އައިޝާ ނަސީމްގެ ފަޔަރ އެންޑް އައިސް 2 - ސެފްރޯން

ސެފްރަން ޒޭބްގެ ގަނޑުވަރާއި އަރާ ހަމަވީއިރު އެތެރޭގައި އުޅުނީ ޒޭބް އެކަނި ނޫންކަން އެނގުނެވެ. ނަމަވެސް ފެންޑާއަށް ނުކުތީ ޒޭބް އެކަނިއެވެ. ސެފްރަން ފެނުމާއެކު ޒޭބް ކަޅި އަޅާލަމުން ހަޅޭއްލަވައިގަތެވެ.

"ކަލޭ ތިއައީ ކީއްކުރަން؟ އަޒްކީލް ނައްތާލާފައި އެވަރުން ނުފުދިގެން އެންމެން މަރައިލަންތަ؟ އިބުލީހުގެ ލާހި ދަރިއެއް ނޫންކަމެއްވެސް ނޭގޭ. ޝައިތާން އަހަރެންގެ އަތުން ބޮނޑިއެއް ނުލިބެނީސް މިތަނުން ދާންއުޅޭ.."

ލޮލާއި ގުޅޭގޮތަށް ރަތްކުލައިގެ ދިގު ކޯޓެއްލާފައި އިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލާފައިވާއިރު ޝަޚުސިއްޔަތު ވަރުގަދަކަމުން އެންމެން ޖެހިލުންވާފަ ގޮތެއް މޫނުގައި ހުއްޓެވެ. ބިޔަކަމުން ޒޭބްވެސް ވީ ކުޑަކަމުގައެވެ. ސެފްރަންގެ ދެލޮލުން ހިނދުކޮޅަކަށް ނަމަވެސް ވޭނުގެ އަސަރު ފެނުމުން ޒޭބްގެ ރުޅި މަޑުވާން އުޅުނެވެ.

"އަޒްކީލް ދުނިޔޭގައި އެބައޮތް..........." ސެފްރަން ހަށަން ބަދެލައިގެން ހުއްޓުނެވެ.

ސެފްރަންގެ ޖުމްލައާއިއެކު ޒޭބްގެ ދެލޯ ބޮޑުވިގޮތަށް އިރުކޮޅެއްވާންދެން ބަސް ހުއްޓިފައި ހުރިއިރު ދެތިން ފަހަރު އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފައި ލައްޕާލައިފިއެވެ. ސެފްރަން ކީ އެއްޗެއް ސިކުނޑިއަށް ރަގަޅަށް ނަގައިގަނެވުމާއެކު ލޮލުގައި ކަރުނަ ހިނގާލައިފިއެވެ.

"މިކަން ސިއްރުކުރެވުނީމަ އެކަމާ ރިގްރެޓްކުރަން. އަޒްކީލް ބޮޑެތި ޒަޚަމްތަކާއެކު ހޭނާރާ އަދިވެސް ދުނިޔޭގައި އެބައޮތް. ދިރިހުންނާނެކަމުގެ އުއްމީދެއް ބޭސްވެރިޔާއަކަށްވެސް ނެތް. އެކަމަކު ދިރިހުރުމާއި މަރަކީ މާތްﷲގެ އަމުރުފުޅުން ހިނގާކަމަކަށްވާތީ ވާނެގޮތެއް ނޭގޭ. ދުނިޔޭގައި އޮތިއްޔާ އާއިލާއަށް އެނގެންވާނެ............" ސެފްރަންގެ ވާހަކަތަކުން ޒޭބްގެ ރުޅިގަނޑު ހިލުވާލައިފިއެވެ. އެވާހަކަ ފައުޅުނުކޮށް ފޮރުވައިގެން ހުރީ އަމިއްލަ އެދުންބޮޑުކަމުންނެވެ. މިހާ ނުބައި ނުލަފާ ޖިންނިއެއް ކާއިނާތަކު ނުވާނެއެވެ. ޒޭބް ކުރިއަށް ޖެހިލިއެވެ. އަތުގައި އޮތް ޚަންޖަރުން ސެފްރަންއަށް ހަމަލާދޭން އުޅުނެވެ. ނަމަވެސް ސެފްރަން ފަހަތަށް ޖެހިލިގޮތުން ޒޭބްއަށް އޭނަގެ ގަޔަށް އަތްފޯރުކޮށެއް ނުލެވުނެވެ. ސެފްރަންއަކީ އޭނަފަދައިން ޖިންނިއެއްކަން އެވަގުތު ހަދާން ނައްތައިލެވުނީއެވެ.

"ލައުނަތް ހުރި. މާތްﷲ ލައުނަތް ލައްވާށި. އަބަދުގެ އަބަދަށް ބަދު ދުޢާ ނޫން އެއްޗެއް ކަލެއަށް ހައްގުވެގެނެއް ނުވޭ. ލަދު ހަޔާތެއް ނެތް ނުބައި ނުލަފާ ގާތިލު. ކަލެއަށް ތިކަމުގެ ސަޒާލިބޭނެ..." އިރުކޮޅެއްކުރިން ސެފްރަންއާއިމެދު ކުޑަކޮށްވެސް ހަމްދަރުދީވިކަމަށްޓަކާ ޒޭބް އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. ހިތުގައިވާ ރުޅިވެރިކަން ހާސްގުނަ އިތުރުވިއެވެ. އޭނަގެ ލޯބިވާ އަޒްކީލް ދުނިޔޭގައި އޮތްއިރު އޭނަގެ ހާލު ބަލައިލާ އެހީތެރި ވިޔަނުދީ ހުރަސްއެޅި ފަރާތްދެކެ ނަފްރަތުވެވޭނީ މިހާވަރަށެވެ.

"ކޮންތާކު އަޒްކީލް ވީ؟ ހަމަ މިހާރު ބުނޭ. ކޮންތާކުހޭ ވީ............. " ޒޭބް ހަޅޭއްލަވައިގަތެވެ. ސެފްރަން އިރުކޮޅެއްވާންދެން ޖަވާބެއް ނުދީ ހުރެފައި ދެލޯ މަރައިލިއެވެ. ދެން ލޯ ހުޅުވާލާފައި ޒޭބްއާއި ހަތަރު ކަޅި ހަމަކުރިއެވެ. ކެތްތެރިވާން މަސައްކަތްކުރާފަދައެވެ.

"މަޑުން ވާހަކަދައްކަވާ. އަޒްކީލްގެ ގާތިލުންނަށް އޭނަ ދުނިޔޭގައި އޮތްކަން އެނގިއްޖެއްޔާ ހަމަލޭދީފާނެ. އޭނަގެ ރައްކަލަށްޓަކާ މިފިޔަވަޅު އަޅަން މަޖުބޫރުވީ. އެއްވެސް މީހަކަށް އިތުބާރު ނުކުރެވޭތީ. މިވާހަކަ އިތުރު މީހަކަށް ނޭންގުން ބުއްދިވެރީ. ޔޫ ޝުޑްންޓް ޓްރަސްޓް އެނީވަން.. އަޒްކީލްއަށް ޒިޔާރަތް ކުރަން ބޭނުމިއްޔާ އާދުއާއި ކާއިން ގެންގޮސްދީފާނެ. އިންތިޒާރުގައި ފަރުބަދައިގެ ތިރީގައި ތިބޭނެ.." ސެފްރަން ބޭނުންވި ވާހަކަތައް ދައްކާފައި އިތުރު އެންމެ ސިކުންތުކޮޅަކުވެސް އެތާ ހުންނާކަށް ގަސްތެއް ނުކުރިއެވެ.

އަޒްކީލް ދެކޭހިތުން ކެތްތެރިކަން ކޮޅުންލާފައިވި ޒޭބް ސެފްރަންގެ ފަހަތުން ތިރިއަށް ފޭބިއެވެ.

***

އަޒްކީލްއޮތް ހޮހަޅައަށް ވަދެ އޭނަ އޮތް ހާލު ފެނުމުން ޒޭބް އަޒްކީލްގެ ގައިމައްޗަށް ވެއްޓިގަނެގެން ހިތްފަޅައިގެންދާފަދަ ގޮތަކަށް ރުއި ރުއިމުގެ އަޑު މުޅި ހޮހަޅައިގާ ހިފައިލިއެވެ. އެތައް އިރެއްވާންދެން އަޒްކީލްގެ ގައިގެ އެތަންމިތާ ފިރުމާފައި ބޮސްދީފައި ޔަޒްދަންޔާރާއި އެތައް ސުވާލެއްކުރިއެވެ. ލިބުނު ޖަވާބުން ނާއުއްމީދުވެ ލޮލުން ކަރުނަ ހިކޭނެ ގޮތެއްނުވިއެވެ. އަދި ސެފްރަން ދީފައިވާ އިންޒާރުގެ ސަބަބުން އެހެން މީހަކަށް އަޒްކީލް ދުނިޔޭގައި އޮތްކަން އަންގަން ބޭނުމެއްނުވިއެވެ. ނަމަވެސް އޭނަ ލޫސިއަސްއަކަށް ސިއްރެއް ނުކުރިއެވެ. ލޫސިއަސް ގާތު އާދޭސްކޮށްފައި އެދުނީ ބައްޕަގެ ބޭސްވެރިން ގެނެސްގެން އަޒްކީލްއަށް ފަރުވާކުރުވުމަށެވެ. އަދި ސެފްރަން ދުނިޔެއިން ނައްތާލުމަށްވެސް އެދުނެވެ. ލޫސިއަން ކޮއްކޮއަށްޓަކާ ހަކީމަކު ގަނޑުވަރުން ގެނައެވެ. އޭނަގެވެސް އުއްމީދެއްނެތެވެ. ޔަޒްދަންޔާރާއި ހަކީމް އެތައް އިރެއްވާންދެން ވާހަކަތަކެއް ދެއްކުމަށްފަހު އިތުރަށް ދޭނެ ފަރުވާއެއް ނެތްކަމުގައި ނިންމިއެވެ.

***

ބޭސްވެރިން އުއްމީދު ކަނޑައިލިޔަސް ގުރުއާނުން ޝިފާލިބޭކަން ސެފްރަން ދަނެއެވެ. އެންމެ ފަހު ވަގުތުވެސް އޭނަ މާތްﷲއަށް ކުރާ އިތުބާރު ގެއްލުވާ ނުލާނެއެވެ. އޭނަ ފާތިހާ ސޫރަތް ކިޔަވާފައި ފެންތަށްޓައް ފުމެލާފައި އަޒްކީލްގެ ގަޔަށް ފެންތިކިތައް ބުރުއްސައލިއެވެ. މުސްހަފު ހުޅުވާލުމަށްފަހު އޭނަގެ ފިރިހެން އަޑުން ބަލާޣާތްތެރިކަމާއެކު ކިޔަވަންފެށިއެވެ. އެއަޑުގެ އަސަރުގައި ޖެހި ވައިވެސް ހުއްޓުނުފަދައެވެ. ހުރިހާތަނެއް ހިމޭންވިއެވެ. މަރުނިދީގައި އޮތް އަޒްކީލްގެ މޫނުމަތިން އެހެން ދުވަހާއި ތަފާތުކޮށް ބުނަންނޭގޭފަދަ ހަމަޖެހުމެއް ފެނުނެވެ.

ސެފްރަން ގުރުއާން ކިޔެވުން ނިންމާލާފައި ދުއާއަށް އަތް އުފުލިއެވެ.

"ޔާﷲ ގުރުއާނަކީ ޝިފާއެއްކަމުގައި އަދި މުއުމިނުންނަށް ރަހުމަތެއް ކަމުގައި ލެއްވި. ޕްލީޒް ގިވް ލައިފް ޓު ހިމް. ޕްލީޒް ހޭވް މާސީ އޮން ހިމް......."

ސެފްރަން މަޑުމޮޅިކަމާއެކު ދުޢާކުރަން އިންދާ ޒޭބް ހޮހަޅައިގެ ތެރެއިން ފައުޅުވިގޮތަށް ސެފްރަން ކޮށްޕާލަން މަސައްކަތްކުރިއެވެ. ނަމަވެސް ސެފްރަން ޖަހާފައިވާ ތަބެއްފަދައެވެ.

"ކާކަށް އޮޅުވައިލަނީ؟ އަހަރެމެނެއް ނޯޅޭނެ. އަޒްކީލް ނެތުމުން އެމަގާމު އަތުލައިގެނެއްނު ތިހިރީ. އޭނަ މަރުވީމަ އެކަމުގެ ފައިދާ އޮތް މީހެއް ހަމަލާވެސް ދޭނީ. އެހެންޖިންނިން ކައިރީ ނުކިޔާށެ ކިޔާއިރު އަހަރެމެނެއް ނެހެއްދޭނެ.. މާ ހެޔޮއެދޭ ފަރާތަކަށްވެގެން ދުޢާ ކުރާނެކަމެއް ނެތް..." ޒޭބް ކަމަރުގައިވާ ކަނޑިނެގިއެވެ. " މަންމައޭ ކިޔައިގެން އަހަރެންވެސް އެއްއިރެއްގައި އޮޅުވައިލަން އުޅުނިން. އޭރުން މަންމަގެ މަގާމުގައި ހުރި ތިމާގެ މަންމައަކީ ދަރިދެކެ ކިހާ ރުޅި އަރާމީހެއްކަން އެނގުމުން ތި ހިތަށް އަސަރުކުރާނެކަން އެނގޭތީ އެހެންހެދީ. ހަގީގަތަކީ ކަލެއަކީ އަހަރެންގެ މަންމަގެ ނަހަލާލުދަރި. މަންމައަށް ޝައިތާނަކު ދިން އަނިޔާގެ ބަދަލުގައި މުޅި އާއިލާގައި ޖެހުނު ހުތުރު ލައްގަނޑެއް. އަހަރެމެންގެ ބައްޕަ ކަލޭގެ މުޑުދާރު ހިޔަނި އެދުނިޔެއަށް އެޅެންވެސް ބޭނުމެއްނުވާނެ. އެހެންވެ ދުނިޔެއިން ބިމަށް އެއްލައިލީ.. ލައުނަތް ލެއްވިފައިވާ އިބުލީހުގެ ލާހި ދަރި........."

ޒޭބް ކިތަންމެ ވަރަށް ކަނޑި ހޫރުވިޔަސް ސެފްރަންއާއި ހަމަޔަށް ނުފޯރިއެވެ.

"މާފުކުރައްވާ. އަޅުގަނޑަށް މިއަދު މަންމަ އަދި ބައްޕަ އެނގުން މުހިއްމެއްނޫން. އުމުރުން މިހިސާބަށް އައީ މައިންބަފައިންގެ ފަރާތުން އެއްވެސް އެއްޗެއް ލިބިގެނެއްނޫން. ނިކަމެތިންގެ ބަލަދުވެރިއަކީ މާތްﷲ ކަން ނޭގޭ؟ އައި ހޭވް ނަތިން ޓު ރިގްރެޓް. ގުރުއާންގެ ޟުހާ ސޫރަތް ކިޔެވުމުން ބޭނުންވާވަރަށް ވުރެ މާ ބޮޑަށް ހިތް ހަމަޖެހިއްޖެ......" ސެފްރަން ބަލަން ހުރީ އާދައިގެ ނަޒަރަކުންނެވެ. ރުޅިވެރިކަމެއް ނެތްތާ އުފާވެރިކަމެއްވެސް ނުދައްކައެވެ. ނިއުޓްރަލް ކޮށެވެ. ނަމަވެސް ހަގީގަތުގައި ޒޭބްގެ ދުލުން ހަގީގަތް އެނގުމުން އޭނައަށް ޒޭބް މަންމައެއްގެ ގޮތުގައި ބަލައިނުގަނެވުނީ ކީއްވެކަން އެނގުނެވެ. ދައްތައެއްގެ ގޮތުގައި އިހިތިރާމް ކުރެވޭފަދަ ގޮތެއް އެބަހުއްޓެވެ. މަންމައެއްހާ ދޮށިވައްތަރެއްވެސް ޖަހަނީއެއް ނޫނެވެ. އާއިލާއިން ނަފްރަތުކުރިޔަސް އޭނަ ކެތްކުރާނެއެވެ. އޭނަގެ އާއިލާއިން އޭނަ ނިކަމެތިކޮށްފައި އެއްލާލިޔަސް ބަދަލުހިފާކަށް އޭނަގެ ހިތަކު ނެތެވެ.


***

ކޮންމެ ވަގުތަކީ ކޮންމެ މުސީބާތަކީ އިމްތިހާނެކެވެ. އެންމެ ބޮޑު އިމްތިހާނުތައް ކުރިމަތިވަނީ މާތްﷲގެ އެންމެ ވަރުގަދަ ފަހުލަވާނުންނަށެވެ. ސެފްރަންގެ ދިރިއުޅުމުގައި އެތައް ހިތާމަތަކާއި ވޭނެއް ކުރިމަތިލާން ޖެހުނަަސް އޭނަ ގަޟާގަދަރަށް އީމާންވެއެވެ.

މިސްކިތަށް ވަދެ ނަމާދުކޮށްލުމުން ލިބުނު ހިތްހަމަޖެހުމާއެކު އިރުގަނޑެއްވާންދެން ގުރުއާން ކިޔަަަވަން އިނެވެ. ބޭރަށް ނުކުތްއިރު މުޅި ހިސާބު ބޯ ދުންފިނީގެ ފަރުދާއަކުން ލޯތަކަށް ވަންހަނާވެފައެވެ. ނަމަވެސް ޖިންނިނަށް ލިބިފައިވާ ބާރުގެ ސަބަބުން އެ ތޫނު ދެލޮލަށް މާ ދުރު ފެނެއެވެ. ޝޭޚު ކަހީޖު ގެ ފަހަތުން ގޮސް އަރާ ހަަމަކުރިއިރު އޭނަގޮސް އާކްޓިކް ކަނޑުގެ އައްސޭރި ފަށާ އަރާ ހަމަވެއްޖެއެވެ.

"އައްސަލާމް އަލައިކުމް...." އިސްލާމީ ރީތި ސަލާމުން ސަލާމްކޮށްފައި ދެމީހުން އިށީނީ ގާގަނޑެއްގެ މަތީގައެވެ. ސެފްރަންއަށް ދީނީ ދަރުސް ދެމުންގޮސް އޭނަ ފެށި ވާހަކައަކުން ސެފްރަންގެ ތަބީއަތު އެއްކޮށް ގޯސްވިއެވެ. ހިތާމައިގެ ބޯ ވިލާގަނޑެއްގެ ހިޔަނި ހިތަށް އެޅިއްޖެއެވެ.

"ދަރިފުޅާ. އިންސި އަންހެންކުއްޖަކަށް ޖިންނި އަކާ އިނުން ހުއްދަވެގެނެއް ނުވޭ. މިހެން މިބުނީ ދަރިފުޅު އަހަރެމެންގެ މި މާތް އިސްލާމްދީނަށްޓަކާ ގުރުބާންވެދާނެކަން އެނގޭތީ. ދީނުގައި ހަރާމްކުރައްވާފައިވާ ކަމަކަށް އަރައިނުގަންނާނެކަން އެނގޭތީ. މިސާލަކަށް އަގުބޮޑު ރަލާއި ރީތި އަންހެންކުދިންނަކީ ރަސްކަލުންގެ ޚިދުމަތުގައިވާ އެއްޗެއް. އެކަމަކު އެކަން އެކުރަނީ ހުއްދަވެގެނެއްނޫން........."

ސެފްރަންގެ ހަމައެކަނި އުފަލަކީ އާރްޔާއެވެ. ދުނިޔެއިން ބޭނުންވިހާވެސް އުފަލަކީ އެއީއެވެ. ނަމަވެސް ޝޭޚުގެ އެޖުމްލައިން އޭނައަށް ވިސްނުނީ ދުވަހަކު އާރްޔާއާއި އެކު އުޅުމުގެ އުފަލެއް ނުލިބޭނެކަމެވެ. ޝޭޚު ބުނުއްވި ފަދައިން އޭނަ ފަހަރެއްގައިވެސް ހުއްދަ ނޫންކަމަކަށް އަރައިނުގަންނާނެއެވެ. މާޔޫސްކަމުން ހިތް ފުރުނަސް އޭނަ މޫނު އަލިކޮށްލައިގެން އިނެވެ. ޝޭޚު ގުރުއާނާއި ހަދީސުތައް ކިޔާދިނުމުން ގަބޫލުވެސް ކުރެވުނެވެ. އޭނައަށް އާރްޔާ ލިބޭކަށް ނެތެވެ. އޭނަގެ ނަސީބު ދެރައީއެވެ.


***

ސެފްރަން ގަނޑުވަރަށް ވަންގޮތަށް ބާލުޚާނާގައި ބޭރަށް ބަލަން އިނީ އަނދިރީގެ ތެރޭގައެވެ. އާރްޔާ ކޮޓަރިއަށް ވަދެފައި ބައްތިތައް ދިއްލާލިއެވެ. އަލިފާން އަނދާތަނުގައި އަޅާފައިވާ ދަރުތައް އަނދާތީ މަޑު ހޫނުކަމެއް ކޮޓަރީގައިވިއެވެ. ސެފްރަންއަށް ގޮވަމުންގޮސް ބާލުޚާނާއަށް ނުކުތެވެ. ސެފްރަން ބަލައިވެސް ނުލައި ފުރަގަސްދީގެން އިނެވެ. ވައިރޯޅީގެ ސަމާސާތަކުން އެފަންގަނޑެއްފަދަ އިސްތަށިގަނޑު ވިހުރުވިގެން އައިސް އާރްޔާގެ މޫނުގައި އޮޅިގަތެވެ. މީރު ލުއިވަހެއް ނޭފަތުގައި ހަރުލިއެވެ.

"ސުލްތާން......" އާރްޔާ ކައިރިވެލާފައި މޫނަށް ބަލައިލިއެވެ. ދަތްދޮޅީގައި އަތް ވިއްދާލައިގެން އިންއިރު ލޮލުން ވެއްޓުނު ކަރުނަ ތިއްކެއް ފެނިފައި އާރްޔާގެ ހިތް ގެނބިއްޖެއެވެ. "މޭ ﷲ މޭކް ހިމް ހެޕީ" އާރްޔާއަށް ދުޢާކުރެވުނެވެ. ސެފްރަންގެ މޫނުގައި އަތް ޖައްސައިލެވުނީ ބޭ އިޚިތިޔާރުގައެވެ.

"ޔޫ އާ ކްރައިން......."

ސެފްރަން ވަކި އެއްޗެކޭ ނުބުނެ އިނުމުން އާރްޔާވެސް ދެރަވިއެވެ. އިރުގަނޑެއްވާންދެން ހިމޭނުން ތިބިއިރު ދެހިތުގައި އެތައް ހާސް އަސަރުތަކެއްވިއެވެ.

"އާރްޔާގެ މަންމައާއި ބައްޕަ އާރްޔާދެކެ ވަަރަށް ލޯބިވޭތަ؟ " ސެފްރަން ކޮށްލީ ތަފާތު ސުވާލެކެވެ. އާރްޔާއަށް އެ ސުވާލުގެ މުހިއްމުކަން ރޭކާލާން ހިނދުކޮޅެއް ނެގިއެވެ. ސެފްރަން މައިންބަފައިންގެ ލޯބިން މަހުރޫމްވެފައި ވުމުން އެކަމާ ވިސްނަނީކަން ޔަގީންވިއެވެ. އޭނަގެ އާއިލާއެއް އޮތަސް މިއަދު އޭނަ އެމީހުންނަށްޓަކާ މަރުވެއްޖެ ނޫންހެއްޔެވެ؟

"ވަރަށް ވަރަށް ލޯބިވޭ. އަހަރެން ގެއްލުމުން ޕްރޮބަބްލީ ދޭ އާ ހާޓްބްރޯކެން. އެކަމަކު އަހަރެންވެސް ސަފާކުރިޔަސް މި އުޅެނީނު..."

"މިސާލަކަށް އެމީހުންގެ ގާތަށް ދެވެން އޮތީ. އެކަމަކު އަބަދަށްޓަކާ އަހަރެން ދޫކޮށްފައި. ދާނަންތަ؟" ސެފްރަން ސުވާލުކުރިއެވެ.

"ނޫން. އައި ކާންޓް ލީވް ޔޫ. އައި ވިލް ޗޫޒް ޔޫ އެކަމަކު ބޭނުމީ އެންމެން އެކީ އުޅެން؟ އިޒް އިޓް ޕޮސިބްލް...." އާރްޔާ މަޑުމަޑުން އެހިއެވެ. ސެފްރަންއަށް އާރްޔާގެ ހިތްވެސް އެނގުނެވެ. އެކަކު އަނެކަކަށް ބޭނުންވިޔަސް ދެމީހުން ގުޅެން ތަގުދީރަކުނުވެއެވެ. އާރްޔާގެ މަންޒިލަކީ އޭނައެއް ނޫނެވެ.

"ވިސްނައިލަން ޖެހޭނީ...." ސެފްރަން ބުނެލިއެވެ.

"އިސްތަށިގަނޑު ގަތާލަދެންތަ؟ އައި ޔޫޒް ޓު ޑޫ އިޓް ފޯ މައި ސިސްޓާސް.." އާރްޔާ ސެފްރަންގެ އިސްތަށިގަނޑުގައި އަތް ޖައްސައިލިއެވެ. ބަލައިލަން ވަރުގަދަކަމަށް ދެއްކިޔަސް އަތުތެރެ ފަށުވިކޮޅެއް ވާފަދައެވެ. އެހާ މަޑެވެ. އާރްޔާ އިސްތަށިގަނޑު ގަތައިލަދޭން ހުރިއިރު އޭނައަށް އާރްޔާގެ އިސްތަށިގަނޑު ދުވަހަކުވެސް ނުފެނެއޭ ހިތަށް އެރިއެވެ.


