ކުއްޖާ ރޭޕްކުރި މައްސަަލަައިގައި ކޮމިޓީން މިއަދު ގޮތް ނިންމައި ތަންފީޒުކުރަނީ

ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގައި ބޭއްވި ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/މަޖިލިސް

އުމުރުން ދެ އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލަ ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު އެކަމުގައި ގޮތެއް ނިންމާނެ ކަމަށް ބުނެފި އެވެ.

އެ މައްސަލާގައި ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވެފައިވޭތޯ ބެލުމަށް ރައްޔިތުން މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީއިން ވަނީ ތަހުގީގެއް ފަށައިފަ އެވެ.

އަދި އެ މައްސަލައާ ގުޅުންހުރި މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކޮށް، ރޭ ވަނީ ސުވާލުކޮށްފަ އެވެ. އެގޮތުން ފުލުހުންނާއި، ޖެންޑާ މިނިސްޓްރީ އާއި ޕީޖީ އޮފީހާއި އަދި ކުއްޖާ ނިސްބަތްވާ ރަށު ކައުންސިލާ ވެސް ކޮމިޓީން ވަނީ ސުވާލުކޮށްފަ އެވެ.

އެ މައްސަލައިގައި ބާއްވާ ކޮމިޓީ ބައްދަލުވުމެއް މިއަދު މެންދުރު 2:00 އަށް ވަނީ ތާވަލްކޮށްފަ އެވެ. އެ ބައްދަލުވުމުގައި މައްސަލައާ މެދު ކޮމިޓީން ގޮތެއް ނިންމާނެ އެވެ.

މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު، ހަސަން ޒިޔާއު ވިދާޅުވީ އުމުރުން ދެ އަހަރުނުވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ދިރާސާ ކުރުމަށްފަހު، ކޮމިޓީން މިއަދު ގޮތެއް ނިންމާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަންގާނެ ކަމަށާއި އަދި އެ ނިންމުން ރައީސް ނަޝީދު ތަންފީޒު ކުރައްވާނެ ކަމަށެވެ.

މައްސަލައާ ގުޅިގެން ނަޝީދު ވިދާޅުވެފައި ވަނީ ކުއްޖާގެ ހައްގުގައި އެކި ފަރާތްތައް ޖަވާބުދާރީކުރަން މަޖިލީހުން މަސައްކަތް ކުރާނެ ކަމަށެވެ.

ތުއްތު ކުއްޖަކު އޭނާގެ އަމިއްލަ މުނިކާފަ އަދި ބައްޕަގެ ޖިންސީ ޝިކާރައަކަށް ވީކަމަކީ އިންތިހާއަށް ކަންބޮޑުވުން ހުރި ލަދުވެތިކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އެ މައްސަލައިގައި އެކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުޑަކުއްޖާގެ ކާފަ އަދި މުނިކާފަ ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އިހުމާލުގެ ތުހުމަތުގައި ކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ތިން މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

comment ކޮމެންޓް