ގެސްޓް ހައުސް ވިޔަފާރީގެ އަނދިރި ފަރާތް

މާފުށީ ގެސްޓްހައުސަކަށް ދެ ފަތުރުވެރިޔަކު ވަންނަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މި މަހުގެ 24 ވީ އަންގާރަ ދުވަހު ނޫސްތަކުން ފެނުނު ޚަބަރެއްގައި، މާލެ އަތޮޅު ތުލުސްދޫގައި ކްރިސްމަސް ފާހަގަ ކުރާން ބަޔަކު އުޅުނު ވާހަކަޔާއި، އެކަން ހުއްޓުވާނެ ކަމަށް ބުނެ އެ ރަށު ކައުންސިލުން ބަޔާނެއް ނެރުނު ވާހަކަ އޮތެވެ. އެ ޚަބަރުގައި އޮތް ގޮތުން، ކްރިސްމަސް ފާހަގަ ކުރުމުގެ ހަފުލާގެ އިޝްތިހާރުތައް ރަށުގެ އެކި ތަންތަނުގައި ހިއްޕައިފައި ވެސް ހުއްޓެވެ. ޚަބަރުން ވެސް އެނގޭ ގޮތުން، ތުލުސްދުއަކީ ގިނަ އަދަދެއްގެ ގެސްޓްހައުސް ހުންނަ، އަދި ޓުއަރިސްޓުން ގިނަ އަދަދަކަށް ޒިޔާރަތް ކުރާ ރަށެކެވެ.

ތުލުސްދުއާއި މާފުށި ފަދަ ރަށްރަށަކީ މިހާރު ޔޫރަޕާއި އަދި އެހެނިހެން ތަންތަނުގެ ޓުއަރިސްޓުންގެ އާއްމު މަންޒިލްތަކަކަށް ވެފައިވާ ރަށްތަކެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް އެ ރަށްރަށުގައި ވަރަށް ގިނަ ޓުއަރިސްޓުން އައިސް ތިބެއެވެ. މަގުތަކުން އެމީހުން ފެނެއެވެ. ގޮނޑުދޮށްތަކާއި މޫދުގައި އެމީހުން ޖަމާއަތް ހަދައިފައި އުޅޭ މަންޒަރު ވެސް ފެނެއެވެ. އެމީހުންނަށް ޚިދުމަތް ދޭ ގެސްޓްހައުސްތަކުގެ ހުރިހައި ކަމެއް ހުންނަނީ އެމީހުން ބޭނުންވާ ކަންކަމާއި ޚިދުމަތްތައް ފޯރު ކޮށްދެވޭ ގޮތަށް ފަރުމާ ކުރެވިފައެވެ. އެމީހުންނަށް ޚިދުމަތް ދޭން އުޅޭ ބަޔަކު ވެސް ޖެހޭނީ އެ ކަންކަމުގެ ތެރޭގައި ކޮންމެވެސް ސިފައެއްގައި ޝާމިލު ވާށެވެ. ކްރިސްމަސް ފާހަގަ ކުރުމަކީ އެއިގެ ތެރެއިން ހަމަ އެންމެ ކަމެކެވެ. ދިވެހިރާއްޖޭގެ ރަށްތަކުގައި، އާއްމު ރައްޔިތުންގެ ތެރޭގައި އެތައް ސަތޭކަ ޓުއަރިސްޓުން ތިބޭ ނަމަ، ތުލުސްދޫގައި މި ފަހަރު މި ދިމާވި ބާވަތުގެ ކަންކަން ދިމާ ނުވެއެއްނުދާނެއެވެ. ކުރިޔަށް އޮތް ތަނުގައި އެ މައްސަލަ ދާނީ ބޮޑު ވަމުންނެވެ. މި ފަހަރު އެކަމާ ގުޅިގެން ކައުންސިލުން ބަޔާނެއް ނެރެގެން އެކަން ހުއްޓުވުނިއްޔާ، ދެން ފަހަރަކުން ބަޔާނެއްގެ އިތުރުން ފުލުހުންގެ އެހީތެރިކަން ވެސް އޮންނާނީ ހޯދާން ޖެހިފައެވެ. އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ހިނގަމުން ދާގޮތަށް ބަލައިލުމުން، ފެންނަނީ މި މައްސަލަޔަކީ ހައްލެއް ނުހޯދި، ބޮޑު ވަމުން ދާނެ މައްސަލައެއް ކަމުގައެވެ. ކްރިސްމަސް ހަފުލާގެ އިތުރުން، ބަނގުރަލާއި އޫރުމަހާއި ޑިސްކޯ އާއި ޑީޖޭ ސަގާފަތް ފަދަ އެތައް ކަމެއް ދާނީ ފެތުރެމުންނެވެ.

