މަ ލޯތްބެއް ދެން ނުވާނަމޭ... - 14

ހިމީގެ މަ ލޯތްބެއް ދެން ނުވާނަމޭ...

"އިޔާން" އެ ކުއްޖާގެ ދުލުން އިޔާންގެ ނަން ބޭރުވީ ކިތަންމެ މަޑުން ނަމަވެސް އިޔާން އަށް ރީތިކޮށް އެ އަޑު އިވުނެވެ. އޭނާ ދުރު ބަލާލަން މަސައްކަތް ކުރިނަމަވެސް އެ ނަޒަރު ވަކިކޮށްލަން އުނދަގޫވިއެވެ.

"ޒާނާ..." އިޔާންއަށް ވެސް ބުނެވުނެވެ. އޭނާއަށް ބޭއިޚްތިޔާރުގައި މެއާ ދިމާލުގައި އަތް އަޅާލެވުނެވެ. އެއާއެކު ޒާނާގެ ތުންފަތް މަތީގައި ފަޚުރުވެރި ހިނިތުންވުމެއް ދުވެލިއެވެ. ބޮޑާ ކަމާއި ކިބުރުވެރިކަމުގެ އިންތިހާއެވެ. ތުން އަނބުރާލަމުން އިޔާންއާ ދުރަށް ނަޒަރު ވަކިކޮށްލުމާއެކު ދުރަށް ހިނގައިގަތީ ފުރަތަމަ ޒާނާއެވެ. ޒާނާ ގޮސް ލޯ މަތިން ގެއްލެން ދެން ކަޅި ޖަހާ ނުލާ ބަލަން އިން އިޔާން އަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތް ކުރާ ފަދައަކުން އަމިއްލަ ނަފްސަށް ބޯ ޖަހާލިއެވެ.

*****

ތިން ދުވަސް ފަސް

*****

ރޭގަނޑު ކައިގެން ކޮޓަރިއަށް ނިދަން ވަދެފައި އައިރީން ޖައްސައިލީ ސޯފާގައެވެ. އެނދަށް އަރާށޭ ބުނަން ބޭނުންވިނަމަވެސް އިޔާންއަށް އެހެން ބުނާކަށް ނުކެރުނެވެ. އައިރީން އޭނާއާއި މާ ގިނަ ވާހަކަ އެއް ނުދައްކައެވެ. އެހެންކަމުން އޭނާވެސް އެކަމާ އަޅާނުލާ ހުރެވޭތޯ ބަލައެވެ. އެހެންނަމަވެސް ހަޤީގަތަކީ އައިރީންގެ އެ ދުރުކަމުން އޭނާއަށް އުނދަގޫވަމުން ދިޔަ ކަމެވެ. ހިތް ނުތަނަވަސް ވަމުން ދިޔަކަމެވެ. އެހެންނަމަވެސް އަމިއްލަ ހިތުގެ އިޙްސާސްތައް އަދިވެސް އިޔާންއަށް ރޭކާ ލާހެނެއް ހިޔެއްނުވެއެވެ.

ނިދިފައި އޮތް އިޔާންއަށް ހޭލެވުނީ އައިރީން ގެ ގިސްލުމުގެ އަޑަށެވެ. އޭނާ އެނދުން ތެދުވެގެން ގޮސް ސޯފާގާތު ހުއްޓިފައި ގުދުވެލިއެވެ. އައިރީން އޮތީ ނިދާފައެވެ. އެހެންނަމަވެސް ރޮމުން އޭނާ ދިޔައީ މަންމައަށް ގޮވަމުންނެވެ. ބައްޕަ އޭނާ ދޫކޮށްފައި ނުދިޔުމަށް އެދެމުންނެވެ. އިޔާން އައިރީންއަށް ގޮވާލިއެވެ. މިހާރަކަށް އައިސް މިއީ ކޮންމެ ރެއެއްގެ ވެސް ހާލެވެ. އަދިވެސް ކުރީ ރޭގެ ހާދިސާ އާ ހެދި އައިރީން އެ ވަނީ ނަފްސާނީ ބަލިކަށިކަމެއްގެ ތެރޭގައި ތާށިވެފައެވެ. އެކަމާ އިޔާން އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެއެވެ. އެ ހުރިހާ ކަމެއްގެ ޒިންމާވެސް އޭނާ އަޅުވަނީ އަމިއްލަ ބޮލުގައެވެ. އެކަމާ ބެހޭގޮތުން ޒަލަފްއާ ވާހަކަ ދައްކަން ބޭނުންވިނަމަވެސް ޒަލަފް ގެ ފަރާތުން އޭނާއަށް އަމާޒުވެދާނޭ ބަސްތަކެއްގެ ސަބަބުން ފަސް ޖެހެވެނީއެވެ.