***

ރުއާނާ ގާޑުން ކައިރީ އެދުނީ ސެފްރަންއާއި ބައްދަލުކުރަން އޭނަ އައިސްފައި ހުރި ވާހަކަ ބުނެދިނުމަށެވެ. ސެފްރަން އަކީ އޭނަގެ ގާތް އެކުވެރިޔާއެވެ. ހަށިފާރަވެރިޔާ އިރުކޮޅަކުން އައިސް ދިން ޖަވާބުން ރުއާނާގެ މޫނަށް އަނދިރިވާގޮތްވިއެވެ. ލޮލުގެ އެސްފިޔަތައް ބަރުވެގަތީ ކަރުނުންނެވެ. ޒޭބްމެން ދިރިއުޅޭ ގަނޑުވަރަށް އައުމަށްފަހު ރުއާނާ އަނބުރައިތަގެވެ. ޖިލްވާ ހޭހަން ކުަރަން އިންދާ ލޫސިއަސް ވީގޮތް އޮޅުން ފިލުވަން މަސައްކަތްކުރިއިރު ޒޭބް ފަހަތުގައި ޖައްސާލާފައި ހުއްޓެވެ. ޖިލްވާ އިސްޖަހައިލިއެވެ. ރުއާނާގެ ސިއްރެއް ބޭޒާރުކުރަން ފަސްޖެހުނެވެ. ނަމަވެސް ރުއާނާގެ ފުރާނައަށް ނުރައްކަލެއް ވެއްޖެއްޔާ ކުށްވެރިވާނީ އޭނައެވެ.

"މާތް ސާހިބާ. އަޅުގަނޑުމެންގެ ޝެހެޒާދީގެ ހިތުގައި ލޯތްބެއް އުފެދުނީ..އަޅުގަނޑު ދެންނެވިން އޭނަގެ ފަހަތުން ނުދާށޭ. އެކަމަކު އަޅުގަނޑުމެންނަށް ނާކާމިޔާބުވީ. އެބޭފުޅާގެ ހަރުކަށިކަމުން ބައްދަލުވުމުގެ ހުއްދައެއްނެތް. ޝެހެޒާދީގެ ހިތް ހަލާކުކޮށްލީ......" ޖިލްވާ އަދަބުވެރިކަމާއެކު ބުނެލިއެވެ.

"އެއީ ކާކު؟ "

"ސުލްތާން ސެފްރަން....." ޖިލްވާގެ އަޑު މަޑެވެ.

ޒޭބް ކަރަންޓުގައި ޖެހުނު ފަދައަކުން ސިއްސައިގެން ގޮސް އޭނަގެ ބޭބެ ލުސިއަސްގެ މޫނަށް ބަލައިލެވިއްޖެއެވެ. ރުއާނާއަކީ ލޫސިއަސްގެ ދަރިއަކަށް ނުވިޔަސް އަމިއްލަ ދަރިއެއްފަދައިން ބަލާ ބޮޑުކުރުމުން އެހިތުގައި އެކުއްޖާއަށްޓަކާ ފުން ލޯތްބެއް ވެއެވެ. ރަގަޅުގަބީލާއެއް ގެ ރަގަޅު މާތް އަންހެންކުއްޖެކެވެ.

"ބޭބެ ރުއާނާއަށް ވިސްނައިދީ. ތި ގުޅުމަށް ބޭބެގެ ހުއްދަ ދުވަހަކުވެސް ނުލިބޭނެކަން ވިސްނައިދީ............ރުއާނާފަދަ ކިޔަމަންތެރި ރަގަޅު އަންހެންދަރިއަކަށް ސެފްރަން އެކަށީގެނެއް ނުވޭ. ގަދަކަމުން ވެރިކަން ފޭރިގަތަސް އެއީ ރަސްކަލެއް ނޫން ބާޣީއެއް......" ޒޭބް ދަތްޕިލާ ޖައްސާބާރުކޮށްލިއެވެ. ލޫސިއަސް ވަކި އެއްޗެއް ނުބުނެ ވިސްނުމެއްގައި އިނެވެ.


***

ކާރލީންގެ އޯޑަރު އައުމާއެކު އޭނަގެ ލަޝްކަރެއް ބެންތިކް އައިލެންޑާއި ދިމާލަށް މިސްރާބުޖެހީ ފައިޓާޖެޓްތަކެއްހެންނެވެ. އިރުއޮއްސޭ ދަޅައަށް ތިނޯހުގެ ފަގަ ޖައްސާނެ ތަންކޮޅެއް ނެތްވަރަށް ޖިންނި ޝައިތާނުން ދުނިޔެއަށް ފައިބަގަންނަ މިސާލުގައެވެ. ހިޔަނިތަކެއްހެން މުޅި އުޑުމަތި ކަޅުކޮށްލާފައެވެ. ޒޭބްގެ ގަނޑުވަރާއި ކައިރިވުމުން ދިފާއުގައި އައި ފާރަވެރިންތައް ސުންނާފަތި ކޮށްލުމަށްފަހު ޒޭބްގެ ގަނޑުވަރަށް ވަދެގަތެވެ. ދޮރުގެ ހިންމިތަކުންނާއި ފުރާޅުމަތިންނާއި އެތަން މިތަނުންނެވެ. ލޫސިއަސް އާއި އޭނަގެ އެކުވެރިންނަށް އެގަޑިއަށް އާދެވުނުކަމީ ނަސީބެކެވެ. އަދި ސެފްރަންވެސް އެހިސާބު ހުރަަސްކޮށްލި ވަގުތު ކަމަށްވާތީ އޭނަވެސް ދިމާކޮށްލީ ގަނޑުވަރުން ބޭރުގައި ތިބި އިފުރީތުންނާއެވެ. އެ ހަގުރާމައިގާ ފަރުބަދަތަކުގެ ހިލަތަކާއި ބިޔަ ގަސްތަކަށް ދާންދެން ފައިބައިގަތެވެ. ގަނޑުވަރުވެސް އިންދިރާސްވިއެވެ. ނަމަވެސް ކާރލީންގެ ލަޝްކަރުގެ އެންމެ ނިކަމެތި ބަލިކޮށް ހުރި ފުރޭތަ ފިޔަވާ އެެހެން ހުރިހާ އިފުރީތުންނެއް މަރުގެ ރަހަ ލިބިގަތެވެ. ބޯ ކަޅުދުމާއި ލެއިން ތަން އޮތީ މުޑުދާރުވެފައެވެ. އުދަގޫވާފަދަ ވަހެއްވެސް ތަނުގައި ހަރުލައިފިއެވެ.

