ސެލީނާ ގޮމޭޒްގެ އާ އަލްބަމް ޗާޓުތަކުގެ އެއްވަނައަށް

ސެލީނާ ގޮމޭޒްގެ އާ އަލްބަމް "ރެއާ"ގެ ސިންގަލްގެ މިއުޒިކް ވީޑިއޯއިން މަންޒަރެއް --- ފޮޓޯ : ވީވޯ

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒްގެ އާ އަލްބަމް "ރެއާ" ރޯލިން ސްޓޯން އާއި ބިލްބޯޑުގެ ޗާޓުގެ އެއްވަނަ އަށް އަރައިފި އެވެ.

ސްޓޫޑިއޯ އަލްބަމެއް ނެރުނުތާ ފަސް އަހަރު ފަހުން، ސެލީނާ މިމަހުގެ 10ގައި ނެރުނު އަލްބަމް "ރެއާ" އކީ އޭނާގެ ތިންވަނަ ސްޓޫޑިއޯ އަލްބަމެވެ.

ރޯލިން ސްޓޯންގެ އަލްބަމް ޗާޓުގެ އެއްވަނައަށް ރެއާ އަރާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެއް ޗާޓުގެ އެއްވަނައިގައި އޮތް ރޮޑީ ރިޗްގެ "ޕްލީޒް އެކްސްކިއުޒް މީ ފޮ ބީން އެންޓި ސޯޝަލް" ފަހަތަށް ޖައްސާލުމަށްފަހުގައެވެ.

ބިލްބޯޑްސްގެ އެއްވަނައިގައި ރެއާ ހިމެނިފައިވަނީ އަލްބަމްތަކުގެ ކެޓަގަރީގެ "ހޮޓް 200"ގައެވެ.

ސެލީނާގެ އާ އަލްބަމުން މިހާތަނަށް ވަނީ 108،600 ޔުނިޓް ވިކިފައެވެ.

މިއުޒިކް ސްޓްރީމިން ސާވިސްތަކުގައިވެސް ރެއާ އަޕްލޯޑްކޮށްފައިވާއިރު މިހާރަނަށް އެ އަލްބަމް އަށް ވަނީ 61.5 މިލިއަން ސްޓްރީމް ލިބިފައެވެ.

ސެލީނާގެ އާ އަލްބަމްގައި ޖުމްލަ 13 ލަވައެއް ހިމެނެއެވެ. އެ އަލްބަމްގައި ހިމެނޭ ދެ ލަވައެއްގައި ވަނީ ރެޕް އާޓީސްޓުން ފީޗާކޮށްފައެވެ. އެ ފަންނާނުންނަކީ ސްލެކްސް އާއި ކިޑް ކޫޑީއެވެ.

ރެއާ އާންމުންނަށް ދޫކޮށްލުމުގެ ކުރީން ސެލީނާ ވަނީ އެ އަލްބަމުން ދެ ސިންގަލް ނެރެފައެވެ. އެއީ "ލޫސް ޔޫ ޓު ލަވް މީ" އާއި "ލުކް އެޓް ހާ ނައު" އެވެ.

ސެލީނާ އެންމެ ފަހުން ސްޓޫޑިއޯ އަލްބަމެއް ނެރެފައިވަނީ 2015 ވަނަ އަހަރުގައެވެ. "ރިވައިވަލް" ނަމަށް ކިޔާ އެ އަލްބަމަށް އެންމެ އެދެވިގެންވާ މަގުބޫލުކަމެއް ނުލިބެއެވެ. އެއަށްފަހުވެސް ސެލީނާ ވަނީ ސިންގަލްތަކެއް ނެރެ ގިނަ ފަންނާނުންނާއެކު ކޮލަބޮރޭޓްކޮށްފައެވެ.

comment ކޮމެންޓް