"އައިރީން" އައިރީންގެ އަތުގައި ހިފާ ތަޅުވައި ގަނެފައި އިޔާން ވެސް ބާރަށް ބުނެލިއެވެ. އެއާއެކު އައިރީން ސިހިފައި ތެދުވިއެވެ. މީހެއްގެ ހިމާޔަތަށް ބޭނުންވެފައި ވުމާއެކު ބައްދާލެވުނީ އިޔާންގެ ގައިގައެވެ. ރޯން ފެށުނީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. އެކި ދިމަ ދިމާއިން އެ އަންނަ ހުވަފެންތަކުގެ ސަބަބުން އޭނާގެ ހަމަޖެހުން އެކީ ނަގާލައިފިއެވެ. މުޅި ނަފްސު ބިރުވެރިކަމެއްގެ ތެރެއަށް ގޮސް ގެއްލުވާލައިފިއެވެ.

"ޑޭޑް... ކައިރިއަށް ދާން ބޭނުން" އައިރީން ބުނަމުން ދިޔައެވެ. އިޔާންއަށް ހަދާނެ ގޮތް ހުސްވިއެވެ. އައިރީން އަނެއްކާ ސައިކެޓްރިސްޓަކަށް ދައްކަން ވީ ހެއްޔެވެ؟ އޭނާ އެކި ގޮތްގޮތުން ވިސްނިއެވެ. ކޮންމެ ގޮތެއް ހަދާފައިނަމަވެސް އޭނާ ޒަލަފް އާ އެ ވާހަކަ ހިއްސާ ކުރަން ނިންމީ އެފަދަ ވާހަކަތައް ދައްކާނޭ އިތުރު މީހެއްވެސް ނެތުމާއެކުގައެވެ.

އިސާހިތަކު އައިރީން ވަރުބަލިވީ ކަންނޭގެއެވެ. ރޮވެމުން ރޮވެމުން ގޮސް އެކީ އެ އަޑު ކެނޑިގެން ދިޔައެވެ. އިޔާންގެ އަތް ދަނޑި މައްޗަށް އައިރީން އުފުއްލާލައިގެން ގެންގޮސް އޭނާ އެނދުގައި އައިރީން ބާއްވާލިއެވެ. އެއަށްފަހު އެ މައުސޫމް މޫނަށް ބަލަން ހުއްޓެވެ. އެ މޫނުމަތިން ކަމެއް ދެނެގަންނަން މަސައްކަތް ކުރާ ފަދައެވެ.

އިޔާން އާފުރިލަމުން ގޮސް ސޯފާ މައްޗަށް ވެއްޓިގަތެވެ. އޭނާގެ ސިކުނޑިއަށް އަނެއްކާވެސް ޒާނާގެ ޚިޔާލުތައް ވެރިވާން ފެށިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ބޭ އިޚްތިޔާރުގައި އޭނާއަށް ސޯފާއިން ތެދުވެލާ އައިރީންއަށް ބަލާލެ ވުނެވެ. އެއަށްފަހު ބޮލުގައި ހިފައްޓާލެވުނެވެ. ތެދުވެގެން ގޮސް ޖަގުން ފެންތައްޓެއް ތައްޓަށް އަޅާ އެއް ނޭވާއިން ބޯލުމަށްފަހު އެނބުރިއައިސް ސޯފާއަށް ވެއްޓިގަތެވެ.

