ލައިލާގެ ކުރީގެ ބޮޑީގާޑަށް އަނބުރާ ސިފައިންގެއިން ވަޒީފާ ދޭން ހުކުމްކޮށްފި

ލައިލާގެ ކުރީގެ ބޮޑީގާޑު އަހުމަދު ފައްތާހު --

ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީގެ ބޮޑީގާޑުކަން މީގެ ކުރިން ކުރެއްވި ސ. ފޭދޫ، އާސްތާނާ އަހުމަދު ފައްތާހުއަށް ސިފައިންގެއިން އަނބުރާ ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ފައްތާހު ވަޒީފާއިން ވަކި ކުރީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރެއްވިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް، ފަހުން ވަޒީފާއިން ކަނޑާލީ އެވެ.

އޭނާ ވަޒީފާއިން ކަނޑާލީ ގާނޫނާއި ގަވައިދާ ހިލާފަށް ކަމަށް ބުނެ ވަޒީފާ އަނބުރާ އިއާދަކޮށް ދެ އަހަރު ދުވަހުގެ މުސާރައާއި އިނާޔަތް ދިނުމަށް އެމްއެންޑީއެފްގެ މައްޗަށް ހުކުމް ކުރުމަށް އެދި ފައްތާހު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވި އެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ގޮތެއް ނިންމީ މިއަދު އެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ހުކުމް ކުރެއްވީ ފައްތާހުއަށް 18 އޮގަސްޓް 2016އިން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެން ޖެހޭ 183،720 ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށެވެ. އަދި ފައްތާހު ވަޒީފާއިން ވަކި ކުރި އިރު، އަދާ ކުރަމުން ދިޔަ ކޯޕްރަލްގެ ވަޒީފާ އަނބުރާ 15 ދުވަހުގެ ތެރޭގައި އިއާދަކުރުމަށް ހުކުމުގައި އަންގާފައިވެ އެވެ.

އެގޮތަށް ހުކުމް ކުރީ ދައުލަތުން ފައްތާހުއަށް އެއް އަހަރު ދުވަހުގެ މުސާރައާއި އިނާޔަތްދީ ވަޒީފާ އިއާދަ ކުރުމަށް ޝަރީއަތުގައި އެއްބަސްވެފައިވާތީ އެވެ.

ހައްޔަރުކޮށްފައި ދޫކޮށްލި ކުރީގެ އެސްޕީޖީގެ ތިން މީހުން ---

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ކުއްލި ހާލަތު އިއުލާނުކޮށް ހައްޔަރު ކުރި މީހުންގެ ތެރޭގައިވެސް ފައްތާހު ހިމެނެ އެވެ. އޭނާއާ އެކު ކުރިން ސިފައިންގެ އެސްޕީޖީގައި އުޅުނު އަހުމަދު ޝާނީޒް އާއި ސިމާދު އަހުމަދުވެސް އެ ދުވަސްވަރު ހައްޔަރު ކުރި އެވެ. އެ ދެ މީހުންވެސް އެ ފަހުން ވަޒީފާއިން ވަކި ކުރި އެވެ. އެކަމަކު އެ ދެ މީހުންނަށްވެސް ވަޒީފާ އަނބުރާ ދީ މުސާރައާއި އެލަވަންސް ދިނުމަށް މީގެ ކުރިން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

comment ކޮމެންޓް