އަދުހަމް އުޅުނީ ގާސިމް މަރާލާކަށް ނޫން، ފޭރެން އުޅެނިކޮށް މަރުވީ: ފުލުހުން

ޓެކްސީ ޑްރައިވަރު ގާސިމް (ވ) އަދި އޭނާގެ ގާތިލް، ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު --

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރުވީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ކަމަށް އޭނާގެ ގާތިލް އަދުހަމް މުހައްމަދު އިއުތިރާފްވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހުޅުމާލޭ ހިތިގަސްމަގުގައި ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލިތާ 20 ދުވަސް ފަހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ ތަހުގީގަށް ހޯދުނު ހޯދުންތަކާއި ގާސިމްގެ މަރާ ގުޅޭ ގޮތުން ތަފްސީލީ މައުލޫމާތުތަކެއް ހާމަކޮށްފަ އެވެ.

ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ގާސިމް މަރާލި ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގަ އާއި، ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައިވެސް އިއުތިރާފުވެފަ އެވެ.

ގާސިމް މަރުވިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ ޑިސެމްބަރު ހަތަރު ވަނަ ދުވަހުގެ ރޭ 9:01 ގައެވެ. އެ ރޭ 8:15 އެހާކަންހާއިރު ގާސިމް ހުރީ ހެންވޭރުގައި ހުންނަ ކޭމާޓު ކެފޭގައި ކަމަށް ޝިފާއު މިއަދު ވިދާޅުވި އެވެ. އަދި އެ ތަނުން ނިމިގެން ޓެކްސީއަށް އަރައިގެން ގާސިމް ދިޔައީ ހުޅުލެއަށެވެ. ގާތިލު އަދުހަމް ކާރަށް އެރުވީ އެތަނުން ކަމަށް ޝިފާއު ވިދާޅުވި އެވެ. އަދި ހުޅުމާލެ ތެރޭގައި އޭނާ ގިނަ އިރުތަކެއް ވަންދެން އަދުހަމް އަރުވައިގެން ދުއްވި ކަމަށްވެސް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާއު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވި ގޮތުގައި އަދުހަމް އުޅުނީ ގާސިމްގެ އަތުން ފައިސާ ފޭރުމަށެވެ. އަދުހަމް އިއުތިރާފުވެފައި ވަނީ ގާސިމް މަރުވީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ވަޅިން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ކަމަށްވެސް ފުލުހުން ބުންޏެވެ. ގާސިމް މަރާލީ ސީދާ އޭނާ މަރާލުމުގެ ނިޔަތުގައި ގޮސް ކަމަށް ފުލުހުން ގަބޫލެއް ނުކުރެވެ އެވެ.

ފޭރުމުގެ ރެކޯޑެއް އަދުހަމްގެ އޮވޭ، ނުކުމެ އުޅުނީ ޝިކާރައަށް

މަސްތުވާތަކެއްޗާއި، ވައްކަމާއި، ފޭރުމުގެ މައްސަލަތަކުގެ ރެކޯޑެއް އޮންނަ، އަދުހަމް ހުޅުމާލެއަށް ދިޔައީވެސް ފޭރެން ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. އަދި އޭނާ ހުޅުމާލެއަށް ގޮސް ރައްޓެހިންތަކަކާ އެކު މަސްތުވުމަށް ފަހު މެންދުރުއްސުރު އުޅުނީ މީހެއްގެ އަތުން ފައިސާ ނުވަތަ މުދަލެއް ފޭރިގަނެވޭތޯ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި އަދުހަމް ފޭރެން ނުކުމެ އުޅުނީ އޭނާ މަސްތުވުމަށް ބޭނުންވާ ފައިސާ ހޯދުމަށެވެ. އެ ދުވަހު މެންދުރު އޭނާ ނުކުމެ އުޅުނީ އެއްވެސް ހަތިޔާރަކާ ނުލައި ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ވިސްނުމުގައި ހުރީ މީހެއްގެ އަތުން އެއްޗެއް ޖަހައިގެނެގެން ދުވައި ފިލާށެވެ.

