ހުޅުދޫ-މީދޫ ސިޓީން ވަކިވުން؛ ހިޔާލުތައް ދެކަފިވެފައި!

ހުޅުދޫމީދޫ --- ފޮޓޯ: ޓްރިޕްއެޑްވައިޒާ

އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީއިން ވަކިވެ، އަލުން ރަށެއްގެ ހައިސިއްޔަތު ހޯދުމުގެ އަޑުތައް މިވަނީ ގަދަވެފަ އެވެ. އަލުން ރަށެއްގެ ހައިސިއްޔަތު ހޯދާ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ދެ ރަށުގައި ވެސް ރަށު ކައުންސިލެއް އިންތިހާބު ކުރުމަށް މަސައްކަތް ފަށައި، ރައީސްއަށާއި ރައްޔިތުންގެ މަޖިލީހަށް ވެސް އެ ރަށުގެ ބަޔަކު މިހާރު ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.

މި މަސައްކަތް މިހިސާބަށް ދިޔައިރު، ހުޅުދޫ އަދި މީދޫ ރައްޔިތުން މިކަމާ ދޭތެރޭ ދެކޭގޮތަކީ ކޮބައިހެއްޔެވެ؟ މި ޕެޓިޝަންގައި ރައްޔިތުންގެ ވިސްނުން ހުރީ ކިހާ ވަރަކަށް ހެއްޔެވެ؟

"މީދޫ ރައްޔިތުން ބޭނުމެއް ނުވޭ ސިޓީން ވަކިވާކަށް. ތިއީ ހުޅުދޫ މީހުން ހުށަހަޅައިގެން އުޅޭ ޕެޓިޝަނެއް،" މީދޫ ދާއިރާގެ ކައުންސިލަރު ހުސައިން ހިޔާޒް "ސަން"އާ ވިދާޅުވީމިހެންނެވެ.

ހުޅޫދޫ --- ފޮޓޯ: އަލަމީ

ހިޔާޒް ތުހުމަތު ކުރައްވަނީ މިއީ ހުޅުދޫ ކައުންސިލަރު އިބްރާހިމް ޝުކުރީގެ ހިޔާލަކަށް، ހުޅުދޫގެ ބަޔަކު ހުށަހަޅައިގެން އުޅޭ ޕެޓިޝަނެއް ކަމަށެވެ. ނަމަވެސް ޝުކުރީ ވިދާޅުވަނީ އައްޑޫ ސިޓީން ވަކިވުމަކީ ހުޅުދޫ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.

"މިއީ ރަށުގަ ތިބި ބަޔަކު ތައްޔާރުކޮށްގެން އުޅޭ ޕެޓިޝަނެއް ނޫން، މިއީ މާލޭގަ ތިބި މަދު ބަޔަކު ހަދައިގެން ކަމާބެހޭ ފަރާތްތަކަށް ފޮނުވި ޕެޓިޝަނެއް. އަޅުގަނޑަށް އެނގިގެން ހުޅުދޫގައި މިކަހަލަ ވާހަކައެއް ދައްކައި ޕެޓިޝަނެއްގައި ސޮއިކުރުމުގެ ކަމެއް ކުރިއަކުން ނުހިނގާ،" ޝުކުރީ ވިދާޅުވި އެވެ.

ހުޅުދޫ މީދޫ ވަކިން އޮތުމުގެ ސަބަބުން އެ ދެ ރަށަށް ގޮންޖެހުންތަކެއް ހުރިކަން ޝުކުރީ ވެސް ގަބޫލުކުރައްވަ އެވެ. ސިއްހީ ހިދުމަތް ހޯދަން، ނުހިނގޭ ބަލިމީހާ ވެސް ކޮންމެ ދުވަހަކު ކަނޑެއް ހުރަސް ކޮށްފައި ހިތަދޫއަށް ދާން ޖެހުމުގެ ކަންބޮޑުވުން އެބައޮތެވެ.

