އިތުރު ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެ

މިއަދު ހިމަބިއްސަށް ޓެސްޓު ކުރި މީހުންގެ ތެރެއިން ދެ މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ މިއަދު ނުވަ މީހަކު ހިމަބިއްސަށް ޓެސްޓުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ދެ މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެއާއެކު ރާއްޖެއިން ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ހަޔަކަށް އަރައިފައެވެ.

އިއްޔެ ވެސް ހިމަބިއްސަށް ނުވަ މީހަކު ޓެސްޓުކޮށްފައިވީ ނަމަވެސް، އޭގެތެރެއިން މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ރާއްޖެއިން ނައްތާލެވުނު ކަމަށް 2017 ވަނަ އަހަރު އިއުލާނުކުރި ހިމަބިހި އަލުން ފެންނަން ފަށާފައިވާއިރު، ބަލި އިތުރަށް ފެތުރުނަ ނުދިނުމުގެ ގޮތުން ހެލްތު މިނިސްޓްރީން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން ހިމަބިހިން ރައްކާތެރިވުމަށްދޭ ވެކްސިންގެ ދެ ޑޯޒް ހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ވަނީ ފަށައިފައެވެ.އަދި ހިމަބިއްސަށް ސްކްރީން ކުރެވޭނެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސައިފައެވެ.

މިހާތަނަށް 3،100 މީހުންނަށް ވެކްސިން ދީފައިވާނެ ކަމަށާއި، 79 މީހަކު ބައްޔަށް ޓެސްޓުކޮށްފައިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ހިމަބިހި ކޮންޓްރޯލް ކުރުމަށް ހިންގާ ހަރަކާތުގެ ދަށުން ހަ މަސް ފުރި 18 މަސް ނުފުރޭ ކުދިންނަށް ހިމަބިހި ވެކްސިންގެ އިތުރު ޑޯޒެއް ދޭން ވަނީ ފަށައިފައެވެ.

comment ކޮމެންޓް