ޖެހިގެންއައި ދުވަހެވެ. އިޔާން ޖޮގިން ނިންމާލާފައި އައިއިރު ޒަލަފް ބޭރުގައި ހުރި އުނދޯލީގައި ޖައްސާލައިގެން އިނީ ފޯނެއްގައެވެ. ޒަލަފް އާ ދިމާ ކޮށްލާނަމޭ ހިތާ އިޔާން އެ ދިމާލަށް ހިނގައިގަތެވެ.

ސުމާ އާއި ވާހަކަ ދައްކަން އިން ޒަލަފްގެ މެއަށް ކުއްލިއަކަށް އެރި ތަދާއެކު އޭނާ ދޮގެއްހަދާފައި ފޯނު ބޭއްވިއެވެ. އެއާއެކު އޭނާއަށް ކުޑަކޮށް ގުދުވެވުނެވެ. އެތަން ފެނި އިޔާން ކުޑަކޮށް ދުވެލާފައި އައިސް ޒަލަފް ގާތަށް ހުއްޓުނެވެ.

"އޭތް... ބްރޯ... މިފަހަރު ޗެކް އަޕް ހަދާފަ އައި ފަހުންވެސް ރަނގަޅުނުވޭތަ؟" އިޔާން ސުވާލުކޮށްލިއެވެ. އޭނާގެ އަޑުން ހާސްކަން ވެސް ފާޅުވެއެވެ.

"ނޫނޭ... ކުޑަކޮށް ސަކަރާތް ދުވަސްކޮޅަކީ..." ޒަލަފް ބުނެލިއެވެ.

"މަންމައަށް ގޮވަންވީތަ؟" އިޔާން އަހާލިއެވެ.

"ނޫނޭ... އެނގެއެއްނު... މަންމަ.... މިގޭގެ ރޯކޮށްލާނެ ޑޮކަށް ނުދިޔަޔަސް.... އެ އޯކޭ ވާނެ..." ޒަލަފް ބުނެލިއެވެ. އޭނާ ހިނިގަނޑެއްޖަހާލިއެވެ. އިޔާންއެކަމާ ކަންބޮޑުވިނަމަވެސް އިރުކޮޅަކުން ޒަލަފް ހަމައަކަށް އެޅުމާއެކު އޭނާ ވެސް ދެފަރާތަށް ބޯ ހޫރާލިއެވެ. އެއާއެކު އޭނާގެ ނަޒަރު ޒަލަފްގެ ފަޔަށް ހުއްޓުނެވެ. ފައި ވަރަށް ދުޅައެވެ.

"އޭތް... ހާދަ ފައި ދުޅައޭ.... ބޭސް ނުކަނީތަ؟" އިޔާން އަހާލިއެވެ.

"ނޫން... ކަން އެބަ... އެކަމަކު ނޭނގޭ ކީއްވެކަމެއް.... " ޒަލަފް އޮޅުވާލިއެވެ. ހަޤީގަތުގައި އޭނާއަށް އެ މައްސަލަތައް އެކުރިމަތި ވަނީ ކީއްވެކަން އެނގުނު ނަމަވެސް އޭނާ އެ ކަންތައް ސިއްރުކުރަނީ ސުމާއަށްޓަކައެވެ. ދެމީހުން ރައްޓެހިވެގެން މާ ގިނަ ދުވަސްތަކެއް ނުވިޔަސް އެހާ އަވަހަށް ސުމާއާއި ކަންތައްތަކުގައި ދެބަސްވާން ޖެހެނީއެވެ. އެކަމާހެދި ޒަލަފް ސްޓްރެސް ވަނީއެވެ. ސްޓްރެސް ވަންޏާ އަބަދުވެސް ޒަލަފްގެ ބަލި ގޯސްވެއެވެ. ސުމާ ދެކެ ހަޤީގަތުގައި ޒަލަފްވަރަށް ލޯބިވެއެވެ. ހަޤީޤީ ސަބަބު ސިއްރުކުރަނީ އެހެންވީމައެވެ.