"ކަލޭގޮސް ކަލޭގެ މާސްޓަރ ކައިރި މި ފެނުނު ކަންތައް ކިޔައިދީ. އެމީހަކާއި އެކަށީގެންވާ ވަރުގެ ބަޔަކާއި ހަމަލާދޭން އުޅޭށޭ ބުނޭ. އަންހެނުންނާއި ކުދިންނަށް ހަމަލާދޭނީ ފިނޑިން.." ލޫސިއަސް އިފުރީތާއި މުޚާތަބު ކުރީ ހަރުކަށިކޮށެވެ. އިފުރީތުގެ ލޮލުން ފެނުނީ ބިރުގެންފައި ހުރި ކުލަވަރެވެ.

"އަދިވެސް އެ ބައިގަނޑު އަންނާނެ. މިތަނުގައި އުޅުން ނުރައްކާތެރި ކޮއްކޯ..." އިފުރީތު އުދުއްސައިގަތުމުން ލޫސިއަސް ބުނެލިއެވެ.

އެވަގުތު ދޮރު މައްޗަށް އެރި ސެފްރަންއާއި ލޫސިއަސްގެ ހަތަރުކަޅި ހަމަވިއެވެ. ޝާހީ ރަސްދަރިކަލެއްގެ ފުރިހަމަކަން ލޫސިއަސްއަށް ލިބިފައިވިއެވެ. އެދެލޮލުގެ ކުލައިންވެސް ހައިބަތާއި ރީތިކަން އަދި ހިތްވަރުގަދަކަން ދައްކުވައިދެއެވެ. ސެފްރަންއަށް އަމިއްލަ ލޮލާއި އަޅުވާ ކިޔުނެވެ. އެއާއެކު ސެފްރަން އަނެއްފަރާތަށް އެނބުރުނެވެ.

"ހުމް އެއީ މަގޭ ބޭބެ. ކަލޭގެ މީހެެއް ނޫން. އަހަރެމެންނަކީ ކަލޭގެ އާއިލާއެއް ނޫން. ކަލޭގެ ބާރުގެ ދަށުގައި އޮތް އިފުރީތުންގެ ލަޝްކަރު މިގެއަށް ފޮނުވައިލި ސަަބަބު އެނގިއްޖެ. އަޒްކީލްގެ ކުދިންނަކީ ރަސްކަމުގެ ހަގީގީ ވާރިސުންނަށް ވާތީ އެކުދިން ނައްތައިލަން. މާތްﷲގެ ކުޅަދުންވަންތަކަން އެއަށް ވުރެ ބޮޑު. ޒާލިމުންނަށް އެކަމުގެ އަޒާބު ދެއްވާނެ... މިތަނުން ދޭ.. އަދި ބުނަން. ރުއާނާއަށް ހުވަފެން ދައްކައިގެން އެކުއްޖާގެ ދިރިއުޅުމާއި ކުޅެން ނަހަދާ. އެއީ މަގޭ ބޭބެގެ ދަރި..." ޒޭބް ކަޅި އަޅައިގަތެވެ. ސެރަފިމްއާއި ޗެރަބިމް އޭރު ބިންމައްޗަށް އެޅިފައިވާ ކުނިބުނި ސާފުކުރުމައި އަވަދިނެތި އުޅެއެވެ. މާކިއަންވެސް ކަނޑި ހިފާލައިގެން ހުރިއިރު މޫނުމަތިން ހިތްވަރުގަދަކަން ފެނެއެެވެ.

ޒޭބް ސެފްރަންއާއި ހަރުކަށިކޮށް ވާހަކަދެއްކުމުން މާކިއަން ދެރަވެ އިސްޖެހުނެވެ.

"މިތަނަށް އައީ ކަމަކު. އެކަނި ވާހަކަދެއްކިދާނެތަ ޒޭބް ސިސް..." ސެފްރަން ގަސްތުގައި ޒޭބް ރުޅިއަރުވާލާހިތްވިއެވެ. ލޫސިއަސް ކުޑަކޮށް ހިނިއަންނަ ގޮތްވިއެެވެ.

"ސެފްރަން........ހަމަ މިހާރު މިތަނުން ނުކުމޭ......................" ޒޭބްގެ ނުރުހުމާއެކު ހަޅޭއްލަވައިގަތެވެ. ހަލާކުވެ ސުންނާފަތިވެފައިވާ ގަނޑުވަރާއި ދިމާލަށް ހިތާމައާއެކު ބަލައިލަމުން ސެފްރަން ދާން ހިނގައިގަތެވެ.


