ހިމަބިއްސަށް ޕޮޒިޓިވްވި ކުއްޖާ ވެކްސިންގެ ޑޯޒް ހަމަނުކުރޭ!

އައިޖީއެމްއެޗް: އެ ހޮސްޕިޓަލުގައި ތެލެސީމިއާ ކުއްޖަކު ޑެންގޫ ޖެހިގެން ވަނީ މަރުވަފައި -- ސަން ފައިލް ފޮޓޯ

ހިމަބިހި (މީސްލްސް) ޖެހިފައިވާކަމަށް ޝައްކުކުރެވުނު ކުޑަކުއްޖާ އެ ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

ހިމަބިއްސަށް ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން ތިން އަހަރުގެ ކުއްޖެކެވެ. އެކުއްޖާ ހިމިބިއްސަށް ޝައްކު ކުރެވިގެން ރިޕޯޓުކޮށްފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހުއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކުއްޖާއަކީ ނުވަ މަހުގައާއި 18 މަހުގައި ދޭންޖެހޭ މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ކުއްޖެއް ކަމަށެވެ.

އެކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު، ކުއްޖާގެ ހާލު ރަނގަޅުވެ، އަދި އޭނާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެކުއްޖާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

އެޗްޕީއޭއިން ބުނީ އެ ކޭސް ރިޕޯޓުކުރުމާއެކު އެކަމާ ގުޅިގެން ކުރަންޖެހޭ އިންވެސްޓިގޭޝަންތައް ފެށި ކަމަށާއި، އެގޮތުން ކުއްޖާގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އޮތް ދުވަސްވަރު ދެނެގަނެ، އެ ދުވަސްތަކުގައި އެކުއްޖާއާއެކު އުޅެފައިވާ ނުވަތަ ކައިރިވެފައިވާ ފަރާތްތައް ހޯދާ، އޭގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަކަށް ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށެވެ.

ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާ ހިމަބިހި ފެތުރެނީ ބަލި ޖެހިފައިވާ މީހަކު ކެއްސާ، ކިނބިހި އަޅާ އިރު ބޭރުވާ ތެތްކަން ނުވަތަ ތެތްތިކީގެ ޒަރީއާއިންނެވެ. ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ނޭފަތުން ފެންއައިސް، ލޯރަތްވެ، އަނގައިގެ ތެރޭގައި ކުދިކުދި ހުދު ތިކިތަކެއް ޖެހުން ހިމެނެއެވެ.

ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެއް ކަމުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް، ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ އެވެ.

އެހެންކަމުން ބަލި ފެތުރުމުގެ ފުރުސަތު އޮތް މުއްދަތުގައި އެކުއްޖާ ޒިޔާރަތްކުރި ތަންތަނަށް، އެ ވަގުތުތަކުގައި ޒިޔާރަތްކުރި މީހުންގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ހަމަނުކުރާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި އެ ސަރަހައްދުތަކާއި ގަޑިތައް އެޗްޕީއޭއިން ވަނީ އާންމުކޮށްފައެވެ.

ބަލި ފެތުރޭ މުއްދަތުގައި އެ ކުއްޖާ ދިޔަ ތަންތަނާއި ވަގުތުތައް:

  • ހުޅުމާލޭ ހޮސްޕިޓަލް (ޖެނުއަރީ، 4، 2020ގެ ރޭގަނޑު 8އިން 11އަށް)
  • ހުޅުމާލެ ހޮސްޕިޓަލް (ޖެނުއަރީ 5، 2020ގެ ހަވީރު 5އިން ރޭގަނޑު 9އަށް)
  • ސެނަހިޔާ (ޖެނުއަރީ 6، 2020ގެ ރޭގަނޑު 7އިން 10އަށް)
  • ހުޅުމާލެ ހޮސްޕިޓަލް (ޖެނުއަރީ 7، 2020ގެ ރޭގަނޑު 7އިން ދަންވަރު 2އަށް)
  • ޓްރީޓޮޕް ހޮސްޕިޓަލް (ޖެނުއަރީ 8، 2020 ހެނދުނު 11:30އިން މެންދުރު 13:30އަށް)
  • ހުޅުމާލޭ ސެންޓްރަލް ޕާކާއި އެ ސަރަހައްދުގެ ވަށައިގެންވާ ކެފޭތައް (ޖެނުއަރީ އެކަކުން ނުވައަކަށް)

