އިންސްޓަގްރާމްގެ މަޝްހޫރު ބައެއް މޮޑެލް އިންނާއި އިންފްލުއެންސަރުން، ސައުދި އަރަބިއްޔާގެ ޓުއަރިޒަމް ޕްރޮމޯޓުކޮށްގެން ހޫނު ފެނަށް ވެއްޓިއްޖެ އެވެ.
ސައުދި އަރަބިއްޔާގައި ދާދި ފަހުން ވަނީ އެމްޑީއެލް ބީސްޓްގެ ނަމުގައި ބޮޑު މިއުޒިކް ފެސްޓިވަލް އެއް ބާއްވާފައެވެ. އެ އިވެންޓަށް ދުނިޔޭގެ މަޝްހޫރު ގިނަ އިންފްލުއެންސަރުން ވަނީ ގޮސްފައެވެ.
ސައުދި އަރަބިއްޔާ ޕްރޮމޯޓުކުރަން ފެށުމުން އެތައް ބައެއްގެ ނުރުހުން ވަނީ އެ ފަރާތްތަކަށް ރައްދުވެފައެވެ. އެގޮތުން ސައުދި އަރަބިއްޔާ ޕްރޮމޯޓުކުރުމަކީ ސައުދި އަރަބިއްޔާގެ އިންސާނީ ހައްގުތަކުގެ ހާލަތަށް ބީރު ކަންފަތެއް ދިނުން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
މި ހުރިހާ މައްސަލައެއް އެ ފަރާތްތަކަށް ރައްދުވާން ފަށާފައިވަނީ އިންސްޓަގްރާމްގެ މަޝްހޫރު އެކައުންޓެއް ކަމަށްވާ "ޑައިޓް ޕްރާޑާ" އެ މައްސަލަ އާންމުންނަށް ހާމަކުރުމާއެކުގައެވެ.
ޑައިޓް ޕްރާޑާ ބުނި ގޮތުގައި ސައުދީ ސަރުކާރުން އެގައުމު ޕްރޮމޯޓުކުރުމަށްޓަކައި ގިނަ އިންފްލުއެންސަރުންނަށް ވަނީ 100،000 ޑޮލަރަށްވުރެ ގިނަ އަދަދަކުން ފައިސާ ދީފައި ކަމަށެވެ. ގިނަ އަދަދަކަށް އެ ފަރާތްތަކަށް ފައިސާ ދީފައިވަނީ ސައުދީގެ ޖިއޯ ޓެގް ޖަހައި އިންސްޓަގްރާމްގައި އެ ގައުމު ޕްރޮމޯޓުކުރުމަށްޓަކައެވެ.
ބޮޑު ހޭދައެއް ކޮށްގެން ކުރިއަށް ގެންދިޔަ ފިލްމު ފެސްޓިވަލް އަކީ ސައުދި އަރަބިއްޔާގެ މަލަމަތި، ހުޅަނގުގެ ގައުމުތަކުގެ ތެރޭގައި އަލުން މަގުބޫލުކުރުމަށްޓަކައި ބޭއްވި ފެސްޓިވަލް އެއް ކަމަށް ޑައިޓް ޕްރާޑާ ވަނީ ފާހަގަކޮށްފައެވެ.
މަޝްހޫރު މޮޑެލް އަދި އެކްޓްރެސް ކަމަށްވާ އެމިލީ ރަޓަޔޯވްސްކީ އަށްވެސް އެ ފެސްޓިވަލް ޕްރޮމޯޓުކުރުމަށް ދައުވަތު ދީފައިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ސައުދި އަރައްބިއްޔާގައި އޭނާ ގަބޫލު ނުކުރާ އެތައް ކަންތަކެއް ކުރިއަށް ދިޔުމާ ގުޅިގެން ސައުދީ ޕްރޮމޯޓުކުރަން ބޭނުން ނުވާ ކަމަށް އެމިލީ ފާހަގަކުރިއެވެ.