އަންނަ އަހަރަށް ވެސް ޓޫރިޒަމްގެ ކުލަގަދަ ހަރަކާތްތަކެއް ރާވައިފި

ޓޫރިޒަމް މިނިސްޓްރީއިން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގެ ރަށެއްގެ ކަނޑު އަޑިން އިންސާނުންގެ "ރިންގަކުން" ވަށާލައި، ދުނިޔޭގެ ރިކޯޑެއް މުގުރާލަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މިއަހަރު ކުރި މަސައްކަތްތަކާއި އަންނަ އަހަރަށް ރާވާފައި ހުރި ކަންކަމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަންނަ އަހަރަށް ރާވާފައިވާ އެންމެ މުހިންމު ހަރަކާތަކަކީ ޓޫރިޒަމް ދުވަހު ސްކޫބާ ޑައިވިންގެ ދުނިޔޭގެ ރިކޯޑެއް މުގުރާލުމަށް ރާވާފައިވާ ހަރަކާތެއް ކަމަށެވެ.

"ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ކަމަށްވާ ސެޕްޓެމްބަރު 27 ވަނަ ދުވަހު ރާއްޖޭގެ ރަށެއް ކަނޑުއަޑިން ވަށާލަން ހިއުމަން ރިންގަކުން. އެއީ ސްކޫބާ ޑައިވް ވޯލްޑް ރިކޯޑެއް. އެއީ މިހާރު ގާތްގަނޑަކަށް 500 އެއްހާ މީހުންގެ އަތުގައި އޮތް ރިކޯޑެއް." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ހަރަކާތް ކުރިއަށް ގެންދިއުމުގެ ކުރިން އަންނަ ޖެނުއަރީ މަހު އެކަން ރަސްމީކޮށް އިއުލާނުކޮށް، އެ ހަރަކާތް މުޅި ދުނިޔޭގައި އިޝްތިހާރު ކުރަން ރާވާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެއީ ކޮން ރަށެއް ކަމެއް އަދި އެ ހަރަކާތުގައި ބައިވެރިވާ މީހުންގެ އަދަދު މިނިސްޓަރު އަލީ ވިދާޅުވެފައެއް ނުވެ އެވެ.

މީގެ އިތުރުން މިއަހަރެކޭ ވެސް އެއްފަދައިން އަންނަ އަހަރު ވެސް ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ހާއްސަ ހަރަކާތަކާއި ޓޫރިޒަމް ދާއިރާގައި އަންހެނުން ބާރުވެރި ކުރުމުގެ ހަރަކާތެއް ވެސް އަންނަ އަހަރަށް ރާވާފައިވާ ކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ.

މިނިސްޓަރު އަލީ ވިދާޅުވީ އަންނަ އަހަރަށް ރާވާފައި ހުރި ހަރަކާތްތަކުގެ ތަފްސީލު ޖެނުއަރީ 20 ވަނަ ދުވަހު ބާއްވާ ހަފްލާއެއްގައި ދެއްވާނެ ކަމަށެވެ.

މިއަހަރަކީ އެއް އަހަރުގެ ތެރޭގައި މިހާތަނަށް އެންމެ ގިނަ ކަންތައްތައް ހާސިލުވި، ކާމިޔާބު އަހަރެއްގެ ގޮތުގައި މިނިސްޓަރު އަލީ ފާހަގަ ކުރެއްވި އެވެ.

އެގޮތުން މިއަހަރަށް ކަނޑައެޅި މަގްސަދު ކަމަށްވާ 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމުގެ މަގްސަދު ހާސިލުވެ، މިހާތަނަށް 1.6 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަމައެއާއެކު މިއަހަރަށް ވުރެ ވަރުގަދަކޮށް އަންނަ އަހަރު ޓޫރިޒަމްގެ ހަރަކާތްތައް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް