ވިޒިޓް މޯލްޑިވްސް ޝޯ ބާއްވަން ބޭނުންވާ ރަށްތަކަށް ފުރުސަތު ހުޅުވާލައިފި

މީގެ ކުރިން ބޭއްވި މިއުޒިކް ޝޯއެއްގައި ދިވެހި ފަންނާނަކު ޕާފޯމް ކުރަނީ -- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

ވިޒިޓް މޯލްޑިވްސް ޑެސްޓިޓޭޝަން ޝޯ ބޭއްވުމަށް ޝައުގުވެރިވާ ރަށްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ޝޯ ހޯސްޓު ކުރަން ބޭނުންވާ ރަށްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ރަށްރަށުން މި މަހުގެ 19 ގެ ކުރިން ފޯމު ހުށަހެޅުމަށް މިނސްޓްރީ އިން އެދެ އެވެ.

ވިޒިޓް މޯލްޑިވްސް ޝޯތަކުގައި ޕާފޯމް ކުރަން ބޭނުންވާ ދިވެހި އާޓިސްޓުންނަށް ވެސް މިނިސްޓްރީ އިން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އެ ޝޯގައި ބައިވެރިވާން ޝައުގުވެރިވާ ފަންނާނުން ވެސް މިމަހުގެ 19ގެ ކުރިން ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ވިޒިޓް މޯލްޑިވްސް ޝޯތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޑެސްޓިނޭޝަންތައް ޑައިވަސިފައިކޮށް ދިވެހި ހުނަރުވެރިންގެ ހުނަރުތަކާ އެކު ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މިނިސްޓްރީ އިން އިންތިޒާމު ކުރާ ހަރަކާތެކެވެ.

ވިޒިޓް މޯލްޑިވްސް ޝޯތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދަން ނިންމަވާފައިވާކަން ހާމަކުރައްވައި މިމަހުގެ އެއް ވަނަ ދުވަހު މިނިސްޓަރު އަލީ ވަހީދު ވިދާޅުވ ވިޒިޓް މޯލްޑިވްސްގެ ޝޯތައް މި އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރިސޯޓްތަކުގެ އިތުރަށް ވެސް ވަކިވަކި ރަށްރަށްރަށަކީ ވެސް ޑެސްޓިނޭޝަންގެ ގޮތުގައި ޕްރޮމޯޓް ކުރަން ޖެހޭ ތަންތަން ކަމަށެވެ. އެ ރަށްރަށަށް ނިސްބަތްވާ ހުނަރުވެރިންނާއި އެ މީހުންގެ މަސައްކަތް ދައްކާލަން ޕްލެޓްފޯމެއްގެ ފުރުސަތު ފަހިވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

comment ކޮމެންޓް