"ބައިދަވޭ... އަހަރެން އެބަޖެހޭ ޒެލްއާ ވާހަކަ އެއް ދައްކާލަން..." އިޔާން ފުރުސަތުގެ ބޭނުން ހިފިއެވެ.

"ރިލޭޝަންޝިޕް އެޑްވައިސްއެއްތަ ބޭނުމީ... އެހެންވިއްޔާ ދޮންބެ ދައްތައާ އެކު ރަނގަޅު ލައިފްއެއް އުޅޭ" ޒަލަފް ހިނިގަނޑެއް ޖަހާލިއެވެ.

"ސާބަހޭ... އަހަންނެއް ނޫޅެން އޭނާއާ އެކު އުމުރު ދުވަހު އުޅޭކަށް... އެނގޭތަ؟ އެރެއަށްފަހު އައިރީން ކޮންމެ ރެއަކު ނިދީގަ ރޮނީ... ރޭގަވެސް އަހަރެން ކިރިޔާ ބިރުން ހަލާކު ނުވީ... އަނެއްކާ އައިރީން މޮޔަ ވަނީތަ؟" އިޔާން އަހާލިއެވެ.

"ބްރޯ... ދޮންބެ ދައްތަ މަންމަ ނިޔާވީ ވެސް އެކްސިޑެންޓެއްގަ... ބައްޕަވެސް ހަމަ އެފަދައިން... އަނެއްކާ ކުރިން ރޭ އެ ފެނުނު މަންޒަރާ ހެދި ދޮންބެ ދައްތަ އެވަނީ ނަފްސާނީ ގޮތުން ވަރަށް ބަލިކަށިވެފަ... ކޮންމެ މީހަކަށްވެސް އެފަދަ ކަމެއް ދިމާވެދާނެ... ދޮންބެ ދައްތައަށް ސަޕޯޓް ދޭން ހުރީ ދޮންބެ... އެކަމަކު ތި ހުރީ ދޮންބެ އުޅޭގޮތް... " ޒަލަފް ވާހަކަދެއްކިއެވެ.

"އޭތް... އެނގޭތަ... ޒާނާ އެބައުޅޭ ރާއްޖޭގަ" ކުއްލިއަކަށް ކަމެއް ހަނދާންވާފަދައަކުން އިޔާން ބުނެލިއެވެ.

"ވަޓް؟" ޒަލަފްއަށް ލިބުނީ ކުއްލި ސިހުމެކެވެ.

"އާނ... އަހަރެމެން ދެމީހުން ދިމާވެއްޖެ" އިޔާން އިތުރަށް އޮޅުން ފިލުވައިދިނެވެ.

"ސީރިއަސްލީ؟ އޭނަ ކައިރިއަށް ދާންވީ؟ ދޮންބެ ދައްތަ ދޫކޮށްލާފަ... ނޯ...." ޒަލަފް ދެފަރާތަށް ބޯ ހޫރާލިއެވެ. އިޔާން ވަކި އެއްޗެއް ނުބުނެއެވެ.

"ދޮންބެއަށް ވަރަށް ރަނގަޅަށް އެނގޭނެ އަހަރެން ޒާނާ ދެކެ ރުޅި އަންނަ ވަރު... ސަބަބުވެސް އެނގޭނެ... އެ ނަންދެކެވެސް އަހަރެން ފޫހި ވޭ... ދޮންބޭ! ތީ މިހާރު މީހެއްގެ ފިރިއެކޭ... ޕްލީޒް... ޕްލީޒް... ޕްލީޒް... ޖަސްޓް ފޮގެޓް އެބައުޓް ހާރ... ޕްލީޒް... އަމިއްލަ ދިރިއުޅުން އާރާސްތުކޮށްބަލަ... ބޭކާރު ކަންތަކާ ބޯ ގޮށްވާނެ ކަމެއްނެތޭ..." ޒަލަފް ހިންހަމަ ނުޖެހުނެވެ.