ދެ ރަށުގައި ދުއްވާ ސައިކަލުތަކަށް ފީ ދައްކަން ވެސް ދާދި މިދާކަށް ދުވަހާ ހަމައަށް ވެސް ދާން ޖެހެނީ ހިތަދޫ އަށެވެ. އެއްކޮށް އޮތް ހުޅުދޫމީދޫގައި މީރާގެ އޮފީހެއް ގާއިމުވީ މިދިޔަ ޑިސެމްބަރު މަހު އެވެ.

"ތާއަބަދަށް ހިތަދޫން ހިދުމަތް ހޯދަން ތިބެންވީތޯ؟ މިއީ ކަންބޮޑުވުމެއް. ހިތަދޫން ޑޮކްޓަރެއް ގެނެސް މި ރަށުގަ ބަލި މީހުން ބަލާނެ އިންތިޒާމެއް ހަމަޖައްސަން ވީނޫންތޯ؟ އޭރުން މާ ފަސޭހަ ވާނެ. ދެން އެހެން ހިދުމަތްތައް ހޯދަން ވެސް ދަތުރުނުކޮށް ރަށުގައި ތިބެގެން ވަންޏާ ރަނގަޅު،" ޝުކުރީ ވިދާޅުވި އެވެ.

ހުޅުދޫމީދޫ އިން މުހިންމު އަސާސީ ހިދުމަތްތައް ހޯދުމުގައި ދަތިތަކެއް ހުރި ނަމަވެސް، ސިޓީން ވަކިވުމަކީ އެ ގޮންޖެހުންތަކުގެ ހައްލު ނޫން ކަމަށް ޝުކުރީ ވިދާޅުވި އެވެ.

މިހާރު ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު، ކޮންމެ ރަށަކަށް ވެސް އިތުރު ބާރުތަކެއް ލިބި، އަމިއްލަ ރަށް ތަރައްގީ ކުރުމަށް ދޮރުހުޅުވިގެން ދިއުމުން ހުޅުދޫމީދޫ ރައްޔިތުން އެދިއެދި ތިބި ފަދަ ބަދަލުތަކެއް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ޝުކުރީ އުންމީދުކުރައްވައެވެ. އަދި ސިޓީއެއްގެ ދަރަޖައިން ބޭރުވެ، އަލުން ރަށު ކައުންސިލެއް އިންތިހާބު ކުރުމަކީ "ވެއްޓުމެއް" ކަމަށް ޝުކުރީ ސިފަކުރެއްވި އެވެ.

"ސިޓީއެއްގެ ދަރަޖަ ލިބުމުން ހައިބަތެއް އޮންނާނެ. އަނެއްކާ އަޅުގަނޑުމެން ފަހަތަށް ފިޔަވަޅެއް އަޅަންވީތޯ؟ ސިޓީއެއްގައި ތިބެފާ ރަށު ކައުންސިލަކަށް ވެއްޓުން އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން. ނަމަވެސް ރައްޔިތުން ނިންމާ ގޮތަކަށް އަޅުގަނޑު ތާއީދު ކުރާނަން،" ޝުކުރީ ވިދާޅުވި އެވެ.

ރައްޔިތުން ނިންމާ ގޮތަކަށް ތާއީދު ކުރައްވާނަމޭ ޝުކުރީ ވިދާޅުވި އިރު، ހުޅުދޫމީދޫ ރައްޔިތުން ބޭނުންވާ ގޮތަކީ ކޮބައިހެއްޔެވެ؟ ގައިމުވެސް ސޯޝަލް މީޑިއާގައި ދެ ރަށުގެ ރައްޔިތުން ފާޅުކުރަމުން އަންނަ ހިޔާލުތަކަށް ބަލާއިރު، ފެނިގެން ދަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވުން އުފެދިފައިވާ މަންޒަރެވެ.

އެއް ބަޔަކު ބުނަމުން ދަނީ ސިޓީން ވަކިވުމަކީ އެޅޭ ޅަ އެއްޗަކަށް ވާނެ ކަމަށެވެ. ނަމަވެސް އަނެއް ބަޔަކު ބުނަމުން ދަނީ ސިޓީގައި އޮވެގެން ލިބުނު ތަރައްގީއެއް، ކުރިއެރުމެއް ނެތް ކަމަށާއި އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ސިޓީން ވަކިވެ، އަމިއްލަ ފައި މައްޗަށް ތެދުވުން ކަމަށެވެ.

"ނަމެއްގައި ސިޓީއެއްގައި އޮތުމުގެ ބޭނުމަކީ ކޮބާ؟ ރަށުގެ ކޮންމެ ކަމެއް ވެސް ނިންމަން ޖެހެނީ ސިޓީ ކައުންސިލްގެ ވޯޓުން. ހުޅުމީދޫ ރައްޔިތުންގެ އަޑެއް ކައުންސިލުގައި ނީއްވޭ،" އެކަކު ހިޔާލު ފާޅުކޮށްފައިވެއެވެ.

ޕެޓިޝަން ވަރަށް ވަރުގަދަ!

ރައީސް ސޯލިހު އައްޑޫ ސިޓީ ކައުންސިލަރުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ހުޅުދޫ އާއި މީދޫގެ އިންތިޒާމު ކޮމިޓީގެ ނަމުގައި އުފައްދާފައިވާ ކޮމިޓީއަކުން 10 މީހަކު ސޮއިކޮށް، އެ ދެ އަވަށް އައްޑޫ ސިޓީއިން ވަކި ކުރުމަށް އެދި މިހާރު ރައީސް އަށާއި މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނުގައި، ހުޅުދޫމީދޫ ސިޓީން ވަކިވާން ބޭނުންވާ ގިނަ ސަބަބުތަކެއް ވަނީ ބަޔާންކޮށްފަ އެވެ.

އެގޮތުން ލާމަރުކަޒީ ނިޒާމުގެ މަގުސަދަކީ ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުން ކަމަށް ވާއިރު، މިހާރު އޮތް ގޮތުން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ލިބެންޖެހޭ މާލީ މަންފާތަކައި އިދާރީ ހިދުމަތްތަކުން މަހުރޫމުވެ، ކައިރިން ލިބެންޖެހޭ ގިނަ ހިދުމަތްތަކެއް ހޯދަން ކަނޑު ހުރަސްކޮށް ފޭދޫއަށް ގޮސް އެއްގަމު މަގުން ހިތަދޫއަށް ދާންޖެހުން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، ސިޓީ ކައުންސިލުގައި ހުޅުދޫ އާއި މިދޫގެ ދެ ކައުންސިލަރުން ތިބި ނަމަވެސް، ކައުންސިލުން ކަންކަން ނިންމަނީ ވޯޓަކުން ކަމަށްވާތީ ވަރަށް މަދު ފަހަރެއްގައި މެނުވީ ހުޅުދޫ އާއި މީދޫގެ މަސްލަހަތަށާއި ތަރައްގީއަށް ރިއާޔަތްނުކުރެވޭކަމަށް ޕެޓިޝަނުގައިވެ އެވެ.

ހުޅުދޫ އާއި މީދޫއަށް ވަކި ކައުންސިލެއް ބޭނުންވަނީ ލާމަރުކަޒީ ނިޒާމުގެ ރޫހާ އެއްގޮތަށް، އެ ދެ ރަށުގެ ރައްޔިތުންނަށް އެންމެ ކައިރިން ހިދުމަތް ދެވޭނެ ގޮތަކީ އަދި ދެ ރަށުގެ މަސްލަހަތާ ގުޅޭ އެންމެހައި ކަންކަމުގެ އިހްތިޔާރާއި ބާރު ރައްޔިތުންނަށް ލިބެން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމުގައި ދެކޭތީ ކަމަށް ވެސް ބުންޏެވެ.

މި ވާހަކަތަކަށް ދެ ރަށުގެ ރައްޔިތުން ވެސް އަންނަނީ ތާއީދު ކުރަމުންނެވެ. އަދި އެ ޕެޓިޝަނުގައި މިހާތަނަށް 1000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ.