އަދުހަމް ފުލުހުންނަށް ކިޔައިދިން ގޮތުގައި މެންދުރުއްސުރެ އޭނާ ކުރި މަސައްކަތުން މީހެއްގެ އަތުން ފޭރޭނެ ފުރުސަތެއް ނުލިބުނެވެ. ފުރުސަތު ނުލިބުމުން، އޭނާ ހެދި ގޮތަކީ މަސް ކަނޑަން ކަމަށް ބުނެ ކެފޭއަކުން ވަޅިއެއް ހޯދީ އެވެ. އެއީ މީހަކަށް ބިރުދައްކައިގެން ވިޔަސް ފޭރޭށެވެ. އޭނާ އުޅުނީ އެ ވަޅި ޖިންސުގެ ތެރެއަށް ލައިގެންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސާމިހް --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އެކަމަކު ވަޅިން މީހަކަށް ބިރު ދައްކާނެ ފުރުސަތެއްވެސް އޭނާއަށް ނުލިބުނެވެ. ފުލުހުން ބުނާ ގޮތުގައި އޭނާއަށް އެ ފުރުސަތު ނުލިބުނީ، ފުލުހުން ހުޅުމާލޭގައިވެސް މަގުތަކުގައި ހަރަކާތްތެރިވެ އަމަން ބަލަހައްޓަމުން ދިޔައީތީ އެެވެ.

ހުޅުމާލެއިން ފޭރޭނޭ ފުރުސަތެއް ނުލިބުމުން އަދުހަމް ދިޔައީ ޓެކްސީއަކަށް އަރައިގެން ހުޅުލެއަށެވެ. އޭނާ ނިންމައިގެން ހުރީ ހުޅުލެއަށް ގެންދާ ޓެކްސީ ޑްރައިވަރުވެސް އޭނާގެ ޝިކާރައަކަށް ހެދުމަށެވެ. އެކަމަކު، އެ ޓްކްސީ ޑްރައިވަރުގެ އަމަލާއި ބަސް ހުރި ގޮތުން އޭނާ އަތުން ފޭރިގަނެވޭނެ ކަމަށް ގަބޫލު ނުކުރެވުނީ ކަމަށް އަދުހަމް ފުލުހުންނަށް ކިޔައިދިނެވެ. އޭނާ ބުނާ ގޮތުން އޭނާ ޓެކްސީ ޑްރައިވަރުން އަތުން ފޭރޭ އިރު ޓާގެޓު ކުރަނީ އުމުރުން ދުވަސްވީ މީހުންނަށެވެ.

ހުޅުލޭގައިވެސް އަދުހަމްއަށް މީހެއްގެ އަތުން ފޭރޭނެ ފުރުސަތެއް ނުލިބުނީ ފުލުހުން ހަރަކާތްތެރުވަމުން ދިޔައީތީ ކަމަށް ފުލުހުން ބުންޏެވެ. އެކަންވެސް ނާކާމިޔާބުވުމުން އަދުހަމް ފުލުހުންނަށް ކިޔައިދިން ގޮތުގައި އޭނާ ނިންމީ ވެލާނާ އެއާޕޯޓްގެ ޓެކްސީ ކިއުގައި ތިބި ޑްރައިވަރުންގެ އަތުން ފޭރޭނެ މީހެއް ހޯދާށެވެ.

ގާސިމް މަރުވި ގޮތް ފުލުހުންގެ ހޯދުންތަކުން

ޓެކްސީ ކިއުގައި ތިބި ޑްރައިވަރުންނަށް ބަލާފައި އަދުހަމް އެރީ ގާސިމްގެ ކާރަށެވެ. ފުލުހުން ބުނި ގޮތުގައި އަދުހަމް އެދުނީ އޭނާ ހުޅުމާލޭ ހާފްވޭ ހައުސް ކައިރިއަށް ގެންގޮސް ދިނުމަށެވެ.

ހުޅުމާލޭގައި ގާސިމް މަރުވި ހިތިގަސް މަގު ކައިރިއަށް އޭނާގެ ކާރު ދެ ފަަހަރަކު ހުއްޓި ކަމަށް ފުލުހުން ބުންޏެވެ. ފުރަތަމަ ފަހަރު އެތަނަށް ދިޔުމުން އަދުހަމް ގާސިމް ގާތުގައި ބުނީ ހާފްވޭ ހައުސްއަށް ވަންނަން ބޭނުންވާ ކާޑު ބަލާ އެހެން ތަނަކަށް ދާން ޖެހޭ ކަމަށެވެ. އެ ކާޑު ނެގުމަށް އެހެން ތަނަކަށް ގެންދިޔުމަށް އަދުހަމް އެދުނު ކަމަށް ފުލުހުން ބުންޏެވެ. އެއީ ގާސިމްއަށް ބިރު ދައްކަން ރަނގަޅު ތަނެއް އަދި ދަނޑިވަޅެއް ހޯދަން ލަސް ކުރުމަށް ކަމަށް ފުލުހުން ގަބޫލު ކުރެ އެވެ.

އަދުހަމް ގާސިމްއަށް ބިރުދައްކަން ފެށީ ދެވަނަ ފަހަރަށް ހާފްވޭ ހައުސްއަށް ދާ މަގަށް ގޯޅި އަޅަން އުޅެނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

"ގޯޅި އަޅަން ދިމާ ކުރި ވަގުތުގައި މީނަ އަތުގައި އޮތް ވަޅި ކަނާއަތަށް ނެގުމަށް ފަހުގައި، އޭނާގެ ވާތުން ގާސުމުގެ ކަރާ ގާސިމް އިން ސީޓުގެ ހެޑްރެސްޓާ އެއްކޮށް ބާރުކޮށް ފޭރުމަށް މަސައްކަތް ކުރި. އެގޮތުން ވަޅި ކަނާއަތް ފަރާތުން ކުރިމައްޗަށް ގެންގޮސް ވަޅި ދެއްކުމަށް ފަހުގައި ފޭރެން މަސައްކަތް ކޮށްފައިވާކަން ފާހަގަ ކުރެވޭ،" ސަބް އިންސްޕެކްޓާ ސާމިހު ވިދާޅުވި އެވެ.

ޝިފާއު ވާޙަކަ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ގާސިމް މަރުވި ގޮތް ކިޔައިދެމުން ސާމިހު ވިދާޅުވީ، ބިރު ދެއްކި ވަގުތު ގާސިމް ހަޅޭއްލަވައި ސަލާމަތްވާން އުޅުމުން، އޭނާ ހުއްޓުވާނެ ގޮތެއް ނޭނގިގެން އަދުހަމް ގާސިމްގެ ކަރަށް ވަޅި ޖެހީ ކަމަށެވެ. އަދުހަމް ފުލުހުން ގާތުގައި ބުނެފައި ވަނީ ވަޅި ޖެހީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށާއި ހަޅޭއްލަވަން ފެށުމުން ބިރުން އޭނާގެ އަޑު ކަނޑުވާލުމަށް ކަމަށެވެ.

"އޮޅުލައިގަތް ވަގުތުގައި ގާސިމް ހަސަން ސަލާމަތަށް ދިޔައީ ވަރަށް ބާރަށް ހެޅޭއްލަވަމުން. އަދި އެ އަޑު ހުއްޓުވުމަށްޓަކައި އޭނަ ތަކުރާރުކޮށް މަސައްކަތް ކުރުމުން ދެން މަސައްކަތް ކުރީ ވަޅި އޭނާގެ ކަރުގައި ޖައްސަައިގެން ބިރު ދައްކައިގެން ހުއްޓުވުމަށްކަން ފާހަގަ ކުރެވޭ. އަދި އެކަންވެސް ކުރެވޭ ގޮތް ނުވުމުން އެ ވަގުތުގައި އޭނާ ގާސިމް ހަސަންގެ ކަރަށް އެއް ފަހަރަށް ހަމަލާދީފައިވާކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ،" ސާމިހު ވިދާޅުވި އެވެ.

