ފުރަތަމަ ދޫކުރި ބަސް ކާޑަށް އަހަރެއް ވުމުން އާކުރަން ޖެހޭ!

އެމްޕީއެލް ބަހުގައި ދަތުރު ކުރުމަށް ބޭނުން ކުރާ ކާޑު -- ސަން ފޮޓޯ/ އަހުމަދު ޖައިޝަން

މާލެ އާއި ހުޅުމާލެ އަދި މާލެ އާއި ހުޅުލެ އާއި ދެމެދު ދަތުރުކުރާ ބަސްތަކުގައި ބޭނުންކުރުމަށް އެންމެ ފުރަތަމަ ވިއްކި ކާޑުތަކަށް އެއް އަހަރު ވުމުން އެ ކާޑު އާކުރަން ޖެހޭނެ ކަމަށް އެމްޕީއެލްއިން ބުނެފި އެވެ.

ހުޅުމާލެ، މާލެ އަދި މާލެ، ހުޅުލެ އާއި ދެމެދު ބަހުގެ ހިދުމަތް ދެނީ އެމްޕީއެލް އިންނެވެ. ބަސް ދަތުރަކަށް ކޮޅަކަށް 10 ރުފިޔާ ޗާޖު ކުރާއިރު ބަސް ކާޑު ވިއްކަނީ 20 ރުފިޔާ އަށެވެ. ބަސް ދަތުރުތަކަށް 10 ރުފިޔާ ޗާޖުކޮށް ޓޮޕް އަޕް ކުރެވޭ ކާޑު ބޭނުންކޮށްގެން ދަތުރުކުރެވޭގޮތަށް ހެދީ މިއަހަރުގެ ޖެނުއަރީ އެކަކުން ފެށިގެންނެވެ.

އެމްޕީއެލްގެ މީޑިއާ އޮފިސަރު ހަސަން ޝިފާން މިއަދު ސަން އަށް ވިދާޅުވީ ބަސްކާޑު އެންމެ ފުރަތަމަ ދޫކުރި އިރު ކާޑުގެ މުއްދަތަކީ އެއް އަހަރު ކަމަށް ކަސްޓަމަރުންނަށް އަންގާފައިވާނެ ކަމަށެވެ. އަދި ފުރަތަމަ ދޫކުރި ކާޑުތަކުގެ މުއްދަތު ހަމަވުމުން އެއްވެސް އަގަކާ ނުލާ އާ ކާޑު ދޫކުރާނެ ކަމަށާއި މިހާރު ދޫކުރާ ކާޑުތަކުގެ މުއްދަތަކީ ފަސް އަހަރު ކަމަށް ޝިފާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލޭގައި ހުންނަ ގްރޭޓާ މާލެ ބަސް ޓާމިނަލުންނާއި ހުޅުމާލޭގައި ބަސް ކާޑު ޓޮޕްއަޕް ކޮށްދޭ ހުރިހާތަނަކުން ވެސް ކާޑު މުއްދަތު ހަމަވުމުން އަގަކާ ނުލާ ކާޑު އާކޮށްދޭނެ ކަމަށެވެ.

މާދަމާ އިން ފެށިގެން ހުޅުމާލެއިން ބަސް ކާޑު ޓޮޕް އަޕް ކުރުމުގެ ހިދުމަތާއި ބަސް ކާޑު ވިއްކުން ކުރިއަށް ގެންދާނީ އެމްޓީސީސީ ފެރީ ޓާމިނަލް އަދި ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގައި ހުންނަ ފަހި ޕްލާޒާއިންނާއި ދިއްދޫ ހޮޓާ ގޯޅީގައި ހުންނަ މައި މޯލްޑިވްސް ޝޮޕްއިން ނެވެ.

comment ކޮމެންޓް