ލުބްނާނުގެ އައު ސަރުކާރުގެ މަލަމަތި ހާމަކޮށްފި

ލުބްނާނުގައި އެކުލަވާލާ އައު ސަރުކާރުގެ ބޮޑުވަޒީރަކަށް އިޚްތިޔާރު ކޮށްފައިވާ ޑރ. ހައްސާން ދިޔާބް

ބައިރޫތު (ޑިސެމްބަރު 22) : ލުބްނާނުގައި އެކުލަވާލުމަށް ހަމަޖެހިފައިވާ އައު ސަރުކާރުގެ މަލަމަތި އެސަރުކާރުގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާ ތައުލީމާބެހޭ ކުރީގެ ވަޒީރު ޑރ. ހައްސާން ދިޔާބް ހާމަކުރައްވައިފި އެވެ.

ލުބްނާނުގެ ޕާލަމެންޓްގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ދިޔާބް ވިދާޅުވީ އައު ސަރުކާރުގައި ހިމެނޭނީ ފަންނީ ޓެކްނޮކްރޭޓުންނާއި މުސްތަގިއްލު ތަޖްރިބާ ކާރުން ކަމަށާ ސިޔާސީ ބޭފުޅުން އައު ސަރުކާރުގައި ނުހިމެނޭ ކަމުގަ އެވެ. ނަމަވެސް ލުބްނާނުގެ މުޖްތަމައުގައި ހިމެނޭ ހުރިހާ ދީންތަކާއި މަޛްހަބްތަކަށް ނިސްބަތްވާ ބޭފުޅުން އައު ސަރުކާރުގައި ހިމެނޭނެ ކަމަށް ދިޔާބް ވިދާޅުވި އެވެ.

މީގެ ތިންމަސް ކުރިން ފެށިގެން ލުބްނާނުގައި ކޮރަޕްޝަން ހުއްޓުވުމަށާއި ސިޔާސީ އިސްލާޙްތައް ގެނައުމަށް ގޮވާލައި މުޒާހަރާކުރާ ފަރާތްތަކުގެ މައިގަނޑު އެދުމަކީ ސިޔާސީ ބޭފުޅުން ނުހިމެނޭ ގޮތަށް ފަންނީ ޓެކްނޮކްރޭޓުންގެ ވަގުތީ ސަރުކާރެއް އެކުލަވާލައި އެސަރުކާރުގެ ބެލުމުގެ ދަށުން ލުބްނާނުގައި އަވަސް އިންތިޚާބެއް ބޭއްވުމެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށް ޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ވެސް އައު ސަރުކާރުގެ އިސް މެންޑޭޓަކަށް ވާންޖެހޭނެ ކަމަށް މުޒާހަރާކުރާ ފަރާތްތަކުން އެދެ އެވެ.

ރައީސް މިޝައިލް އައުން، ދިޔާބް އާ އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ހަވާލުކުރެއްވީ އައުސަރުކާރުގެ ބޮޑުވަޒީރަކަށް ވެވަޑައިނުގަންނަވާނެކަން އެގައުމުގެ ކުރީގެ ބޮޑުވަޒީރު ސައުދުލްހަރީރީ މިދިޔަ ހަފްތާގައި ވިދާޅުވުމާ ގުޅިގެންނެވެ. ދިޔާބް ވަނީ އައު ސަރުކާރުގެ ވަޒީރުން ހަމަޖެއްސުމަށްޓަކައި ލުބްނާނުގެ ބޮޑެތި ޕާޓީތައްކަމަށްވާ ސުންނީންގެ މުސްތަގްބަލް މޫމެންޓާއި ނަސާރާއިންގެ ފްރީ ޕެޓްރިއޮޓިކް މޫމެންޓާއި ނަސާރާއިންގެ ކަތާއިބު ޕާޓީއާއި ޝިޔައީންގެ އަމަލް މޫމެންޓާއި ޝިޔައީންގެ ހިޒްބުﷲ އަދި ދުރޫޒުންގެ ސޯސަލިސްޓް ޕާޓީގެ އިސްވެރިންނާ މިދިޔަ ހަފްތާގައި މަޝްވަރާތައް ކުރައްވައިފަ އެވެ.

ލުބްނާނުގައި މުޒާހަރާކުރާ ފަރާތްތަކުން ގޮވާލަމުންދަނީ ކުރީގެ ސަރުކާރުގައި ތިއްބެވި ސިޔާސީ ބޭފުޅުންނަކީ ޚިޔާނާތާއި ކޮރަޕްޝަނުން ފޯވެފައިވާ ބައެއް ކަމަށާއި އައު ސަރުކާރުގައި އެއިން އެއްވެސް ބޭފުޅަކު ހިމަނައިގެން ނުވާނެކަމުގަ އެވެ. އައު ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާ ދިޔާބް ވިދާޅުވީ މުޒާހަރާކުރާ ފަރާތްތަކުގެ އަޑު އޭނާ އައްސަވާ ކަމަށާއި އައު ސަރުކާރު އެކުލަވާލާނީ އަދި އެސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅާނީ މުޒާހަރާތަކުގެ އަޑުއަހައި ރައްޔިތުންގެ މަސްލަހަތަށް ބަލައިގެން ކަމުގަ އެވެ.

ލުބްނާނުގައި ކުރިޔަށްދާ މުޒާހަރާތަކާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހުގެ ނަވާވީހުގައި އެގައުމުގެ ބޮޑުވަޒީރު ސައްދުލްހަރީރީ އިސްތިއުފާ ދެއްވާފައިވީ ނަމަވެސް އައު ސަރުކާރެއް އެކުލަވާލެވެންދެން ގައުމުގެ ކަންތައްތައް ބެލެހެއްޓުމާ ވަގުތީގޮތުން ހަވާލުވެ ވަޑައިގެން ހުންނެވީ ހަރީރީއެވެ. މުޒާހަރާކުރާ ފަރާތްތަކުން އެދޭގޮތަށް އައު ސަރުކާރެއް އެކުލަވާލުމަށް ލުބްނާނުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެއްބަސްވެ ވަޑައިގެންނެވި ނަމަވެސް ބޮޑުވަޒީރުކަމަށް އިޚްތިޔާރު ކުރާނެފަރާތަކާމެދު ޚިޔާލު ތަފާތުވުމުން ދެމަސްވަނީ ބޭކާރުވެގެން ގޮސްފަ އެވެ.

ނަމަވެސް މުޒާހަރާތައް ހުއްޓުމެއްނެތި ކުރިޔަށްދާތީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ފިއްތުންތައް ބޮޑުވުމުން އައު ސަރުކާރެއް އެކުލަވާލުމުގައި ލުބްނާނުގެ ލިޑަރުން މިދިޔަ ހަފްތާގައި ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. މިއާއެކު އައު ސަރުކާރު އެކުލަވާލުމުގެ ކަންތައް ރައީސް މިޝައިލް އަވްނު ވަނީ ސުންނީ މުސްލިމް ޓެކްނޮކްރޭޓެއް ކަމަށްވާ ތައުލީމާބެހޭ ކުރީގެ ވަޒީރު ހައްސާން ދިޔާބް އާ މިދިޔަ ހަފްތާގައި ހަވާލުކުރައްވާފަ އެވެ. ދިޔާބް އަކީ ލުބްނާނުގެ ޔުނިވާސިޓީތަކުގެ ޕްރޮފެސަރެއްގެ ގޮތުގައި އުޅުއްވި ތައުލީމީ ގޮތުން ފުންނާބުއުސް ބޭފުޅެކެވެ.

މިހާރު ލުބްނާނަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކަކީ 1975 އިން 1990 ވަނަ އަހަރާ ހަމައަށް އެގައުމުގައި ހިނގި ދާޚިލީ ހަނގުރާމައަށް ފަހު ފާއިތުވި ތިރީހަކަށް އަހަރުތެރޭގައި އެގައުމަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައެވެ. މި މައްސަލަ އަވަހަށް ހައްލުވާނެކަމުގެ އުންމީދު ގެއްލިފައިވާއިރު ލުބްނާނުގައި ކުރިޔަށްދާ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން އެގައުމުގެ އިގްތިސާދު ކޮޅަށްޖެހުމަށް ބޭނުންވާ ލޯންތައް ދިނުމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުންދަނީ ފަސްޖެހެމުންނެވެ. އަދި މުޒާހަރާތައް ކުރިޔަށްދިޔުމާއި ސިޔާސީ ދެބަސްވުންތައް ހައްލު ނުވުމުގެ ސަބަބުން ލުބްނާނުގެ މަސްރަހުވަނީ ފަހުގެ ތާރީޚެއްގައި ގޯސްނުވާ ވަރަށް ގޯސްވެފަ އެވެ. ލުބްނާނުގެ މައްސަލަތައް ގޯހުން ގޯހަށް ދާ އެއްސަބަބަކީ އެގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަަށް ބޭރުގެ ގައުމުތަކުން ބާރާއި ނުފޫޒު ފޯރުވުން ކަމަށް އޮބްޒާވަރުން ދެކެ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް