އަފްޣާނިސްތާނުގައި ހައްޔަރުކުރި ޝާފިއުގެ އަންހެނުންނަށް 20 އަހަރުގެ ޖަލު ހުކުމެއް

"ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ މަހާސިންތާގައި ސީޕީ ހަމީދު ވާހަކަދައްކަވަނީ --- ފޮޓޯ/ރައީސް އޮފިސް

ހ. މޫންލައިޓްވެލީ އަލީ ޝާފިއު އާއެކު އަފްޣާނިސްތާނުން ހައްޔަރުކުރި އޭނާގެ އަންހެނުން 20 އަހަރަށް ޖަލަށް ލާން އެގައުމުގެ ކޯޓުން ހުކުމް ކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިންތަކެއް އަފްގާނިސްތާނުގައި ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ނޫސް އޭޖެންސީއަކުން ރިޕޯޓުކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.

އެމީހުންގެ ތެރޭގައި ހިމެނޭ ޝާފިއު އަފްގާނިސްތާނުން ހައްޔަރު ކުރީ އޭނާގެ އަންހެނުންނާއި ދަރިންނާއެކު އެވެ. ޝާފިއުގެ މައްޗަށް ކުށް ސާބިތުވެ، 21 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

މިހާރު ކްރޮސްރޯޑްސްގައި ކުރިއަށްދާ "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ މަހާސިންތާގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ޝާފިއުގެ އަންހެނުންގެ މައްޗަށް ކޯޓުން 20 އަހަރުގެ ހުކުމެއް އިއްވާފައިވާ ކަމަށެވެ.

ފުލުހުން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖޫން 23 ވަނަ ދުވަހު ޝާފިއު އާއި އޭނާގެ އަންހެނުން އަދި ހަތަރު ދަރިން ބޭސްފަރުވާއަށް ސްރީލަންކާއަށް ގޮސް އޮކްޓޯބަރު މަހުގެ ތެރޭގައި ލަންކާ އިން ޕާކިސްތާނަށް ދަތުރުކޮށް ޕާކިސްތާނުގެ މަގުން އަފްގާނިސްތާނަށް އެތެރެވެފައިވާކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ ޝާފިއު އޭނާގެ އަނބިދަރިން އަފްގާނިސްތާނަށް އެތެރެވުމުގެ މައުލޫމާތު ފުލުހުންނަށް ލިިބުމުން ބޭރުގެ ސަލާމަތީ އަދި ތަންފީޒީ އިދާރާތަކާއި ގުޅިގެން ބެލި ބެލުމުން ޝާފިއު ޕާކިސްތާނުގައި އުޅޭކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އޭގެ ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ޝާފިއު އޭނާގެ އަނބިދަރިންނާ އެކު އަފްގާނިސްތާނުގެ ނަންގަހާރު ޕްރޮވިންސުން ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު ވެސް އިންޓަޕޯލް މެދުވެރިކޮށް ފުލުހުންނަށް ލިބުނު ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ ޝާފިއު އަފްގާނިސްތާނަށް ގޮސްފައި ވަނީ އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސްގެ ގޮތްޕެއް ކަމަށްވާ "އިސްލާމިކް ސްޓޭޓް ޚޮރަންސާ ޕްރޮވިންސް" އާ ގުޅެން ކަމަށާއި އޭނާގެ އަތުން ނެގި ޑިޖިޓަލް ޑިވައިސް އަކުން އައިއެސްގެ ޕްރޮޕެގެންޑާ އާއި ގުޅޭ ވީޑިއޯތަކެއް ފެނުނު ކަމުގެ މައުލޫމާތު ވެސް ފުލުހުންނަށް ލިބުނު ކަމަށެވެ.