ފުލުހުން ބުނީ ގާސިމްއަށް ވަޅިން ހަމަލާދިން ގަޑީގައި އޭނާ ވަޅީގައި ހިފި ކަމަށެވެ. އަދި އެއާ އެކު، އަދުހަމް ވަޅި ދަމައިގަތް ވަގުތު، އޭނާގެ ދެ އަތްތިލަ ކަފައިގެންގޮސްފައިވާކަމަށް ބުންޏެވެ.

ހާފްވޭ ހައުސް ކައިރި ހުންނަ ހުސް ބިމުން ލާފައި ގޮސް ގަސް ގިނަ ތަނެއްގައި ވަޅެއް ކޮނެފައި އަދުހަމް އޭނާގެ ގަމީހާއި ވަޅި ފޮރުވީ ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތި މިހާރު ފުލުހުން ވަނީ ހޯދައިފަ އެވެ. އެ ތަކެތިން ފެނުނު ލޭ ގާސިމް ލެއާ ދިމާވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އަދުހަމް ގާސިމްގެ ކާރުން އެއްވެސް ފައިސާއެއް ނުވަތަ އެހެން އެއްޗެއްވެސް ނަގާފައި ނުވެއެވެ.

އަންނައުނާއި ހަތިޔާރު ފޮރުވުމަށް ފަހު އަދުހަމް ދިޔައީ އޭނާގެ ރަހުމަތްތެރިއެއް ގާތަށެވެ. އެ ރަހުމަތްތެރިޔާ އަތުން ގަމީހެއް ހޯދައިގެން އޭނާ ފެރީގައި މާލެއަށް ދިޔައީ ކަމަށް ފުލުހުން ބުންޏެވެ.

ސާބިތު ކުރެވޭ ވަރަށް ހެކި ހޯދާނަން: ފުލުހުން

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، އަދުހަމް އިއުތިރާފުވެފައި ވިޔަސް އޭނާގެ މައްޗަށް ޝަރީއަތް ކޮށްގެން ކުށް ސާބިތުވާނެ ވަރަށް ހެކި ހޯދާނެ ކަމަށެވެ. އަދި މިހާރުވެސް މުހިންމު ފޮރެންސިކް ހެކިތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަން 193 ކެމެރާއަކުން ފުލުހުން ވަނީ 1215 ގަޑިއިރުގެ ވީޑިއޯ އެނަލައިޒްކޮށްފަ އެވެ.

ފުލުހުންގެ ނޫސް ކޮންފަރެންސްގައި ސަންގެ ނަޖާހު ފުލުހުންނާ ސުވާލު ކުރަނީ --- ސަން ފޮޓޯ/ މުޒއްޔިން ނާޒިމް

ފުލުހުން ބުނި ގޮތުގައި ގާސިމް މަރާލުމުގައި އެހެން އެއްވެސް ބަޔަކު ބައިވެރިވިކަމެއް އަދި އެނގިފައި ނުވެ އެވެ. އޭނާ އެ ކުށް ކުރިކަން ގަމީސް ދިން މީހާއަށާއި، އެކުގައި މަސްތުވި އެކުވެރިންނަށް އެނގޭތޯ "ސަން"އިން އެހުމުން ފުލުހުން ބުނީ އެކަންކަން ސާފު ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތަހުގީގުން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްގެން އެކަށީގެންވާ ކާމިޔާބީއެއް ހޯދި އަދި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕްރޮސެކިއުޓް ކުރެވިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" ސަބް އިންސްޕެކްޓާ ސާމިހު ވިދާޅުވި އެވެ.

comment ކޮމެންޓް