ތުލުސްދޫގައި ކްރިސްމަސް ފާހަގަކުރަން އިއުލާނު ކުރުމުން، ކައުންސިލުގެ އިންޒާރެއް!

ކ. ތުލުސްދޫ -- ފޮޓޯ: ކެނޮޮޕަސްރިޓްރީޓް

ކ.ތުލުސްދޫގައި ކްރިސްމަސް ފާހަގަ ކުރުމަށް ހަފްލާތައް ބާއްވަން އެރަށުގެ ބައެއް ފަރާތްތަކުން އިއުލާނު ކުރުމުން، އެކަން ހުއްޓުވާނެ ކަމަށް ބުނެ ތުލުސްދޫ ކައުންސިލުން ބަޔާނެއް ނެރެފި އެވެ.

ތުލުސްދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިސްމަސް ފަދަ ޣައިރު ދީންތަކުގެ ހަފުލާތައް ފާހަގަކުރުމުގެ ގޮތުން އެރަށުގެ އެކި ތަންތަނުގައި އިޝްތިހާރު ތަތްކޮށްފައިވާ ކަމަށެވެ. އަދި ކްރިސްމަސް ފާހަގަ ކުރުމަށް އެކި ހަފްލާތައް ބާއްވަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އެރަށު ކައުންސިލުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ތުލުސްދޫ ކައުންސިލުން ބުނީ ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވީއިރު ގައިރުދީންތަކުގެ ދީންތައް ފާހަގަ ކުރުމަކީ ގާނޫނުގައިވެސް މަނާ ކަމެއް ކަމަށެވެ.

"މިރަށުގައި އެފަދަ [ޣައިރު ދީންތަކުގެ] ހަފްލާތައް ބޭއްވުމަކީ މަނާކަމެއް ކަމުގައި ހުރިހާ ފަރާތްތަކަށް އަންގަން. އަދި އެފަދަ ހަފްލާއެއް ހިންގާ ކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ އެކަންކަން ތުލުސްދޫ ކައުންސިލުން ހުއްޓުވާނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަން." ކައުންސިލްގެ އިއުލާނުގައިވެ އެވެ.

ތުލުސްދޫ ކައުންސިލުން ބުނީ އެފަދަ ހަފްލާތައް ބޭއްވުން މަނާކޮށްފައި ވަނިކޮށް ބާއްވައިފި ނަމަ އެކަން ހުއްޓުވައިގެން ލިބޭނެ ގެއްލުމަކަށް އެ ކައުންސިލު ޒިންމާ ނުވާނެ ކަމަށެވެ.

ތުލުސްދޫއަކީ ގިނަ އަދަދެއްގެ ގެސްޓްހައުސް ހިންގާ އަދި ގިނަ ޓުއަރިސްޓުން ޒިޔާރަތްކުރާ ރަށެކެވެ.

comment ކޮމެންޓް