީ އަސާސެއް ނެތް ކަމަށެވެ.

އަންހެން ކުދިން ހިތާނުކުރުމަ ގުޅޭ ގޮތުން ދީނުގައި އޮތް ގޮތް އޮޅުންފިލުވައި ދިނުމަށް އެޗްޕީއޭއިން އެދުނު ސަބަބު އަދި ވެސް ހާމަކޮށްދީފައެއް ނުވެ އެވެ.

އަންހެންކުދިން ހިތާނުކުރުމަކީ ދީނީ ގޮތުން ކުރުން ރަނގަޅު ކަމެއް ގޮތުގައި ދެކިގެން ރާއްޖޭގައި ވެސް ފުޅާދާއިރާއެއްގައި އެކަން ކުރަމުންދަނިކޮށް އެކަން ނައްތާލެވުނީ 1970ގެ އަހަރުތަކުގެ ތެރޭގަ އެވެ.

އަންހެންކުދިން ހިތާނުކުރުމަކީ ފުރާނައަށް ނުރައްކާތެރި، އަދި މުޅި އުމުރަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމެއްކަމަށް ދިރާސާތަކުން ދައްކާތީ، އެކަން ހުއްޓުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގައުމުތައް ގުޅިގެން ފުޅާދާއިރާއެއްގައި މަސައްކަތްކޮށް، ގިނަ ގައުމުތަކުން ވަނީ އެކަން ނައްތާލައިފަ އެވެ.

comment ކޮމެންޓް