ޕެޓިޝަނާ ދެކޮޅު މީހުން ބުނަމުން ދަނީ ލާމަރުކަޒީ ގާނޫނުން މިހާރު އެ ދެ އަވަށަށް ވެސް އިހްތިޔާރާއި ބާރުތައް ލިބިދީފައިވާ ކަމަށެވެ. އަދި ސިޓީން ވަކިނުވެ، ދެ ރަށަށް ތަރައްގީ ގެނެވޭނެ ކަމަށެވެ.

"ޕެޓިޝަންގައި އެބަހުރި ރަނގަޅު ވާހަކަ. ގައިމުވެސް މިހާތަނަށް ކަން ހިނގަމުން އައި ގޮތަށް ވުރެ ރަނގަޅު ވާނެ. ނަމަވެސް މިހާރު މިވަނީ ކޮންމެ ރަށަކަށް ވެސް ބަޖެޓެއް ލިބިފައި. އެހެންވީމަ މިހާރު ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރެވިދާނެ އައްޑޫ ސިޓީން ވަކި ނުވެވެސް،" އިތުރު މީހަކު ބުންޏެވެ.

ހުޅުދޫ މީދޫ އައްޑޫ ސިޓީން ވަކިވުމުގެ ވާހަކަތައް ކަމާވެހޭ ފަރާތްތަކަށް ފޯރާފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގައި އައްޑޫ މީދޫ ދާއިރާ ތަމްސީލުކުރައްވާ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވަނީ އެ ޕެޓިޝަނަށް ތާއީދު ނުކުރައްވާ ކަމަށެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

ރޮޒައިނާ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅުދޫމީދޫ އައްޑޫ ސިޓީން ވަކިވާން އެއް އިރެއްގައި ވެސް ތާއީދު ނުކުރައްވާ ކަމަށެވެ. ނަމަވެސް ރަށުގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގެ މިނިވަންކަން އަވަށު އޮފީހަށް ބަޖެޓާއެކު ލިބުމަކީ ތާއީދު ކުރައްވާ ކަމެއް ކަމަށާއި، އެއީ ސިޓީން ވަކިނުވެވެސް ކުރެވޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެންމެ ބުއްދިވެރި ގޮތަކީ ހުރިހާ އަވަށްތައް އެކުގައި ސިޓީ ކައުންސިލެއްގެ ގޮތުގައި މަސައްކަތް ކުރުން ކަމަށެވެ. އަދި އެ ޕެޓިޝަނަކީ ދެތިން މީހަކު ހުށަހަޅައިގެން އުޅޭ ޕެޓިޝަނެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކަ އަކީ އަވަށް ވީހާވެސް ބޮޑަށް، ރަށް ވީހާވެސް ބޮޑަށް، ރަށުގެ މީހަކަށް ނުވެ އައްޑޫ ސިޓީ މީހަކަށްވެވި، ދިވެހި ރައްޔިތަކަށް ވިއްޔާ މާ ބުއްދިވެރި ވާނެ މި އަވަށު ބޯޑުތަކުގެ ބަދަލުގައި،" ނަޝީދު ވިދާޅުވި އެވެ.

މިމައްސަލައިގައި މިހާބޮޑަށް ހިޔާޅު ދެކަފި ވެފައިވާއިރު، ޕެޓިޝަނާމެދު ވާނެގޮތެއް ނޭނގެއެވެ. ލޯކަލް ކައުންސިލް އިންތިހާބަށް ވަގުތު ކުޑަތަންވަމުން އަންނަ އިރު، އިންތިހާބުގައި ރަށު ކައުންސިލެއް ހޮވަން މެނުވީ އެ ދެ ރަށުގެ ރައްޔިތުން ވޯޓު ލާން ބޭނުން ނުވާ ކަމަށް ވެސް ޕެޓިޝަނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް