ގޮށްރާޅު އަދި މާމުއިގެ ޓިކެޓް ބުކްކުރަން ފަށައިފި

ގޮށްރާޅު އާއި މާމުއި އަލުން އޮލިމްޕަސް ސްކްރީނަށް---

އަލުން ސްކްރީންކުރުމަށް ހަމަޖެހިފައިވާ މިދިޔަ އަހަރު ނުކުތް ކާމިޔާބު ދެ ފިލްމު "މާމުއި" އާއި "ގޮށްރާޅު"ގެ ޓިކެޓް ބުކްކޮށްދޭން ފަށައިފިއެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުން ބުނީ ޓިކެޓް ބުކްކުރުމަށް ޑާކްރެއިންގެ ހޮޓްލައިން ނަންބަރު 9911229 އަށް މެސެޖެއްކޮށްލުމަށެވެ. އެ މެސެޖުގައި ބަލަން ބޭނުންވާ ފިލްމުގެ ނަމާއި ތާރީހާއި ޓިކެޓްގެ އަދަދާއި ފޯނު ނަންބަރު ހިމަނަންވާނެ ކަމަށް އެ ޓީމުން ބުނެއެވެ.

ފިލްމު ނުބެލި ތިބި އާންމުންނަށް މި ދެ ފިލްމު ބެލުމުގެ ފުރުސަތު މިއޮތީ ލިބިފައެވެ. ފިލްމު ބެލުމަށްފަހު އަދި އެއްފަހަރު ނަމަވެސް ފިލްމު ބަލާލަން ބޭނުންވާ އާންމުންނަށް މިއޮތީ އެ ފުރުސަތު ލިބިފައެވެ. ފިލްމު ދައްކާނީ އޮލިމްޕަހުގައެވެ.

ގޮށްރާޅުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފުވި ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަދި އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ އިސްމާއިލް ޖުމައިހު އަދި ނުޒުހަތު ޝުއައިބު (ނުޒޫ)އެވެ.

ބޮޑު ކާސްޓެއް ހިމެނޭ މާމުއި އަކީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

ކޮމެޑީ އެ ފިލްމު ރަހުމަތްތެރިންނާ އެކު ބަލައިލަން "މާމުއި" ވަރުގެ ފިލްމެއް ނެތްކަން ގިނަ ބަޔަކު އިއްތިފާގުވެއެވެ.

comment ކޮމެންޓް