މިއީ ރޭވުމެއްގެ ދަށުން ކުރެވެމުންދާ ކަމެކެވެ. ދިވެހިރާއްޖެއަށް ޓުއަރިޒަމް ތައާރަފު ކުރެވުނީއްސުރެ ވެއަތު ވެގެން މިދިޔަހައި ދުވަހެއް ވެއަތު ވެގެން ދިޔައީ، ރިސޯޓުތަކުގައި އުޅޭހެން ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައި ޓުއަރިސްޓުން އުޅޭނޭ ގޮތް ފަހި ކޮށްދީގެންނެއް ނޫނެވެ. ހަމަ އެހެންމެ، މާފުށްޓާއި ތުލުސްދޫ ފަދަ ރަށްރަށުގައި ގެސްޓްހައުސްތައް ހަދައިފައި އެ ހުންނަ ގޮތަށް، މީހުން ނުއުޅޭ ފަޅު ރަށްރަށުގައި ވެސް ހަމަ ގެސްޓްހައުސް ހެދޭނެއެވެ. އެކަމަކު މީހުން އުޅޭ ރަށްރަށަށް ގެސްޓްހައުސް ތައާރަފު ކޮށްފިއެވެ. "އަތް ފޯރާ ފަށަށް" ޓުއަރިޒަމުގެ ފައިދާ ގެންގޮސްދިނުމުގެ ނަމުގައެވެ. ފަތުރުވެރީންގެ އަތުން ލިބޭ ފައިސާ ހަމައެކަނި ރިސޯޓު އޯނަރުންނަށް ލިބުމުގެ ބަދަލުގައި ރަށުގައި ތިބެގެން ކޮންމެ ބަޔަކަށް ވެސް ލިއްބައިދިނުމުގެ ނަމުގައެވެ. ރަށްވެހި އިގުތިސާދު ފުޅާ ކުރުމުގެ ނަމުގައެވެ. މިހެން ގޮސް އެތައް ޝިއާރެއް އެކަމަށް ޓަކައި އުފުލުނެވެ. ނަމަވެސް އެއިގެ ތެރެއިން ހަމަ ކޮންމެ ޝިއާރެއްގެ ވެސް ވިދުވަރަކީ ފައިސާގެ ދަޅައެވެ. ދުނިޔޭގެ މާއްދީ މުއްސަނދިކަމާއި ތަނަވަސްކަމަށް ދައުވަތު ދީގެން މީހުން ހައްލައިލުމުގެ ގޮވެލިތަކެކެވެ. މި ކަން ކުރުމުގެ އަޑީގައި ތިބި ބަޔަކީ ދިވެހިރާއްޖޭގެ ރައްޔިތުންނާ ހަމަޔަށް އިސްލާމް ދީނާ ބީރައްޓެހި، ދީނާ ޚިލާފު، ޣައިރުމުސްލިމުންގެ ދިރިއުޅުމުގެ ގޮތްތަކާއި ވައްޓަފާޅިތަކާއި ސަގާފަތް ގެންދިޔުމުގެ މަގުސަދުގައި އުޅޭ ބައެކެވެ. ދިވެހި ރައްޔިތުންގެ ގާތުގައި "ކަލޭމެން އިސްލާމް ދީން ދޫކޮށްލާށޭ" ސީދާ ބަހުރުވައިން ބުނެގެން ކާމިޔާބު ނުވާނޭތީ، ރައްޔިތުންނަށް އޮޅުވައިލައިގެން، ޚުދު އެމީހުންނަށް ވެސް ނާންގައި އެމީހުންނާއި އެމީހުންގެ ދަރީން އިސްލާމް ދީނާ ދުރަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން ގެންދާ ބައެކެވެ. އެ ބަޔަކަށް، ބަޔަކު ދީނެއް ނުވަތަ ފިކުރަކާ ދުރަށް ގެންދާ އެންމެ ވަރުގަދަ އެއް ބާރަކީ ސަގާފަތުގެ ބާރުކަން އެނގެއެވެ. ދިވެހި ރައްޔިތުންގެ ގެތަކުގެ ތެރޭގައި، ޣައިރުމުސްލިމުންގެ ސަގާފަތް ފަތުރާނޭ މަރުކަޒުތަކެއް ގާއިމު ކުރީ، ދިވެހިންގެ އިސްލާމްކަން ކަފުން ކުރުމުގެ ބޭނުމުގައެވެ. ތުލުސްދުއިން މި މަހުގެ 24 ވަނަ ދުވަހު ލިބުނު ޚަބަރަކީ އެ މަސައްކަތާއި، އެ މަސައްކަތް ކުރާ ބައެއްގެ ޕްލޭން ކާމިޔާބު ވަމުން ދާކަމުގެ ހެއްކެކެވެ.

އަޅުގަނޑު ވެސް އެއްބަހެވެ. މުސްލިމް މުޖުތަމައަކަށް ޣައިރު މުސްލިމުން ޒިޔާރަތް ކުރުމަކީ އެއްވެސް ގޮތަކުން މައްސަލައެއް ނޫނެވެ. ޣައިރު މުސްލިމުންނާ އެކު ސުލްހަވެރި، އެކުވެރި ގުޅުންތައް ބޭއްވުމާއި، އެމީހުންނާ މެދުގައި ވެސް އޯގާވެރި ވުމާއި ހިތްހެޔޮކަމާއި އިހުސާންތެރިކަން ގެންގުޅުމަކީ މާތް ވެގެންވާ އިސްލާމް ދީނުގެ ހަގީގީ ތައުލީމުގައި އޮތް ގޮތެވެ. އެހެންކަމުން މުސްލިމް ގައުމެއްގައި، މުސްލިމުން އުޅޭ ރަށެއްގައި، ދުނިޔޭގެ އެތަންމިތަނުން ދަތުރު ކުރާ ޣައިރު މުސްލިމުންނަށް ވެސް ތިބެވޭނޭ ފަދަ ގެސްޓްހައުސްތަކާއި ހޮޓާތައް ހުރުމަކީ ބޭނުންތެރި ވެސް ކަމެކެވެ. މުސްލިމުންގެ ރަށްތަކަށް ޒިޔާރަތް ކުރާ ޣައިރު މުސްލިމުންނަށް، މުސްލިމުންގެ ފަރާތުން ފުރިހަމަ މެހުމާންދާރީ އަދާ ކުރެވޭން ވާނެއެވެ. މުސްލިމުންގެ ތެރޭގައި އެމީހުންނަށް އެއްވެސް ބިރުވެރިކަމެއް ނެތި، އަމާންކަމާ އެކު އުޅެވޭން ވާނެއެވެ. ޣައިރު މުސްލިމުންނަށް ވީތީ އެމީހުންނަށް އެއްވެސް ގޮތަކުން ދަތި ކުރެވިގެން ނުވާނެއެވެ. އެމީހުންނަށް ފުރިހަމަ އިހުތިރާމު ވެސް މުސްލިމުން ކުރާން ޖެހޭނެއެވެ.

