ޖަލުގައި ކުރާ އަނިޔާގެ މައްސަލަތައް ބަލަން ކޯޓުން އަންގަނީ

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ކްރިމިނަލް ކޯޓު ބޭރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ ބައެއް މީހުންނަށް އަނިޔާކުރާ މައްސަލަތައް ބަލަން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އަންގަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

މާލޭ އަދި މާފުށި ޖަލުގައި ތިބި ބައެއް ގައިދީން ހައްގުތަކުން މަހްރޫމްކޮށް، އެމީހުންނަށް ލާއިންސާނީ އަނިޔާކުރާ ކަމަށް ބުނެ ޖަލުތަކުގައި ހަމަނުޖެހުން ހިންގަމުން އަންނަ ދަނޑިވަޅެއްގައި ކްރިމިނަލް ކޯޓުން އެފަދަ ނިންމުމެއް ނިންމާފައި ވަނީ، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ދައުވާ ލިބޭ މީހުންގެ ފަރާތުން ވެސް އެފަދަ މައްސަލަތަކެއް ފާހަގަކުރުމުންނެވެ.

ތޫނު އެއްޗަކުން ހަމަލާދީ ރަހުމްކުޑަ ގޮތަކަށް މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މ. އިރަސްމިކުގޭ އަހުމަޒު ޒިހާން އިސްމާއިލް މިއަދު ޝަރީއަތުގައި ބުނެފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އޭނާއަށް ޖަލު އޮފިސަރުން އަނިޔާކޮށް، އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށެވެ.

އޭނާގެ ވަކީލް އަބްދުﷲ ހަސީން ވަނީ ބަންދުގައި ބައިތިއްބާ މީހުންނަށް ޖަލުގައި އަނިޔާ ކުރާ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތެއްގައި ބަލަންޖެހޭ ކަންތައްތަކެއް ކަމަށް ވިދާޅުވެ އެކަންކަން ބެލުމަށް އަމުރު ކުރަންޖެހޭ ކަމަށެވެ.

މައްސަލައިގައި ދައުވާ ލިބޭ މ. ތާއިފް އިސްމާއިލް ރަޝީދު ބުނީ ޖަލުގައި ހަމަނުޖެހުން ހިންގަން ފެށި ފަހުން، އޭނާއާއި އެހެން މީހަކު އެއްވެސް ތާހިރުކަމެއް ނެތް ގޮޅިއަކަށް ދެ ފަހަރެއްގެ މަތިން ބަދަލުކޮށްފައިވާ ކަމަށެވެ.

އޭނާ ވަނީ މިހާރު އޭނާ ބަހައްޓާފައި ހުރި ގޮޅީގެ ފާހާނައިގައި ފެން ލިބޭ އިސްކުރެއް ނެތް ކަމަށާއި، އެތަނުގައި އެއްވެސް ތާހިރުކަމެއް ވެސް ނެތް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ގޮޅިއަށް އެކަށީގެންވާ ނުވާވަރަށް މީހުން ބަންދުކޮށްފައި ތިބޭ ކަމަށް ވެސް ބުންޏެވެ.

އޭނާގެ ދިފާއީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ އެއީ ޓޯޗާގެ އަމަލުތައް ކަމަށާއި އެކަންކަން ވަގުތުން ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ވެސް ވަނީ ދިފާއީ ވަކީލުންގެ ވާހަތަކަށް ތާއީދުކޮށްފައެވެ. އަދި ބަންދުގައި ތިބޭ މީހުންނަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށާއި އަނިޔާ ލިބޭ ނަމަ އެކަންކަން ބަލަން ކަމާބެހޭ ފަރާތްތަކަށް އަންގަން ޖެހޭނެ ކަމަށެވެ.

ދެ ފަރާތުގެ ވާހަކަތަކަ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ، އަލީ ރަޝީދު ހުސައިން ވިދާޅުވީ އެކަންކަން ބަލަން ކަރެކްޝަންސް އަށް ކޯޓުން އަންގާނެ ކަމަށެވެ.

comment ކޮމެންޓް