***

ކާރލީންއަށް އޭނަގެ ލަޝްކަރަށް ލިބުނު ނާކާމިޔާބުގެ ޚަބަރު ގެނެސްދިންމީހާ ދެކެވެސް ރުޅި އާދެވުނެެވެ. އޭނަގެ ކަނޑީގެ ޝިކާރައަކަށް އެ ފަކީރު ނުވީ އަދި އަޖަލު ހަމަނުވާތީއެވެ. ކާރލީންގެ މުޅި ގައިގާ ރޯވެ އަނދައިގަތެވެ. ހަގީގަތް ގަބޫލުކުރަން ކާރލީން ތައްޔާރެއް ނޫނެވެ. ޒޭބްމެންނަކީ ޖިންނީންގެ ޝާހީ ދަރިކޮޅަކުން އައިސްފައިވާ އެންމެ މޮޅު ގަބީލާގެ ރަސްކަލުންގެ އާއިލާއިން އައިސްފައި ތިބި ޝާހީ ޖިންނިންނެވެ.

"ސެފްރަން އަދި އަޒްކީލްވެސް އޭނަގެ ދަރިއަކަށްވެސް ރަސްކަމުގައި ހުންނާކަށް ލާހިކެއްނޫން....އެންމެން ފަނާކޮށްލާނަން...." ކާރލީން ގެ ތޫނު ދަތްތައް ވިދައިލިއެވެ. ލޮލުން އަލިފާނުގެ ހުޅު ނުކުންނަން ފެށުމުން އެހެން އިފުރީތުންނަށް އޭނަގެ ނަފްރަތު އަންދާޒާކުރެވުނެވެ.

ކާރލީންގެ ރުޅި ފިނިވާއަތަށް އެޅީ އެތަނަށް އޭނަގެ ކޮއްކޮ ކާރމަން ފައުޅުވުމުންނެވެ.

"ދެވަނަ ފަހަރަށް ސެފްރަން އަށް ނޫނީ ޒޭބްގެ އާއިލާއަށް ގޯނާކޮށްފިއްޔާ އަހަރެންގެ ލަޝްކަރު ފޮނުވައިގެން މި ރަށް އަންދާލާނަން."

"ހަަހަހަ...އަހަރެން މުސްލިމުން ދެކެ ނަފްރަތުކުރަން. ޚާއްސަކޮށް ސެފްރަންއާއި އޭނަގެ ނަސްލުދެކެ....." ކާރލީން ހިނިގަނޑެއް ޖަހައިލިއެވެ.

"އެކަމަކުވެސް ދުރުން އުޅެއްޗޭ. އެއީ އެންމެންގެެވެސް ރަސްގެފާނު..މަގޭ އަދި ތި އެންމެންގެ...." ކާރމަން ހަދާންކޮށްދިނެވެ.

"ކާރ..މަގޭ މޮޔަ ކުޑަ ކޮއްކޮ..މާ ރަގަޅުވާން ހަދައިގެން އިބުލީސް އުޑުން ވައްޓަވާލެއްވީ" ކާރލީން ހަނދާންކޮށްދިނެވެ.

"ތީ އަހަރެން ކުރާ ކަންތައްތަކާއި ގުޅޭ މިސާލެއް ނޫން. ތިއަށް ވުރެ ބޭބެއަށްވެސް ރަގަޅުވާނީ އާޚިރަތް ދުވަސް އޮތްކަން ދަނެގެން މާތްﷲއަށް އީމާންވެ ހަށިގަނޑު ނަރަކައިން ސަލާމަތްކުރިއްޔާ.އަދިވެސް ދުޢާ މިކުރަނީ މަންމައާއި ބޭބެއަށް ހިދާޔަތް ދެއްވުމަށް އަދި އިސްލާމްދީން ގަބޫލުކޮށް އެދީނަށް ނަސްރުދީ ޚިދުމަތްކުރުމުގެ ފުރުސަތު ލިބުމަށް. އަަހަރެން ދުނިޔޭގައި ހުރެގެން ސެފްރަންއަށް އަނިޔާއެއް ވިޔަކަނުދޭނަން....." ކާރމަން ނުރުހުމާއެކު ބުނެލާފައި ޣައިބުވިއެވެ.

***

އަޒްކީލް ހޭއެރުމުން އެންމެ އުފާކުރީ ސެފްރަންއެވެ. އޭނަ ޒޭބް އަށް ޒިޔާރަތް ކުރީ އެ ޚަބަރު ދިނުމަށެވެ. އެވާހަކަ އަޑުއެހުމެއްނެތި އެގެއިން ދާން ޒޭބް އަމުރުކުރީއެވެ. އަޒްކީލް ހޭއެރިޔަސް އަދި އަނގައިން ބުނެވޭވަރެއް ނޫނެވެ. އެއަށް ވުރެ ހާލު ދެރައެެވެ. ސެފްރަން ހޮހަޅައިން ނުކުތްއިރު މޫނުމަތި ހިތާމައާއި މޮޅިވެރިކަމުގެ ދިރިހުރި ތަސްވީރެއް ފަދައެވެ. އޭނަ އާރްޔާ ދިރިއުޅޭ ގަނޑުވަރާއި ދިމާލަށް މިސްރާބު ޖެހިއެވެ. ބޯކޮށް ހެދިފައިވާ ގަސްބޮނޑިއާއި ދިމާލުން ހިލަމެއްވެފައި ކޮންމެވެސް މީހަކު ގޮވައިލިހެން ހީވިއެވެ.

(ނުނިމޭ...)

https://sun.mv/129570

comment ކޮމެންޓް