މިދިޔަ އަހަރު ކޯޓުތަކުން 21،000 އަށްވުރެ ގިނަ މައްސަލަ ނިންމައިފި

ފާއިތުވި 2019 ވަނަ އަހަރު ރާއްޖޭގެ ކޯޓުތަކުން ޖުމްލަ 21،000 އަށް ވުރެ ގިނަ މައްސަލަތައް ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެކި ކޯޓުތަކަށް ޖުމްލަ 20985 މައްސަލަ ހުށަހެޅުނެވެ. އަދި 2018 ވަނަ އަހަރު ނިމުނު އިރު، ނުނިމި ހުރި 10،146 މައްސަލައާއެކު، ކޯޓުތަކުން މިދިޔަ އަހަރު 31،131 މައްސަލަ ވަނީ ބަލައިފައެވެ.

އޭގެ ތެރެއިން 2019 ވަނަ އަހަރު ނިމުނު އިރު 21،358 މައްސަލަ ވަނީ ނިންމައިފައެވެ. އެއާއެކު ކޯޓުތަކުގައި ހިނގަމުންދިޔަ މައްސަލަތަކުގެ 69 ޕަސެންޓު މައްސަލަ ވަނީ ބަލައި ނިންމައިފައެވެ.

އަހަރު ނިމުނު އިރު ކޯޓުތަކުގައި ނުނިމި ބާކީ ހުރީ 9773 މައްސަލައެވެ.

މިގޮތުން މުޅި ޝަރުއީ ދާއިރާގައި ހިމެނޭ ކޯޓުތަކުގެ 2019 ވަނަ އަހަރުގެ ކޭސް ކްލިއަރެންސް ރޭޓަކީ 101.8 ޕަސެންޓެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 4.5 ޕަސެންޓުގެ ކުރިއެރުމެކެވެ.

ވަކިވަކި ކޯޓުތަކަށް ބަލާއިރު، މިދިޔަ އަހަރު އެންމެ ގިނަ މައްސަލަތަކެއް ހުށަހެޅުނީ ސިވިލް ކޯޓަށެވެ. ސިވިލް ކޯޓަށް މިދިޔަ އަހަރު ޖުމްލަ 4700 މައްސަލަ ހުށަހެޅުނު އިރު، މިދިޔަ އަހަރުގެ ބާކީ އާއެކު 4907 މައްސަލަ ބަލައި ނިންމާފައިވެއެވެ.

ފެމިލީ ކޯޓުން މިދިޔަ އަހަރު ޖުމްލަ 3690 މައްސަލަ ބެލި އިރު، އޭގެތެރެއިން 3074 މައްސަލަ ވަނީ ބަލާ ނިންމާފައެވެ. ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތަށް ބަލާއިރު އެންމެ ގިނަ މައްސަލަ ނިންމީ ފެމިލީ ކޯޓުންނެވެ.

ކްރިމިނަލް ކޯޓުން މިދިޔަ އަހަރު 3000 މައްސަލައެއް ބަލާފައި ވާއިރު، މުޅިން ނިމިފައި ވަނީ 1339 މައްސަލައެވެ. ސުޕްރީމް ކޯޓުން 247 މައްސަލަ ބެލިއިރު، ނިމުނީ 49 މައްސަލައެވެ. އެއީ ބެލުނު މައްސަލައިގެ 20 ޕަސެންޓެވެ. އެއާއެކު ހުށަހެޅުނު މައްސަލައިގެ ނިސްބަތުން މިދިޔަ އަހަރު އެންމެ މަދުން މައްސަލަ ނިންމި ކޯޓަކީ ސުޕްރީމް ކޯޓެވެ.

ޑީޖޭއޭ އިން ބުނީ 2019 ވަނަ އަހަރަކީ ޝަރުއީ ދާއިރާއަށް އެކި ގޮތްގޮތުން ކާމިޔާބީ ހާސިލު ކުރެވިގެން ދިޔަ އަހަރެއް ކަމަށެވެ. އެގޮތުން އަދުލު އިންސާފު ހޯދުމުގެ މަގު ފަސޭހަ ކުރުމަށާއި އަދުލުއިންސާފުގެ އަވަސްކަމާއި އޭގެ ކޮލިޓީ މަތިކުރުމަށާއި، އަދުލުއިންސާފު ފޯރުކޮށްދޭ އިދާރާތަކުގެ ގަވަނަންސްއާއި ޖަވާބުދާރީވުން ހަރުދަނާ ކުރުމަށާއި ފަނޑިޔާރުންނާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް އަދި ޖިނާއި އަދުލުގެ ނިޒާމުގައި ހިމެނޭ މަސްއޫލު އިދާރާތަކުގެ ގުޅުން ވިލަރެސްކޮށް ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މިދިޔަ އަހަރު ކުރެވިގެން ދިޔަ ކަމަށެވެ.

comment ކޮމެންޓް