ބޯޓުގެ މައްސަލާގައި އަންނަ ހޯމަ ދުވަހު އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފި

ސީހޯމް ސެފެޔާ ބޯޓު --

ތިލަފުށީ ފަޅުގައި ވެރިޔަކު ނެތި އޮތް ދަގަނޑު ބޯޓު "ސީހޯމް ސެފެޔާ" ނަގަން ހަވާލުކުރި ޕާކްވަން އިންވެސްޓްމަންޓް އިން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އާ ދެކޮޅަށް 700،000 ޑޮލަރު (10.9 މިލިއަން ރުފިޔާ)ގެ ބަދަލެއް ހޯދުމަށް ދައުވާ ކުރާ މައްސަލައިގައި އަންނަ ހޯމަ ދުވަހު އަޑުއެހުމެއް ބާއްވަން މިއަދު ތާވަލުކޮށްފި އެވެ.

ބޯޓުގެ މައްސަލައިގައި މިއަދު ސިވިލް ކޯޓުގައި އަޑުއެހުމެއް އޮތެވެ. އެކަމަކު، އެ އަޑުއެހުމަށް މިއަދު ޖީއެމްއައިޒެޑްގެ ފަރާތުން ހާޒިރުވީ ވަކީލުގެ އެސިސްޓެންޓެވެ. އޭނާ ހާޒިރުވީ މައްސަލާގައި މުހިންމު ޖީއެމްއައިޒެޑްގެ ބޯޑު ރިޒޮލޫޝަންއަކާ ނުލަ އެވެ.

ބޯޑު ރިސޮލޫޝަންއާ ނުލައި ދެވުމުން އިތުރަށް ދިރާސާ ކުރުމަށް ފަހު ޖަވާބެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ ތައްޔާރު ވާން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ފުރުސަތު ދެއްވައިފަ އެވެ. އަދި ދެން އޮންނަ އަޑުއެހުމެއް އެ ދުވަހަށް ތާވަލުކުރެއްވި އެވެ.

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން، ތިލަފުށީ ފަޅުގައި އަޅާފައި އޮތް ސީހޯމް ސެފެޔާ އެތަނުން ނެގުމަށް ކޯޓުން ކުރި ހުކުމާ އެކު، ޕާކްވަން އާއި ޖީއެމްއައިޒެޑްއިން މި އަހަރު އެޕްރީލް މަހު، 16 ވަނަ ދުވަހު އެއްބަސްވުމެއް ހެދި އެވެ. ތިރީސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް ހަވާލުކުރީ، އެ ބޯޓުގެ މިލްކުވެރިކަން ވެސް ޕާކްވަންއަށް ދޭ ގޮތަށެވެ.

ނަމަވެސް ކޯޓު އަމުރަކާ އެކު އެ މަސައްކަތް ފުލުހުން ވަނީ ފަހުން ހުއްޓުވައިފަ އެވެ. އަދި ފަހުން ކޯޓުން ވަނީ އެ އަމުރު ބާތިލު ވެސް ކޮށްފަ އެވެ. އޭރު ފުލުހުން ވަނީ ކުރިން މަސައްކަތް ހުއްޓުވުމަށް ނެރުނު އަމުރު ތަންފީޒުކޮށްފަ އެވެ.

ޕާކްވަން ކުންފުނީގެ ވަކީލު އަބްދުﷲ ނަސީރު މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ، ޖީއެމްއައިޒެޑްއެލްއާ ދެކޮޅަށް ދައުވާކޮށްފައި ވަނީ، އެ މަސައްކަތް ހުއްޓުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 708،511 ޑޮލަރު ހޯދުމަށް ކަމަށެވެ.

ޖީއެމައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާޙިމް ރަޝީދު (މާމިގިލީ އިބޫ) މީގެ ކުރިން "ސަން" އަށް ވިދާޅުވީ، އެ މައްސަލާގައި ޖީމްއައިޒެޑްއެލްއިން ޒިންމާވާން ނުޖެހޭނެ ކަމަށާއި އެކަމުގައި އެކުންފުނިން ޕާކްވަންއަށް ދަކަން ޖެހޭ އެއްވެސް ބަދަލެއް ވެސް ނޯންނާނެ ކަމަށެވެ.

comment ކޮމެންޓް