"ބަޓް ޔޫ ނޯ..."

"ދޮންބޭ... ޒާނާގެ އެއްވެސް މައުޟޫއަކަށް އަހަރެން ވާހަކަ ދައްކާކަށް ބޭނުމެއް ނުވޭ... " ޒަލަފް ރުޅިއަތުވެއްޖެއެވެ. އޭނާ އުނދޯލިންވެސް ތެދުވެއްޖެއެވެ.

"އޯކޭ. ފައިން. ސޮރީ... އައިރީންއަށް ހަދަން ވީ ގޮތެއް ކިޔާބަލަ" އިޔާން މައުޟޫ ބަދަލުކޮށްލިއެވެ.

"ސައިކޭޓްރިސްޓެއް ކައިރިއަށް ގެންދަންވީތަ؟" އިޔާން އަނެއްކާވެސް އަހާލިއެވެ.

"ދޮންބެ ދައްތަ އެއްބަސް ވާނެތަ؟... އެކަހަލަ ކަމެއް ހުއްޓަސް އާއްމުގޮގެއްގައި އެމީހުން ދާން އެއްބަހެއް ނުވާނެ... އުނދަގޫވާނެ އެއްބަސްކުރުވަން... އެމީހުންނަށް ހީވާނީ މޮޔައެއްކަމަށް އެހެންމީހުން ހީކުރަނީ އޭ... ދޮންބެއަށް ރަނގަޅަށް ވާހަކަ ދެއްކެންޏާ... ދޮންބެ ދައްތަ ހިންހަމަ ޖައްސުވައިގެން ގެންދެވެންޏާ ހަމަ ގެންދަންވީ... " ޒަލަފް ބުނެލިއެވެ.

"ހީވޭތަ އެއީ ރަނގަޅުކަމެއްހެން؟" އިޔާން އަހާލިއެވެ.

"އަދި ފެންނަނީ ބަލާލަން... އަދި ދެތިން ރޭ ބަލާލަ ބަލަ... ރަނގަޅު ނުވަންޏާ ގެންގޮސް ދައްކާލުން ރަނގަޅުވާނެ... " ޒަލަފް އޭނާގެ ހިޔާލެއް ފާޅުކޮށްލިއެވެ. ދެމީހުން ވާހަކަ ދައްކަން ތިބެފައި ސްވިމިންގް ޕޫލާ ދިމާލަށް މިސްރާބުޖެހިއެވެ. ގޭގެ ބިށްދޮށައް ގޮސް އިޔާން ފެންގަނޑަށް ފުންމާލުމާއެކު ޒަލަފް އަތުން ހަނާ އަޅާލިއެވެ.

"އޭތް... ބްރޯ އާދެބަލަ..." އިޔާން އެދުނެވެ.

"ރޭހެއް ޖަހަންވީ؟" ޒަލަފް އަހާލިއެވެ.

އިޔާން ދެފަރާތަށް ބޯ ހޫރާލިއެވެ.

އިޔާން ފަތާލާފައި މައްޗަށް އެރިއިރު ޒަލަފް އިނީ ފޯނެއްގައެވެ. ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ.

"ސުމާ މަތިން އެންމެ ހިނދުކޮޅަކުވެސް ހަނދާން ނައްތައެއް ނުލެވޭ ދޯ" އިޔާން ފޯނުން އެކޮޅުން ވާހަކަ ދައްކާ މީހާއަށްވެސް އަޑު އިވޭވަރަށް ބުނެލިއެވެ. އެއާއެކު ޒަލަފް ލޯ އަޅާލިއެވެ. އޭނާ މަޑުން ހުންނާށޭ ބުނެ އަނގައިން އިޝާރާތް ކޮށްލިއެވެ. އިޔާން ޖަހާލީ ހިނިގަނޑެކެވެ. އޭނާ ޒަލަފްއާ ދިމާލަށް ދޫނެރިލަމުން ގޭތެރެއަށް ވަންނަން ހިނގައިގަތީ ތިމަންނާ މި ދަނީ ފެން ވަރަންނޭ ކިޔާފައެވެ.

