ޝަރީއަތުގެ މަޖިލިސްތަކަށް ނޫސްވެރިންނަށް ނޯޓު ފޮތް ވެއްދެން ޖެހޭ: ޕީޖީ ޝަމީމް

ޑިސެމްބަރ 2، 2019: ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަރީއަތުގެ މަޖިލިސްތަކަށް ނޫސްވެރިންނަށް ނޯޓު ފޮތް ވައްދަން ފުރުސަތު ދޭން ޖެހޭ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ސިވިލް ކޯޓު ފިޔަވައި އެހެން ހުރިހާ ކޯޓުތަކުގެ ޝަރީއަތުގެ މަޖިލިސްތަކަށް ނޫސްވެރިންނަށް ނޯޓު ފޮތް ވެއްދުން މަނަލެވެ. އެެހެންނަމަވެސް، ނޫސްވެރިއެއްގެ ހައިސިއްޔަތުން ކްރިިމިނަލް ކޯޓު، ހައިކޯޓު، އަދި ސުޕްރީމް ކޯޓަށް ވަންނަ ނަމަ އެ ކޯޓުން ޝަރީއަތުގެ މަޖިލީހުގެ ތެރޭގައި ނޯޓު ކުރަން އޭ4 ސައިޒު ގަނޑާއި ފަންސުރު ނުވަތަ ގަލަން ދެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޝަމީމް ވިދާޅުވީ، ނޫސްވެރިންނަށް އެމީހުންގެ އަމިއްލަ ނޯޓުފޮތް ވެއްދެންޖެހޭ ކަމަށެވެ.

ކޯޓުތަކުގެ އުސޫލު އޮންނަ ގޮތުން ނޫސްވެރިންނަށް ޝަރީއަތުގެ މަޖިލީހަށް ވަނުމަށް ފަހު މަޖިލިސް ނިމުމުން ނޫނީ ނުކުތުމުގެ ފުރުސަތުވެސް ނޯވެއެވެ. އަދި ޝަރީއަތަށް ވަންނަން ވަކި ވަގުތެއްގެ ކުރިން ފޯމު ހުށަހަޅަންވެސް ޖެހެއެވެ. އެފަދަ ކަންކަން ނުވާނެ ގޮތަކަށް އިދާރީ ލުއިތަކެއް އޮންނަންޖެހޭ ކަމަށްވެސް މިއަދު ޝަމީމް ވިދާޅުވިއެވެ.

އޭގެ އިތުރުން މި އަހަރަކީ ހުރިހާ ޝަރީއަތެއް އާންމުންނަށް ހުޅުވާލައިގެން ބާއްވާ އަހަރު ކަމަށް ހަދަން ވަރަށް ބޭނުންފުޅުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރުއީ ދާއިރާއަށް އޮތް އިތުބާރު އިތުރު ކުރެވޭނީ ހާމަކަން ބޮޑުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ޝަރީއަތެއް އާންމުންނަށް ހުޅުވާލައިގެން ބާއްވަން ޕީޖީ އޮފީހުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

މިހާރުވެސް ގިނަ ޝަރީއަތްތަކަށް އާންމުންނަށް ވަނުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް، ޕީޖީއިން އެދިގެން ސިއްރުކޮށް ކުރިއަށްގެންދާ ޝަރީއަތްތަކަށް އާންމުންނަށް އަދި ނޫސްވެރިންނަށްވެސް ނުވަދެވެއެވެ.

comment ކޮމެންޓް