އެ ތަންތަނަށް އެ ގަޑިތަކުގައި ދިޔަ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ހަމަ ނުކުރާ މީހުން 21 ދުވަހުގެ ތެރޭގައި ހުން އައުމާ އެކު ހަމުގައި ބިހި ނަގައިފި ނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ސިއްހީ ފަރުވާ ހޯދުމަށް، މާލޭގައި ނަމަ އައިޖީއެމްއެޗްގެ އެމަޖެންސީ ޓްރިއާޖަށް ދިއުމަށާއި، ހުޅުމާލޭގައި ނަމަ 1417 އިން ހުޅުމާލޭ ހޮސްޕިޓަލަށް ގުޅުމަށާއި، އަތޮޅުތެރޭގައި ނަމަ އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް ގޮސް އަލާމާތްތަކުގެ މައުލޫމާތު ކައުންޓަރަށް ދިނުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

މި ކޭސް ދެނެގަނެވިފައި ވަނީ ރާއްޖޭގައި ގާއިމުކޮށްފައިވާ ހިމަބިއްސާއި ރުބެއްލާގެ ސަވައިލެންސް ނިޒާމުގެ ތެރެއިން ކަމަށް އެޗްޕީއޭއިން ބުންޏެވެ. މި ނިޒާމުގެ ދަށުން، ހުން އައުމާއެކު ހަމުގައި ބިހި ނަގައިފިނަމަ މީސްލްސް އަދި ރުބެއްލާއަށް ޓެސްޓް ކުރެވޭނެ ކަމަށާއި، އެގޮތުން 2019 ވަނަ އަހަރު 66 މީހަކު މީސްލްސް އަދި ރުބެއްލާއަށް ޓެސްޓުކުރެވުނު ކަމަށް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.

އެޗްޕީއޭއިން ބުނީ 2017 އަދި 2018 ވަނަ އަހަރު ރާއްޖޭން ބޭރުން ދެ ދިވެހިންގެ ގައިން ހިމަބިހި ފެނިފައިވާ ކަމަށެވެ. ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ނަމަވެސް، ރާއްޖެއަކީ ހިމަބިހި ފަދަ ބަލިތައް އުޅޭ ގައުމުތަކުން ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކުރާ، އަދި ދިވެހިން ވެސް އެފަދަ ގައުމުތަކަށް ދަތުރުކޮށް ހަދާތީ ރާއްޖެއަށް މިފަދަ ބައްޔެއް އައުމުގެ ފުރުސަތު ބޮޑުކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެހެންކަމުން ރާއްޖޭގައި މިފަދަ ބައްޔެއް ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ރާއްޖޭގައި އުޅޭ ހުރިހާ އެންމެންވެސް މީސްލްސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުން ކަމަށާއި، މީސްލްސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތްތަކުން ބައްޔަށް ހުށަހެޅުނު ނަމަވެސް، ބަލި ޖެހުމަކީ ނާދިރު ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

"އެހެންކަމުން ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ވެކްސިން ދޭންޖެހޭ މުއްދަތުގައި ވެކްސިން ނުދެވުނު ނަމަވެސް، ވީ އެންމެ އަވަހަކަށް ވެކްސިން ދޭ މަރުކަޒަކަށް ގޮސް، ވެކްސިންގެ ޑޯޒު ފުރިހަމަ ކުރުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ." އެޗްޕީއޭއިން ބުންޏެވެ.

ގައިންގަޔަށް އަރާ ބަލިތަކުން ތުއްތުކުދިން ރައްކާތެރިކުރުމަށް ރާއްޖޭގައި ވެކްސިން ދޭން ފަށާފައި ވަނީ 1976 ވަނަ އަހަރުއެވެ. އަދި ހިމަބިހިން ރައްކާތެރިވުމަށް މީސްލްސް ވެކްސިން ދޭން ފަށާފައި ވަނީ 1983 ވަނަ އަހަރުއެވެ.

ހިމަބިހި ރާއްޖޭގައި ފެތުރުން މަދުކުރުމަށް އާއްމުކޮށްދޭ ވެކްސިންދޭ އުމުރުފުރާގެ އިތުރުން އެހެން އުމުރުފުރާތަކަށް އަމާޒުކޮށްގެން 2005، 2006 އަދި 2007 ގައި ވެކްސިން ދިނުމުގެ ކެމްޕެއިން (ސަޕްލިމެންޓަރީ އިމިއުނައިޒޭޝަން އެކްޓިވިޓީ) ތަކެއް ހިންގިއެވެ. އަދި 2007 ވަނަ އަހަރުން ފެށިގެން އެމްއެމްއާރް (މީސްލްސް، މަމްޕްސް އަދި ރުބެއްލާ) ވެކްސިން ގައުމީ ވެކްސިން ތާވަލަށް އިތުރުކޮށް މީސްލްސް ވެކްސިން ގެ ދެ ޑޯޒް ކުޑަކުދިންނަށް ދޭންވަނީ ފަށާފައެވެ.

comment ކޮމެންޓް