އައިރީން ވެސް ފަތާފެންގަނޑާ ދިމާލަށް ނުކުމެލީ ހިންހަމަ ޖައްސާލުމުގެ ބޭނުމުގައެވެ. އެ ހިސާބަށް އަރާ ހަމަވީތަނާ އެތަނުގައި އިން ޒަލަފް އޭނާގެ ލޮލުގައި އަޅައިގަތެވެ. މަޑުމަޑުން އައިސް ޒަލަފްއާ އަރާ ހަމަވީތަނާ އޭނާއަށް ޒަލަފްގެ ވާހަކަތައް އަޑު އިވުނެވެ.

"ސުމާ... ކީއްވެތަ އަބަދު ދެ މިނެޓުން ރުޅިއަންނަނީ... ހުންނާނެ ދޯ އަހަންނަށްވެސް ކޮށްދެވޭނެ ކަންތައްތަކާ ނުކޮށްދެވޭނެ ކަންތައްތަކާ" ޒަލަފް ބުނެލި އަޑު އިވުނެވެ. އެ އަޑު އަހާފައި އައިރީން ދުރަށް ދާން ގަސްތުކުރިނަމަވެސް އޭނާގެ ހިތް ޒަލަފްގެ ވާހަކަތައް އަޑު އެހުމަށް މަޖުބޫރުކުރުވިއެވެ.

"އަނެއްކާ ސުމާ ލޯބިވަނީ އަހަރެންގެ ފައިސާއާ މުދާދެކެތަ؟ އަހަރެންނަކީ ކާކުކަން އެނގުމަށްފަހު ސުމާ އަބަދުވެސް އުޅެނީ ކޮންމެވެސް ތިކަހަލަ ކަމެއް ނުކޮށްދީގެން..." ޒަލަފްވެސް ހިންހަމަނުޖެހޭ ގޮތްވިއެވެ. ޒުވާބު ހޫނުވެ އެންމެ ފަހުން ޒަލަފް ފޯނު ބޭއްވިއެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.

"ހޭ ޒެލް" އައިރީން އައިސް ބެންޗުގެ އެއްފަރާތުގައި އިށީނެވެ.

"ހައި ދޮންބެ ދައްތާ" ޒަލަފްވެސް ހިނިތުންވެލި އެވެ. އެހެންނަމަވެސް އެއީ މަޖުބޫރުން އޭނާ ތުންފަތަށް ވެރިވި ހިނިތުންވުމެކެވެ.

"ކިހިނެތްވީ؟ ހާދަ ދެރަވެފަ އިން ހެން ހީވެޔޭ... އަނެއްކާ އެއްކަލަ ކުއްޖައާ މައްސަލައެއް ޖެހުނީތަ؟" ޒަލަފް އިއްޔެގަ އައިރީންއަށް ސުމާގެ ވާހަކަ ކިޔައިދިނީ އޭނާ ފޯނެއްގައި ހުއްޓައި އައިރީންއަށް ފަޅާ އެރި ހިސާބުންނެވެ. ޒަލަފް ދެފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ޒަލަފް އޭނާއާއި އެ ވާހަކަތައް ހިއްސާ ކުރަން ބޭނުންނުވާކަން އެނގި އައިރީން އިސްވެ އެ ވާހަކަ ފަށާކަށްބޭނުމެއް ނުވިއެވެ. އެހެންކަމުން ކޮންމެވެސް އެހެން މައުޟޫ އަކަށް ވާހަކަ ދައްކަން ފެށީއެވެ. އެހެންނަމަވެސް އޭނާ އެ އަންހެން ކުއްޖާ ދެކެ ހިންހަމަ ނުޖެހުނެވެ. ޒަލަފް ގެ ވާހަކަތައް ހުރި ގޮތުން ހީވަނީ އެ އަންހެން ކުއްޖާ ޒަލަފް އާ ހެދި އުޅެނީ މުދަލާ ފައިސާއަށް ޓަކާ ކަމެވެ.

