ޖަލުތައް ފުރޭ މައްސަލައަށް އޮތް ހައްލަކީ ޕްރީފެބް ޖަލާއި ޓެގު: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު --- ސަންފޮޓޯ/ އަލީ ނަސީރު

އާދައިގެ ކުށްވެރިން ޓެގު އެޅުވުމަށާއި "ޕްރީފެބް" ޖަލުތަކުގައި ބޭތިއްބުމަށް ކުރިން ރޭވި ކޮންސެޕްޓަށް އަމަލުކުރި ނަމަ، ޖަލުތަކުގެ ޖާގައިގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތައް ފުރި، އިތުރު ކުށްވެރިން ޖަލަށް ލެވޭނެ ގޮތެއް ނެތް ކަމަށް ބުނެފައިވަނިކޮށެވެ.

އުމަރުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަލުތަކުގެ ޖާގައިގެން ދަތިކަން ހައްލު ކުރުމަށްޓަކައި އާދައިގެ ކުށްވެރިން ގެންގުޅުމަށް ޗައިނާއިން "ޕްރީފެބް" ޖަލު (ރާވާލެވޭ ޖަލު)ގެނެސްފައިވާނެ ކަމަށާއި އިލެކްޓްރޯނިކް ޓެގް ކޮންސެޕްޓެއް ވެސް ކުރިން ތައާރަފްކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ، އޭނާ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، ކުށްވެރިން ކެޓަގަރައިޒް ކުރުމަށްފަހު، އާދައިގެ ކުށްވެރިން ގެންގުޅެން ވަކި ޖަލުތަކެއް ތައްޔާރު ކުރަން ރާވާފައިވާ ކަމަށެވެ.

ރާއްޖޭގައި އޮންނަ ނިޒާމަކީ ހުރިހާ ކުށްވެރިން އެއް ތަނަކަށް ޖަމާކުރުން ކަމަށާއި ނަމަވެސް ދުނިޔޭގައި އަމަލު ކުރާ ގޮތަކީ ކުށްވެރިން އެކި ކެޓަގަރީތަކަށް ބަހާލުމަށްފަހު އާދައިގެ ކުށްވެރިން ބަލަހައްޓަން ވަކި ޖަލަކަށް ލުން ކަމަށް އުމަރު ވިދާޅުވި އެވެ.

ޕްރީފެބްރިކޭޓަޑް ޖަލު ނުވަތަ ރާވާލެވޭ ޖަލަކީ ކޮންކްރީޓުގެ ބަދަލުގައި ދަގަނޑުން ހަދާ ޖަލުތަކެއް ކަމަށާއި އެހެންކަމުން އެއީ ޚަރަދު ވެސް ކުޑަ ޖަލެއް ކަމަށް އުމަރު ފާހަގަ ކުރެއްވި އެވެ.

"އެ ކޮންސެޕްޓް ތައާރަފްކުރަން ކ. ކާށިދޫ އަދި ހދ. ނޭކުރެންދޫގައި ޕްރީފެބް ޖަލު އަޅަން، އެއް ޖަލު އޯޑަރު ކުރިން. އަޅުގަނޑު ވަކިވި ފަހުން ރާއްޖެއަށް އެ ޖަލު އައީ. ނޭކުރެންދޫގައި އަޅަން ރޭވި އެ ޖަލުގެ ޖާގައަކީ ގާތްގަނޑަކަށް 200 މީހުންގެ ޖާގައެއް،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ޖަލުތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރަން ކުރިން ރޭވި ދެވަނަ ގޮތަކީ އާދައިގެ ކުށްވެރިން ޓެގު އެޅުވުމަށްފަހު ގޭބަންދުގައި ބޭތިއްބުން ކަމަށެވެ.

"އޭރު ރޭވީ ގައިދީންގެ އަޚުލާގަށާއި އެހެން ކަންކަމަށް ބެލުމަށްފަހު ޓެގު އަޅުވާފައި ގޭބަންދަށް ބަދަލު ކުރަން. ޓެގު ކޮންސެޕްޓުން ޖާގައިގެ ދަތިކަމުގެ އިތުރުން ދައުލަތަށް ސަލާމަތް ކުރެވޭނެ 50 މިލިއަން ރުފިޔާ ވެސް. ދައުލަތުން ކޮންމެ ގައިދީއަކަށް ދުވާލަކު އެބަ ޚަރަދުކުރަން ޖެހޭ 1200 ރުފިޔާ. ޓެގު އެޅުވީމާ އެ ޚަރަދު ކުޑަކުރެވޭ ދުވާލަކު 50 ރުފިޔާއަށް،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މިއީ މުޅި ދުނިޔެ ވެސް ބަލައިގެންފައިވާ ނިޒާމެއް ކަމަށާއި މި ކޮންސެޕްޓުތަކުގެ ނަތީޖާ ރަނގަޅު ކަމުން ބައެއް ޤައުމުތަކުގައި ހުންނަ ބައެއް ޖަލުތައް މިހާރު ބަންދު ވެސް ކޮށްފައިވާ ކަމަށެވެ.

އުމަރު މަގާމުން ވަކިވިފަހުން މި ކޮންސެޕްޓް ހުއްޓާލި ނަމަވެސް، އެ ކަންތައްތަކާ ނުލައި ޖަލުތަކުގެ ޖާގައިގެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް މި ނިޒާމު އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އުމަރު ވިދާޅުވި އެވެ.

ނޭކުރެންދޫގައި ދަގަނޑުން ރާވާލެވޭ ޖަލެއް އަޅަން ކުރިން ރާވާފައި އޮތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވިއިރު، އަންނަ އަހަރު ނޭކުރެންދޫގައި ޖަލެއް އަޅަން ފަށަން ނިންމާފައިވާ ކަމަށް މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ޖަލުތަކުގައި ޖުމްލަ 1300 ވަރަކަށް މީހުން ގެންގުޅެވޭއިރު، ޖަލުތައް ފުރުމާ ގުޅިގެން ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރަންޖެހޭ 58 ގައިދީއަކު މިވަގުތު ބަހައްޓާފައި ހުރީ ދޫނިދޫ ޖަލުގައެވެ.

comment ކޮމެންޓް