މައްސަލައަކީ ކުޅުންތެރިންނަށް އެކަށީގެންވާ ޗުއްޓީ ނުލިބުން: ސޮލްޝެޔާ

ރޭ ބާންލީއާއި ޔުނައިޓެޑް ބައްދަލު ކުރި މެޗަށްފަހު ޔުނައިޓެޑުގެ ކުޅުންތެރިން މާޔޫސްވެފައި --- ފޮޓޯ// ބެން ސްޕްރެޓް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 0-2 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިވި އިރު މައްސަލައަކަށް ވީ، ގާތް ގާތުގައި މެޗުތައް ކުޅެން ޖެހުމުން ކުޅުންތެރިންނަށް އެކަށީގެންވާ ޗުއްޓީއެއް ނުދެވުން ކަމަށް ޓީމުގެ ކޯޗު އޮލެ ގުނަ ސޮލްޝެޔާ ބުނެފި އެވެ.

ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން އެ ޓީމު ބާންލީ އަތުން ބަލިވުމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް ޓީމުގެ ކޯޗަށް ވަނީ އަމާޒު ވެފަ އެވެ. މިވަގުތު ތާވަލުގެ ފަސްވަނައިގައި ޔުނައިޓެޑް އޮތީ 36 ޕޮއިންޓާ އެކު އެވެ. ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމަށް ހަތަރުވަނައަށް އެރުމަށް ޔުނައިޓެޑް މަސައްކަތް ކުރަމުން ދާއިރު މިވަގުތު ހަތަރުވަނައިަގއި ޗެލްސީ އޮތީ 40 ޕޮއިންޓާ އެކުގަ އެވެ.

ޔުނައިޓެޑުގެ މުހިއްމު ކުޅުންތެރިންތަކެއް މިވަގުތު އަނިޔާގައި ތިބި އިރު ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަށް ބްރޭކެއް ނުލިބި ގިނަ މެޗުތަކެއް ޖައްސަ ޖައްސައިގެން ކުޅެން ޖެހުމުން އެކަމުގެ ވަރުބަލިކަން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބިފައިވާ ކަމަށް ޓީމުގެ ކޯޗު ވަނީ ބުނެފަ އެވެ. ސޮލްޝެޔާ ބުނީ ކުޅުންތެރިންނަށް ވިދިވިދިގެން އެހާ ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ލޯޑު ބޮޑުވެފައިވާ ކަން ކުޅެމުންދާއިރު ފާހަގަ ކުރެވޭ ކަމަށެވެ.

"ކުޅުންތެރިން ތިބީ ބްރޭކަކަށް އާދޭސްކޮށް ކޮށް. ޖެހި ޖެހިގެން އެހާ ގިނަ މެޗުތަކެއް ރެސްޓެއް ނުލިބު ކުޅެން ޖެހުމުން އެއްވެސް ކުޅުންތެރިއަކު ނަފްސާނީ ގޮތުން ފިޓެއް ނޫން،" ސޮލްޝެޔާ ބުންޏެވެ.

ޔުނައިޓެޑަށް ކުރިއަތް އޮތް ދުވަސްތަކަކީ ވެސް ބިޒީ ދުވަސްތަކެކެވެ. އަންނަ އާދީއްތަ ދުވަހު އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ޓްރެންމިއާ ރޯވާސްއާ ވާދަކުރާ އިރު އޭގެ ފަހުން އޮތީ އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގައި މެންޗެސް ސިޓީއާއި ވާދަކުރާ ދެވަނަ ލެގެވެ. އަދި އެއަށްފަހުން ލީގުގައި ވެސް ވާދަކުރަން ޖެހޭނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވުލްވުސްއާ އެވެ.

"ބާންލީ މެޗަކީ މުޅި ސީޒަނުގައި ވެސް ފެނުނު އެންމެ ދަށް ކުޅުމެއް ފެނުނު އެއް މެޗު. މޮޅެތި ކުޅުންތަކެއް ފެނިގެން ދިޔަ މެޗުތަކެއް ސީޒަނުގައި ފެނިއްޖެ. މައްސަލަ އަކީ ކުޅުންތެރިންނަށް ނަފްސާނީ ގޮތުން ލިބިފައިވާ ބަލިކަށިކަން."

comment ކޮމެންޓް