ދެމީހުން އަމިއްލަ ވާހަކަތަކެއްގައި ތިބެފައި އައިރީން ދާން ތެދުވުމާއެކު އައިރީންގެ ފަހަތުން ޒަލަފްވެސް ތެދުވިއެވެ. އެކުގައި ގޮސް ގޭތެރެއަށް ވަތް އިރު ގޭތެރޭން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ.

*****

އާމިރު މުހިންމު ލިޔެ ކިޔުންތަކެއް ނަގަންވެގެން ސޭފް ހުޅުވައިގެން ހުއްޓާ އޭނާ ނެގި ފައިލްއަކާއެކު އެހެން ފައިލެއްގައި ހުރި ގަނޑުތަކެއް ވެސް ވެރުނެވެ. އޭނާ ތިރިވެ ފައިލްގައި ހުރި ގަނޑުތައް ނަގާ ފައިލްތެރެއަށް ލާފައި ލައްޕާލަން އުޅުނު ވަގުތު އައިރީންގެ ނަން އަޅައިގަތުމާއެކު އެ ނަގާ ކިޔާލިއެވެ. އެއީ އޭނާ އަދި ރަނގަޅަށް ބަލާ ނުލާ އިން ފައިލެކެވެ. އެހާ މުހިންމު ކަމަށް ނުދެކުނީތީ ބަލާވެސް ނުލެވުނީއެވެ. އޭނާ އެ ގަނޑުތައް ބަލާލުމާއެކު މީގެ ކުރިން އޭނާއަށް ނޭނގޭ އާ ކަމެއް އެނގިގެން ދިޔައެވެ. ހިސާބަކަށް ނުތަނަވަސްކަމެއް އޭނާގެ މޫނުމަތިން ފެނިގެން ދިޔައެވެ.

ފައިލް އަނބުރާ ސޭފްއަށް ލުމުގެ ބަދަލުގައި އެ ފައިލް ނެގުމަށްފަހު އަނެއްފައިލާ އެކު އެ ފައިލްހިފައިގެން އޭނާ ސްޓަޑީގައި މަޑުކޮށްލީ އޮފީހުގެ ލިޔެކިޔުންތައް ކިޔާލުމުގެ ބޭނުމުގައެވެ. އެ މަސައްކަތް ނިންމާލާފައި އޭނާ ދެން ބަލާލީ އައިރީންގެ ފައިލާ ދިމާލަށެވެ. އިރުކޮޅަކު ވިސްނަން އިނދެފައި އޭނާ އެ ފައިލް ހުޅުވާލާ އޭގާއި ލިޔެފައި އޮތް އެއްޗެއް ވަރަށް ފަރުވާތެރިކަމާއެކު ކިޔަން ފެށިއެވެ. ބައެއްފަހަރު އޭނާގެ މޫނުމަތިން ހިތާމައިގެ އަސަރުވެސް ފެނިލައެވެ. އެއް ގަނޑުގައި ލިޔެފައި އިން ނަންބަރު ފޯނުގައި ނޯޓު ކުރުމަށްފަހު އޭނާ ފައިލް ލައްޕާލީ ކޮންމެވެސް ވަގުތަކުން އެ ނަންބަރަށް ގުޅާލުމުގެ ބޭނުމުގައެވެ. އޭނާ އެ ނަންބަރު ނޯޓު ކުރީ އޭނާގެ ލޮލަށް ފެނުނު މަންޒަރަކާވެސް ގުޅިގެންނެވެ.