އަފްޣާނިސްތާނުން ހައްޔަރުކުރި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން--

ޝާފިއު އާއި އޭނާގެ އާއިލާ އަފްގާނިސްތާނުގައި އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން، ދިވެހި ފުލުހުންނާއި އަފްގާނިސްތާނުގެ ތަންފީޒީ އިދާރާތަކާ ގުޅިގެން ވަރަށް ގާތުން އެ މައްސަލަ ބެލި ކަމަށާއި އެ މައްސަލަ އާއި ގުޅިގެން ފުލުހުންނާއި އަފްގާނިސްތާނުގެ ތަންފީޒީ އިދާރާތަކާ ގުޅިގެން ޖޮއިންޓް އޮޕަރޭޝަންތައް ވެސް ކުރިއަށް ގެންދިޔަކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޝާފިއު އަފްގާނިސްތާނަށް ފޮނުވުމުގައި ހަރަކާތްތެރިވި ނެޓްވޯކުގެ އިސްމީހުން އައިޑެންޓިފައިކޮށް، އެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެކަން އަފްގާނިސްތާނު ފުލުހުންނާވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ.

ޝާފިއު އަކީ ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހެއް ކަމަށާއި އޭނާ އަކީ އެފަދަ މީހުންނާއެކު ގުޅުން ބާއްވާ މީހެއް ކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފަ އެވެ.

ޝާފިއު، އޭނާގެ ކުރީގެ އަނބިމީހާ އަދި ދަރިން ގޮވައިގެން ސީރިއާއަށް ހަނގުރާމަ ކުރުމަށް ދިޔުމަށް ތުރުކީއަށް ފުރަން އުޅެނިކޮށް 2015 ވަނަ އަހަރުގެ ފެބްރުއަރީ ނުވަވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

އެބަޔާނުގައި ފުލުހުން ބުނީ ޝާފިއު އަކީ ހަތިޔާރު ގެންގުޅެ، ފޮރުވި މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އެގޮތުން ބ.ހިބަޅިދޫ ކައިރިން ކަނޑުތެރެއިން ފެނުނު ހަތިޔާރާއި، ގޮވާތަކެއްޗާ ގުޅުން ހުރި ބަޔެއް ތަކެތި، ޝާފިއުގެ އަތުން ފެނުނު ކަމަށާއި ނަމަވެސް އެ މައްސަލާގައި ސާބިތުކުރެވޭ މިންވަރަށް ހެކި ނެތުމުގެ ސަބަބުން 2016 ޖެނުއަރީ 18 ވަނަ ދުވަހު ޝާފިއު ދޫކޮށްލީ ކަމަށް ފުލުހުން ބުންޏެވެ.

ޝާފިއު އާއި އޭނާގެ އަނބިމީހާގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ދެމީހުންނަށް ޖަލު ހުކުމެއް އިއްވާފައި ވީނަމަވެސް، އެ ދެމީހުންގެ ހަތަރު ދަރިންނާ ގުޅޭ މައުލޫމާތެއް ކަމާބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ސީޕީ ހަމީދު މިއަދު ވިދާޅުވީ މިހާރު ވެސް ސީރިއާގައި 59 ދިވެހިން ތިބިކަމަށާއި އޭގެ ތެރެއިން 91 ޕަސެންޓަކީ އަންހެނުންނާ ކުޑަކުދިން ކަމަށެވެ.

ހަނގުރާއަމައަށް ގޮސް އެތަނުގައި ތާށިވެފައި ތިބި ގިނަ އަދަދެއްގެ ދިވެހިން އެނބުރު ގައުމަށް އަންނަން އެދެމުންދާތީ އެމީހުން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އެގޮތުން އެމީހުން އަނބުރާ ގެނެސް ރީހެބިލިޓޭޓް ކުރުމަށް ކ. ހިންމަފުށީގައި ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ސީޕީ ވިދާޅުވީ ކުރިއަށް އޮތް ހަތް ވަރަކަށް މަސް ދުވަހުގެ ތެރޭގައި ބޭރުގެ އެހެން ދައުލަތްތަކާ ގުޅިގެން އެފަރާތްތައް ރާއްޖެ ގެނެސް ރީހެބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

comment ކޮމެންޓް