ލެސްޓާ ބަލިވި އިރު ލިވަޕޫލުގެ ލީޑު 16 ޕޮއިންޓަށް

ލިވަޕޫލު ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ// އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުގައި، 2016 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި ލެސްޓާ ސިޓީ ބާންލީ އަތުން ބަލިވި އިރު ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ލިވަޕޫލުން އެއްވަނައިގައި 16 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ބާންލީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ލެސްޓާ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. މީގެ ދެ ސީޒަން ކުރިން ލީގު ކާމިޔާބު ކުރުމަށްފަހު ލެސްޓާގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ވަނީ ކުލަބު ދޫކޮށްލައިފަ އެވެ. އެހެން ކަމުން މިދިޔަ ދެ އަހަރު އެ ޓީމުން މަސައްކަތް ކުރީ ލީގުގެ ޓޮޕުގައި ހިފަހައްޓާލެވޭ ވަރުގެ ޓީމެއް އަލުން ބިނާ ކުރުމަށެވެ.

އެގޮތުން މި ސީޒަނުގައި އެ ޓީމުގެ ކޯޗަކަށް ހަވާލުވި ބްރެންޑަން ރޮޖާގެ އިރުޝާދުގެ ދަށުން ލެސްޓާ ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އެކަމަކު ޓީމުގެ ބައެއް ކުޅުންތެރިން އަނިޔާވުމުގާ ގުޅިގެން އެ ޓީމުން މި ފަހުން ކުޅުނު މެޗުތަކުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.

ރޭގެ އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ލެސްޓާއިންނެވެ. އެ ޓީމުގެ ހާވޭ ބާންސް ފުރަތަމަ ހާފުގެ 33 ވަނަ މިނަޓުގައި ޖެހި ގޯލު ކެންސަލް ވެގެން ދިޔައީ ދެވަނަ ހާފު ފެށިގެން ކުޑައިރަކޮޅެއް ތެރޭ ބާންލީގެ ކްރިސް ވުޑް ޖެހި ގޯލުންނެވެ. އަދި އެއަށްފަހު 79 ވަނަ މިނަޓުގައި ގޯލެއް ޖަހައި ލެސްޓާގެ އުންމީދުތައް ފުނޑުފުނޑުކޮށްލީ ބާންލީގެ އެޝްލީ ވެސްޓްވުޑް ވައްދާލި ގޯލުންނެވެ.

އެ ނާތީޖާއާ އެކު ލެސްޓާ މިވަގުތު ތާވަލުގެ ތިންވަނައިގައި އޮތީ ކުޅުނު 23 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ.

މީގެ އިތުރުން ގިނަބަޔަކު އިންތިޒާމް ކުރަމުން އައި ލިވަޕޫލާއި މެންޗެސްޓާގެ މެޗު ނިމުނީ 0-2 ގެ ނަތީޖާއަކުން ލިވަޕޫލް ކުރި ހޯދައިގެންނެވެ.

ލީގު ކަށަވަރު ކުރުމާ ގާތްގަޑަކަށް އެއް ހަމައަކަށް ލިވަޕޫލް ކައިރި ކުރަމުން އަންނަ އިރު ރޭގެ މެޗުގައި ވެސް އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ލިވަޕޫލުން މެޗުގައި ޖެހި ދެ ގޯލު ޖަހައިދިނީ ޑިފެންޑަރު ވާގިލް ވެންޑައިކާއި މުހައްމަދު ސަލާހު އެވެ. އެއީ ސަލާހު ޔުނައިޓެޑް ކޮޅަށް ޖެހި ފުރަތަމަ ގޯލެވެ.

comment ކޮމެންޓް