ކާގެތެރޭގައި މީގެ ދެ ދުވަސްކުރިން އިޔާން އައިރީންއާ ކުރި ސުވާލުތަކެއް އަޑު އިވުމާއި ގުޅިގެންނެވެ.

އެ ނަންބަރު ނޯޓު ކޮށްލައިގެން އެނބުރި ގޮސް އައިރީންގެ ފައިލް ސޭފްއަށްލާފައި އޭނާ އަތުގައި ދެން އޮތް ފައިލް ހިފައިގެން ނުކުތީ އޮފީހަށް ދާށެވެ. ކުރަން ހުރި ކަންތަކުގެ މުހިންމުކަމުން އޭނާ ދިޔައީ ސައިވވެސް ނުބޮއެވެ.

އޮފީހަށް ގޮސްފައި އޭނާ ފުރަތަމަވެސް އެ ނަންބަރަށް ގުޅާލިއެވެ. ފުރަތަމަ ގުޅާލިއިރު ފޯނު ނުނެގިނަމަވެސް ދެވަނަ ރިންގާއެކު އެ ކޮޅުން ފޯނު ނަގައިފިއެވެ. އޭނާ އިސްލާމީ ރިވެތި ސަލާމުން ސަލާމް ގޮވާލަމުން ތަޢާރަފް ވެލިއެވެ. އެކޮޅުންވެސް ކުޑަ ތަޢާރަފެއް ދިނެވެ. އާމިރު އޭނާގުޅި ބޭނުން ކުޑަ ގޮތަކަށް އެކޮޅުން ވާހަކަ ދައްކަމުން ދިޔަ މީހާއާއި ހިއްސާކުރިއެވެ. އޭނާ އެދުނީ ކޮންމެވެސް ވަގުތަކުން ބައްދަލުކޮށްލުމަށެވެ. ދައްކަން ޖެހެނީ ފުދޭވަރަކަށް ބޮޑު ވާހަކައަކަށް ވުމާއެކުވެސް މެއެވެ. އައިރީންގެ އެ ވަރަށް ބައިވަރު ވާހަކަތައް އޭނާ ހިއްސާކުރަން ބޭނުންވާ ކަމަށް ބުންޏެވެ.

އާމިރު އަވަސްއަވަހަށް އާއެކޭ ބުނެލިއެވެ. އޭނާގެ ހިތްވެސް އާދަޔާ ޚިލާފަށް ތެޅެމުން ދިޔައެވެ. އައިރީންއަކީ އޭނާގެ އަމިއްލަ ދަރިއެއްފަދަ ކުއްޖެކެވެ. އައިރީންއަށް ދެރައެއްވާކަށް އޭނާ ދުވަހަކުވެސް ނޭދެއެވެ.

*****

އިޔާންއާއި އައިރީންގެ ގުޅުމާމެދު ޒަލަފް ހިންހަޖަނުޖެހޭކަން އިޔާންއަށްވެސް އެނގެއެވެ. އެ ގުޅުން އެއަށްވުރެ ގާތްވާން ޖެހޭނެކަމަށް ޒަލަފް ގަބޫލުކުރަނީއެވެ. މިއަދުވެސް ދެވަނަ ފަހަރަށް އޭނާއަށް ޒާނާގެ ވާހަކަ ދެއްކުމާއެކު ޒަލަފްއައީ އަމަށަކު ރުޅިއެއް ނޫނެވެ. އެކަމާ އިޔާންހުރީ ބޯ ގޮވާފައެވެ. ޒަލަފް ޒާނާ ދެކެ ރުޅި އަންނަ އިތުރު ސަބަބެއް އޮވެދާނެޔޭ ހިތަށް އެރިނަމަވެސް ވިސްނާ ވިސްނާވެސް އޭނާއަށް އެ ސަބަބެއް ނުހޯދުނެވެ.

(ނުނިމޭ...)

https://sun.mv/130026

comment ކޮމެންޓް