އަލީޒް ކަލެކްޝަނުން ދެބެއިންގެ ހުވަފެން ހަގީގަތަކަށް!

ޝަފީއާއި ރަހޫ، އަލީޒް ކަލެކްޝަން ޝޯރޫމްގައި --ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ގަލޮޅު ސަހަރާ ކައިރީ، ސޮފޫރާ މަންޒިލްގެ ފުރަތަމަ ފަންގިފިލާގައި،ޒަމާނީ ހުރިހާ ކުލަތަކެއް ހިމެނޭހެން ފަރުމާކޮށްފައިވާ މި ވިޔަފާރިއަކީ ދެބެއިން ކަމުގައިވާ ޝަފީގާ އަލީ (ޝަފީ) އަދި ރަހުމާ އަލީ (ރަހޫ)ގެ "އަލީޒް ކަލެކްޝަން" އެވެ. މިއީ ނިކަން ޒަމާނީ ފަހާތަނެކެވެ.

މިތަން ކިތަންމެ އަލަސް، ރަހޫ އާއި ޝަފީ، މި ދާއިރާއަށް އަލެއް ނޫނެވެ. ރަހޫ ހާއްސައީ، ކުޑަކުދިންގެ ހެދުންތަކަށެވެ. އަދި ޝަފީގެ ޝައުގުވެރިކަން އެންމެ ބޮޑަށް އޮތީ ބޮޑެތި މީހުންގެ ހެދުންތަކަށެވެ. އަލީޒް ކަލެކްޝަން ކުރިން، ދެމީހުން ހެދުން ފެހުމުގެ މަސައްކަތް ކުރީ ގޭގައި އެ މީހަކު އަމިއްލައަށެވެ.

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިގޮތުން ރަހޫސް ކަލެކްޝަންގެ ނަމުގައި ކުރިއަށް ގެންދިޔަ މަސައްކަތް ބްރައިޑް ފެއާއާއި، ޑިޒައިނާސް ވީކް އިންވެސް ފެނިފައިވާއިރު، ޝަފީސް ކުޓުއާގެ މަސައްކަތްތައްވެސް ވަނީ ވައިބް މެގަޒިންފަދަ ޕްލެޓްފޯމްތަކުގައި ފީޗާ ކުރެވިފަ އެވެ.

އެހެންނަމަވެސް ދެމީހުން ގުޅިގެން ބޮޑު ވިޔަފާރިއެއްގެ ގޮތުގައި މިކަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

އަލީޒް ކަލެކްޝަންއަށް ވަދެގެން އައިއިރު، ތަނުގެ ރީތިކަމާއި ފުރިހަމަކަމާއި އެކު ލޮލުގައި އަޅައިގަންނަނީ ރެކްތަކުގައި އަޅުވާފައިވާ އެކިކުލަތަކުގެ ހެދުންތަކެވެ. އެކި ކްލައިންޓުންނަށް ފަހާފައިވާ ހެދުންތަކާއި، އަދި ރެޑީ ޓުވެއާ ހެދުންތަކެއްވެސް ހުރިއިރު، ކުޑަކުދިންގެ އެކި މުނާސަބަތުތަކުގެ ހެދުންތަކާއި، ޕާޓީއަށާއި ރަސްމީ އެކި ހަފްލާތަކަށްވެސް އެކަށޭނަ އެތަށް ހެދުމެއް ފެންނަން ހުއްޓެވެ.

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޝަފީ ބުނާގޮތުން އަލީޒް ކަލެކްޝަންގެ ފަހާތަނެއް ހުޅުވަން ގަސްތުކުރިއިރު ބޭނުންވީ ފެހުމުގެ ހުރިހާ ހިދުމަތެއް ދެވޭހެން ބޮޑު 'ފެޝަން ސްޓޭޝަން' އެއް ހެދުމަށެވެ.

ޝަފީ އާއި ރަހޫގެ އިތުރުން މި މަސައްކަތަށް ހާއްސަ އިތުރު ދެ ބިދޭސީ ސްޓާފުން ގެނެސް، ތަމްރީނުދީ އަދި ފެހުމުގެ މަސައްކަތް ކުރާއިރު، ތަނުގެ އިންޓީރިއާ މަސައްކަތްތައް ކޮށްދީފައިވަނީ އާކިޓެކްޗާ އަދި އިންޓީރިއާ ޑިޒައިނިންގެ ދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ ދެމީހުންގެ ދޮންބެ އެވެ.

