އަންހެން ކުދިން ހިތާނު ކުރަން ޖެހޭ ދީނީ އަސާސެއް ނެތް: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންހެން ކުދިން ހިތާނު ކުރަން ޖެހޭ އެއްވެސް ދީނީ އަސާސެއް ނެތް ކަމަށް ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މި މަހުގެ ފަސްވަނަ ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ސޮއިކުރައްވައި ފަތުވާ މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން ދީނީ ރައުޔު ބަޔާންކޮށްދެއްވައި ވީ އެންމެ އަވަހަކަށް މިނިސްޓްރީއަށް އެންގުމަށެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މައުމޫން ވިދާޅުވީ އިސްލާމް ދީނުގައި ގޮވާލަނީ އިންސާނާގެ، ނަފްސާނީ ޖިސްމާނީ، އަދި ރޫހާނީ ދުޅަހެޔޮކަމަށް ކަމަށެވެ.

އެހެންކަމުން އަންހެން ކުދިން ހިތާނަ ކުރެވޭނެ އެއްވެސް އަސާސެއް ނެތް ކަމަށް މައުމޫން ވިދާޅުވިއެވެ.

ފަތުވާ މަޖިލީހުގެ ރައުޔަކަށް އިސްލާމިކް މިނިސްޓަރު އެދިވަޑައިގެންނެވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެކަން ސާފުކޮށްދިނުމަށް މިނިސްޓްރީގައި އެދިފައިވާތީ އެވެ. ހެލްތު މިނިސްޓަރު އަބްދޫﷲ އަމީން މިއަދު އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރަށް ފޮނުވި މެމޯއަކުން ވަނީ އެޗްޕީއޭއިން އެކަން ސާފުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީ ބާތިލުކުރުމަށް އަންގަވައިފައެވެ.

މިނިސްޓަރު އަމީން އެ މެމޯގައި ވިދާޅުވީ އަންހެން ކުދިން ހިތާނަ ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމަށް ސަރުކާރުން ހިތްވަރުވެސް ނުދޭ ކަމަށެވެ.

comment ކޮމެންޓް