ބާސެލޯނާއިން ޒަވީއަށް ކޯޗުކަން ހަވާލުކުރަނީ

ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހަނެންޑެޒް --- ފޮޓޯ// ކްރިސް މައިސަން

ވޭތުވެ ދިޔަ އަހަރުތަކުގައި ޔޫރޮޕުގެ އެންމެ މަތީ ސަފުން ވިދަމުން އައި ސްޕެއިންގެ ބާސެލޯނާއިން ފަހަކަށް އައިސް ނެރެމުން އަންނަ ނަތީޖާތަކާ އެކު ގިނަބަޔަކު ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭއާ މެދު ހިތްހަމަ ނުޖެހިފައި ތިއްބާ، އެ ޓީމަށް ކުރިން ކުޅުނު ޒަވީ ހަނެންޑެޒް ކޯޗަކަށް ހަމަޖައްސަން ނިންމައިފި އެވެ.

ސައުދީ އަރަބިއްޔާގެ ރިޔާދުގައި މިހާރު ކުރިއަށްދާ ސްޕެނިޝް ސުޕަ ކަޕުގެ ސެމީ ފައިނަލުގައި އެންމެ ފަހުން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެ ބަލިވުމުން ބާސެލޯނާގެ މިހާރުގެ ކޯޗު ވަލްވާޑޭއަށް ގިނަބަޔަކު ވަނީ ފާޑު ކިޔައިފަ އެވެ. ލީގުގެ އެއްވަނައިގައި މިވަގުތު ބާސެލޯނާ އޮތް ނަމަވެސް މި ސީޒަނަކީ ބާސެލޯނާ ފަހަކަށް އައިސް އެންެ ދަށް ކުޅުމެއް ދައްކަމުން އަންނަ ސީޒަނެވެ. އެގޮތުން ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާ އިރު އެ ޓީމު ވަނީ ތިން މެޗަކުން ބަލިވެ ހަތަރު މެޗަކުން އެއްވަރުވެފަ އެވެ.

އެތުލެޓިކޯ މެޗަށްފަހު ބާސެލޯނާއިން ޒަވީ ކޯޗަކަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ގިނަ ރިޕޯޓްތަކަކުން ބުނަމުންދާ އިރު ޒަވީ މިވަގުތު ކޯޗުކަންކޮށްދެމުން އަންނަ ގަތަރުގެ އަލް ސައްދު އިން ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. އެކަމަކު އުމުރުން 39 އަހަރުގެ ޒަވީ ބުނީ އޭނާ އެ މަގާމާއި ހަވާލުވާނީ މިހާރުގެ ކޯޗަށް އިހުތިރާމް ކުރުމަށްފަހު ކަމަށެވެ.

"ބާސެލޯނާއަށް ކޯޗުކޮށްދިނުމަކީ އަހަރެން އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް. އެއީ އެންމެނަށް ވެސް އެނގި ސާފުވާނެ ކަމެއް،" ޒަވީ ބުންޏެވެ.

ޒަވީ ވަނީ ދާދި ފަހުން ބާސެލޯނާގެ ޑިރެކްޓަރު އެރިކް އަބިޑާލްއާ ބައްދަލުކޮށްފަ އެވެ. ޒަވީ ބުނީ އޭނާއާ ބައްދަލުކޮށް ދެއްކި ވާހަކަތައް ހިއްސާ ކުރެވެން ނެތް ކަމަށެވެ. އެކަމަކު އަބިދާލް އަކީ ގާތް ރަހުމަތްތެރިއެއް ކަމުން ގިނަ ވާހަކަތަކެއް ދިމާވާ ކޮންމެ ފަހަރަކުވެސް ދައްކާ ކަމަށެވެ.

"އަހަރެން ބާސެލޯނާގެ ކޯޗު ވަލްވާޑޭއަށް އިހުތިރާމް ކުރަން. އެ ކުލަބަށް އަބަދުވެސް އިހުތިރާމް ކުރަން. މިވަގުތު އިތުރަށް މިކަމުގައި އެއްޗެއް ބުނެވޭކަށް ނެތް. އަދި މިހުރީ އަލް ސައްދުގައި. އެ ޓީމާ އެކު ކުރިއަށް އޮތް ފައިނަލަށް ތައްޔާރުވުން މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ."

ބާސެލޯނާއާ އެކު ގިނަ ދުވަސްތަކެއް ހޭދަކޮށް ބޮޑެތި ކާމިޔާބީތަކެއް ހޯދި ޒަވީ އެ ޓީމަށް ކުޅުން ހުއްޓާލީ 2015 ވަނަ އަހަރު އެވެ. އެއަށްފަހު ގަތަރުގެ އަލް ސައްދުއަށް ތިން އަހަރު ކުޅުމަށްފަހު އޭނާ މިހާރު އަންނަނީ އެ ޓީމަށް ކޯޗުކަން ކޮށްދެމުންނެވެ.

comment ކޮމެންޓް