"މި ތަނަކީ މިއީ ކުރިން ގުދަނެއް، ކަރަންޓެއް އެއްވެސް ކަމެއް ނެތް. ދެން އަސްލު ޓާގެޓް ކުރީ ހަމައެކަނި ފަހާތަނެއް އެކަންޏެއް ނޫން. ޝޯރޫމެއް ނޫނީ ޑިސްޕްލޭއެއް ބެހެއްޓުންވެސް ވަރަށް މުހިންމު. ދެން ކަސްޓަމަރުން އައިސް ހަމަޖެހިލައިގެން ވާހަކަދައްކާ، ތަންކޮޅެއް ސިސްޓަމެޓިކްކޮށް އޯޑަރެއް ނެގުމަށްފަހު އެއާޢި ބެހޭ ހުރިހާ ތަފްސީލެއް ފެންނަންހުރެ، ހެދުން ހެޔޮވަރުކުރާއިރު، ރަނގަޅު ލައިޓިން އެއް ހުރުންވެސް ވަރަށް މުހިންމު، ހުރިހާ ފައްޗަކާއި ގަޔަށް ހުންނަ ގޮތް ފެންނާނީ އޭރުންތާ. އެހުރިހާ ކަމެއްވެސް ކުރެވޭނެހެން މިތަން ތައްޔާރުކުރ" ޝަފީ ކިޔައިދިނެވެ.

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެއްބަޑުއެއްބަފާ 12 ކުދިން ތިބޭ މި އާއިލާގައި ފެހުމަކީ މައިގަނޑު ގޮތެއްގައި ހުރިހާ އަންހެންކުދިންނާއި މަންމަ އަދި ބައްޕަވެސް ކޮށް އުޅޭ ކަމެކެވެ. ޝަފީ އާއި ރަހޫ ބުނާގޮތުން ދެމީހުންނަށް ފެހުމުގެ ތެރެއަށް ވަދެވުމުގެ ފަހަތުގައިވާ އެންމެ ބޮޑު ސަބަބަކީވެސް ގޭގައި މަންމައާއި ބައްޕަ ފަހާތަން ފެނުމެވެ.

" މަންމަ، ބައްޕައާއި ދައްތަމެންވެސް ފަހާނެ، އަހަރެމެން ކުޑައިރު ލައި އުޅެނީވެސް ބައްޕަ ފަހާއުޅޭ އިންޑިއާ ޕާކިސްތާނު ސްޓައިލްގެ ހެދުންތައް. ދެން ދޮންތިގެ ދޯޕައްޓާތައް ހަލާކުކޮށްގެން ޓޮޕް އެއްޗެހި ފަހާލަނީ. ދެން ފަހާފައި ހުންނަ އެއްޗެހި މޮހައިގެންނާއި އެގޮތަށް ދަސްކުރީ. ހެދުން ހަލާކުވެފައިވެސް ހުންނާނެ ކުޑައިރު، އެކަމަކު މިހާރު ފެހުމުގެ ހުރިހާކަމެއްވެސް ގާތްގަނޑަކަށް އެނގޭ،" ރަހޫއާއި ޝަފީ ބުންޏެވެ.

ޝަފީ ބުނި ގޮތުގައި ގްރޭޑް 10 ގައި އުޅެމުންވެސް ބައެއް ރަށްޓެހިންގެ ހެދުންތައް އަމިއްލައަށް ކަނޑާ ފަހާ ހެދި އެވެ.

ފެހުމުގައި ދެމީހުން މަސައްކަތްކުރާތާ މިހާތު 10 ވަރަކަށް އަހަރުވެފައިވާއިރު، މި މަސައްކަތް ދަސްވެ، މާކެޓެއް އޮވެމެ، ރަނގަޅު އާމްދަނީއެއް ހޯދުމަށްޓަކައި ފެށި މި ވިޔަފާރި މިހާތަނަށްވެސް ވަރަށް ކާމިޔާބެވެ.

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މި ތަން ހުޅުވިތާ 4 މަސް ގާތްގަނޑަކަށްފާއިތުވިއިރު، ހަމަޖެހިލައިގެން ތަނުގެ މަސައްކަތްތައްކޮށް މާކެޓް ކޮށްލާނެ ވަގުތުކޮޅެއްވެސް ދެމީހުންނަށްނުވެ އެވެ. އިންޓަވިއު ނަގަމުން ދިޔައިރުވެސް، ވެޑިން ސީޒަންއާ ދިމާކޮށް ބްރައިޑަލް ވެއާ އަދި ސޫޓްސްތަކާއި، އޮފީސް ހެދުންތަކުގައި ދެމީހުން ދިޔައީ ނިކަން ބިޒީކޮށެވެ.

ސްކޫލް ނިންމީއްސުރެ ފެޝަން ޑިޒައިނިންއާއި، ފެހުމުގައި އަވަދިނެތި ޝަފީ އުޅޭއިރު، ރަހޫ ފެހުމުގެ މަސައްކަތާއިގެން ރަސްމީކޮށް އުޅެންފެށީ ދަރިން ލިބި، ދަރިންގެ ކަންކަން ކުރަމުން ވަޒީފާއެއްގައި އުޅެން އުނދަގޫވުމުންނެވެ.