ނަމަވެސް ދިވެހިރާއްޖޭގައި، އާއްމު ރައްޔިތުން ދިރިއުޅޭ ކުޑަކުޑަ ރަށްރަށުގައި ގެސްޓްހައުސްތައް އަޅައިގެން، ޣައިރު މުސްލިމުން އެތަންތަނަށް ގެންގޮސް އެމީހުންގެ އުޅުމާއި ސަގާފަތް އަޅުގަނޑުމެންގެ ޒުވާނުންނާއި ކުޑަކުދީންނަށް "ހުށައަޅައިދިނުމުން" ނުކުންނަނީ ރަނގަޅު ނަތީޖާ ނޫންކަން އެއީ ތަޖުރިބާއިން އެނގޭން އޮތް ކަމެކެވެ. ސަބަބުތައް ބައިވަރެވެ. އަޅުގަނޑުމެންގެ މަދަރުސާތަކާއި މީޑިޔާ އާއި މައުލޫމާތު ފެތުރުމާއި ހެއިލުންތެރި ކުރުމުގެ ނިޒާމުތައް ފޭލި ވެފައި އޮތް ވަރުން، އަޅުގަނޑުމެންގެ ފަހުގެ ޖީލުތަކުގެ އިސްލާމީ އަގީދާ ނުހަނު ބަލިކަށްޓެވެ. އިސްލާމީ ރޫހާނިއްޔަތުގެ ކަންފުޅެއް ވެސް ފަހުގެ ޖީލުތަކުގެ ގިނަ ބައެއްގެ ކިބައިގައި ނެތޭ ދެންނެވުން ގޯހަކަށް ނުވާނެއެވެ. އިސްލާމީ އަޚްލާގަކީ މި މުޖުތަމައުގައި ކިރިޔަކިރިޔާ ފެންނަ ވަރަށް ކަނި ވެފައިވާ ބައްތިއެއް ފަދަ އެއްޗެކެވެ. އިސްލާމީ ފިކުރެއް އަމުދުން ނެތެވެ. އަޅުގަނޑުމެންގެ ދަރީން ބޮޑެތި ވަމުން މިދަނީ ހުޅަނގުގެ އަދަބިއްޔާތު ކިޔައިގެން، ހުޅަނގުގެ ނުވަތަ ބޮލީވުޑުގެ ފިލްމުތަކާއި ޑްރާމާތައް ބަލައިގެން، ހުޅަނގުން އުފައްދާ ވީޑިޔޯ ގޭމުތައް ކުޅެގެންނެވެ. ނަމުން "އިސްލާމް" ވިޔަސް، އެހެން ހުރިހައި ގޮތްގޮތުން މި ގައުމު އިސްލާމް ދީނާ ދުރަށް ދަތުރު ކުރަމުން ދާތާ އެތައް ދަހައެއް ވީއެވެ. މިއަދު ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު މި އޮތީ ގުރުބާންގާހަށް ގެންދެވި، ހަތަރެސްފައި ބަނދެވިފައެވެ. ޖައްލާދުން އެތިބީ ވަޅިތައް ތޫނު ކޮށްގެން ތުން ލޮވެލަލޮވެލައެވެ. އިސްލާމީ އުއްމަތުގެ މެންބަރެއްގެ ގޮތުން، ގައުމު މިއޮތީ ހަތަރު އަނގޮޅިއެއްގައެވެ. ކުރިމަތި ލައިގެން މި ތިބެވެނީ އުއްމަތާ ދުރަށް ދެވޭން އޮތް މަގަށެވެ. މި ގައުމުގައި، އަޅުގަނޑުމެންގެ ލޮބުވެތި ބަފައިކަލުނަވި ދަރުމަވަންތަ ރަސްގެފާނުގެ މާތް އަތްޕުޅުން ދިއްލެވި، އަދި އޭގެ އުމުރުން ނުވަސަތޭކަ ވަރަކަށް އަހަރު ވީ އިސްލާމީ ދަންމަރު އެހެރަގެން ނިވެނީއެވެ.

