މަކްތަބާ ސަލަފިއްޔާ އިން ރަޖިސްޓްރީނުކޮށް ސްކޫލް ހިންގާ މައްސަލަ ބަލަނީ

މަކްތަބާ ސަލަފިއްޔާ އިން ބޭއްވި ނޫސްވެރިންެ ބައްދަލުވުން: އެ ޖަމާއަތުން ރަޖިސްޓްރީ ނުކޮށް ސްކޫލް ހިންގަމުންދާ މައްސަލަ ބަލަނީ

ދާދި ފަހުން ބައެއް ދީނީ އިލްމުވެރިންނަށް ފާޑު ވިދާޅުވެ، ތުހުމަތުތަކެއް ކުރި މަކްތަބާ ސަލަފިއްޔާ އިން ރާއްޖޭގެ ތިން ސަރަހައްދެއްގައި ރަޖިސްޓްރީ ނުކޮށް ސްކޫލްތައް ހިންގަމުންދާ ކަމަށާއި އެމައްސަލަ މިހާރު ބަލަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު މިރޭ "ސަން" އަށް ވިދާޅުވީ، މަކްތަބާ ސަލަފިއްޔާ އަކީ ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ ޖަމާއަތެއް ކަމަށާއި އެ ޖަމާއަތަށް ނިސްބަތްވާ މީހުން ރަޖިސްޓްރީނުކޮށް އަމިއްލައަށް ސުކޫލު ހިންގަމުންދާ ކަމަށެވެ.

"މަކްތަބާ ސަލަފިއްޔާ އަކީ އެމީހުން އަމިއްލައެއް ދީގެން އުޅޭ ނަމެއް. ކުދިން ސަރުކާރު ސްކޫލުތަކަށް ނުފޮނުވުމަށް ޖަމާއަތުން ފަތުވާ ދޭ އަދި އެ ކުދިން ދަނީ މިދެންނެވި ސުކޫލުތަކަށް ކަމަށް މައުލޫމާތު ލިބިފައިވޭ،" އަފްރާ ވިދާޅުވިއެވެ.

އަފްރާ ވިދާޅުވީ އެގޮތަށް ފަތުވާ ނެރެމުން ދަނީ ދާދި ފަހުން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ހިފެހެއްޓި އެ ޖަމާއަތުގައި އިސްކޮށް އުޅުއްވާ ޝެއިޚް މުހައްމަދު ހަސަން ކަމަށް މިނިސްޓްރީއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެކަންތައް ބެލުމަށްފަހު އެކަންކަން ހުއްޓުވައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ބަލަމުންދާ މައްސަލައަކަށްވާތީ އެކަމުގެ ތަފްސީލު ނުލިބެއެވެ.

ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ބައިބައިވުމާއި ފިތުނައަށް މަގުފަހުވާ ގޮތަށް މަކްތަބާ ސަލަފިއްޔާގައި އިސްކޮށް އުޅުއްވާ ޝެއިހް މުހައްމަދު ހަސަން ވާހަކަ ދައްކާ ކަމަށް ބުނެ އޭނާގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވަނީ ވަގުތީ ގޮތުން ބާތިލް ކޮށްފަ އެވެ. އޭގެ އިތުރުން އޭނާ ހަރުކަށި ފިކުރަށް ތާއީދު ކުރާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެ ޖަމާއަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ހަސަން ވިދާޅުވީ، އޭނާ އައި އޭނާ ނިސްބަތްވާ ޖަމާއަތަކީ އެންމެ ބޮޑަށް ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރާ މީހުން ކަމަށާއި ދުވަހަކުވެސް އެފަދަ ކަމަކަށް ހިތްވަރު ދީފައި ނުވާނެ ކަމަށެވެ.

ވަކި މުއްދަތެއް ނެތި އިސްލާމިކް މިނިސްޓްރީއިން ޝެއިޅް މުހައްމަދު ހަސަންއާއި އިތުރު ދެ އިލްމުވެރިއެއްގެ ހުއްދަ ހިފެހެއްޓިއެވެ. އެ ބޭފުޅުންގެ ތެރޭގައި، ނ. ޅޮހި/ މަނަދޫގެ، އަބްދުއްރަހީމް މުހައްމަދު އާއި ސ. މީދޫ، ދެކުނުގެ، ޖައުފަރު ފާއިޒް ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ހުއްދަ ބާތިލް ކުރި އިލްމުވެރިންގެ ހުއްދަ އަލުން ދީފާނެ ކަމުގެ އިޝާރާތެއް މިއަދު ކޮށްފައެވެ. އެގޮތުން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ހިފެހެއްޓި މީހުންނާ ވާހަކަ ދައްކައި އިސްލާހީ ބަދަލުތަކެއް ފެނިއްޖެ ނަމަ އަލުން ހުއްދަތައް މުރާޖާކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

https://sun.mv/129255

comment ކޮމެންޓް