ނަމަވެސް މިއަދު ދެމީހުންވެސް ނިކަން ހަމަޖެހިލައިގެން ދަރީންގެ ކަންކަމާއި އަމިއްލަ ވިޔަފާރިވެސް ފުޅާކުރަމުން އަންނައިރު، މި ދެމެދުގެ ބެލެންސެއް ފެނުމަކީ ދެމީހުންނަށްވެސް ލިބޭ އެންމެ ބޮޑު އުފަލެވެ.

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދެމީހުން ބުނާގޮތުން އޯޑަރުތަކުގައި ކިތަންމެ ބިޒީވިޔަސް، ވަގުތަށް ހުރިހާ ކްލައިންޓުންނަށްވެސް ހެދުންތައް ނިންމާލެވުމަކީ އެންމެ ބޮޑު އުފަލެވެ. ކޮންމެ ކްލައިންޓެއްވެސް ބޭނުންވާހެން އެ ބޭނުންވާ ބަޖެޓަކަށް އެކަށޭނަ ގޮތަކަށް ހެދުމުގެ މަަސައްކަތް އަލީޒް ކަލެކްޝަން އިން ކޮށްދެ އެވެ. ހަމައެޔާއެކު، ވީހާވެސް ތަފާތު ރީތި ހެދުންތަކެއް ފަރުމާކޮށްދިނުމަށްޓަކައި އަލީޒްކަލެކްޝަންއިންވެސް އަމިއްލަ ލޭސްއާއި ބައެއް ފޮތީގެ ސްޓޮކް ގެންގުޅެ އެވެ.

އަމިއްލަ ވިޔަފާރިއެއް ދެބެއިންވެގެން ކުރިއަށް ގެންދާއިރު، މިއީ ފަސޭހަކަމެއްތޯ އަހާލުމުން ދެމީހުންވެސް ބުނީ ތަނުގެ މަސައްކަތް ދެމީހުން ގުޅިގެން ބަހާލާފައި ކަމަށާއި އެއްވެސް ކަމެއް ނުކުރެވިގެން ނޫނީ ކުރާނެ މީހެއް ނޭގިގެން އުޅެން ނުޖެހޭ ކަމަށެވެ. އެހެންކަމުން އެއީ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

ކޮންމެ ކްލައިންޓަކާއިވެސް ނިކަން ގާތްކޮށް ދެކި ހިނިތުންވުމަކާއި އެކީ މަރުހަބާ ކިޔާއިރު ދެމީހުންނަށްވެސް އަލީޒް ކަލެކްޝަން ހާއްސަވާ އެންމެ ބޮޑު ސަބަބަކީ މިކަމާ އަމިއްލަ އާއިލާއާއި ގުޅިފައިވާ މިންވަރެވެ. ތަނުގެ ނަން ކަމުގައިވާ 'އަލީޒް' އައިސްފައިވަނީ ބައްޕަގެ ނަން 'އަލީ' އަށް ނިސްބަތްކޮށެވެ.

"މަންމައާއި ބައްޕަ އުޅެނީ ރަށުގައި، އެކަމަކު މާލެ އައި ދުވަސްކޮޅުވެސް މިތަނަށްއައިސް، ފައްޗެއް ޖަހާލާ އެހެން އުޅެނީ. ދެން ދެމީހުން އެއްކޮށް މިހާ ބޮޑު ކަމެއް ފެށީމަވެސް ވަރަށް އުފާވެފައި ތިބީ. ދެން އާއިލާގެ ހުރިހާ އެންމެންވެސް އައިސް ވަރަށް ސަޕޯޓް ލިބޭ" ޝަފީ ބުންޏެވެ.

ސުމަކުން ފެށި މަސައްކަތް މިއަދު މިހާ ފުޅާވެ ކުރިއަށްގޮސްފައިވާއިރު، ބޮޑެތި ސޫޓްތަކާއި އޮފީސްތަކުގެ އެކި ޔުނިފޯމްތައްވެސް މިއަދު ފަސޭހަކަމާއި އެކު ފަހާލެވުމަކީ މަސައްކަތަށް އައިސްފައިވާ ބޮޑު ކުރިއެރުމެކެވެ. ކުރިއަށް އޮތްތަނުގައި އަލީޒް އަދި މިއަށްވުރެވެސް ފުޅާކޮށް ހާއްސަ ޑިޒައިނާ ހެދުންތަކެއް ވިއްކާލަން ބެހެއްޓޭވަރު ކުރުމަކީ ދެމީހުންގެވެސް އުންމީދެވެ.

comment ކޮމެންޓް