މިފަދަ ހާލަތެއްގައި، އާއްމުންގެ ތެރޭގައި ގެސްޓްހައުސްތައް އަޅައިގެން، ރަށެއްގެ އާބާދީއަށް ވުރެ ގިނަ ޣައިރު މުސްލިމުން އެ ރަށެއްގައި ގެންގުޅުމުގެ ނަތީޖާ ރަނގަޅެއް ނުވާނެއެވެ. ވިސްނަވާށެވެ. ބައެއް ފަހަރު އޭގެ ޒާތުގައި ގޯހެއް ނެތް ކަންކަމުން، ނުބައި ނަތީޖާ ނުކުމެއެވެ. ގެސްޓްހައުސް ނުވަތަ ބޭރުން އަންނަ ދަތުރުވެރީންނަށް މެހުމާންދާރީ އަދާ ކުރާ މެހުމާންސަރާއެއް ބެހެއްޓުމަކީ ގޯހަކަށް ނުވިޔަސް، އަޅުގަނޑުމެންގެ ރާއްޖޭގައި، މި ހާލަތުގައި، ރައްޔިތުންގެ ތެރޭގައި ގެސްޓްހައުސް ވިޔަފާރި އާއްމު ކުރުމަކީ އޭގެ ސަބަބުން ފައިސާ ލިބުން ފިޔަވައި، އެހެން ފައިދާއެއް ކުރާނޭ ކަމެއް ނޫނެވެ. އޮތީ މުޅީން ވެސް ގެއްލުމެވެ.

މި ޒަމާނަކީ މުސްލިމުން ފައިސާޔާއި، ދުނިޔޭގެ އަރާމާއި މަޖަލާއި، ބާރާއި، އެހެން ވެސް މާއްދީ ތަކެއްޗަށް އަޅުވެތި ވެގެން ގޮސް، ދީން ވިއްކުން އާއްމު ވެފައި އޮތް ޒަމާނެކެވެ. އެއް ބަޔަކު ދީން "ޕެޓްރޯޑޮލަރަށް" ވިއްކަނީއެވެ. މި ގައުމުގައި ބަޔަކު ދީން ވިއްކަމުން މި ގެންދަނީ "ޓޫރޯޑޮލަރަށޭ" ކިޔަމާ ހިންގަވާށެވެ. އެ ބަޔަކު މިއަދު ވަރަށް އުފަލުން އެކަން ކުރިޔަސް، އެއީ ދާއިމީ ގޮވަތީގެ ސިޔާގުގައި އެއްވެސް ފައިދާއެއް ކުރާނޭ ވިޔަފާރިއެއް ނޫނެވެ. މިއީ ހަމައެކަނި ރަސޫލުންނާއި ނަބީންނާއި ރޫހާނިއްޔަތުގެ އަހުލުވެރީންގެ ބަސްތަކުން އެނގޭ ކަމެއް ނޫނެވެ. ތާރީޚު ބަލައިލިޔަސް އެކަން އެނގެއެވެ. ފައިސާޔަށް ރޫހާނިއްޔަތާއި އަޚްލާގިއްޔާތު ވިއްކައިލި ކޮންމެ ބަޔެއްގެ ނަންތައް، ތާރީޚުގެ ސަފުހާތަކުގައި ލިޔެވެނީ ކަޅު ދެލީންނެވެ. ހައްގު އައުމުން ބާތިލު ބަލިވެ ބޭޒާރު ވާނެޔޭ ބުނެވޭ ބަހުގެ އެއް މުރާދަކީ ވެސް އެޔެވެ.

comment ކޮމެންޓް