ކްރިކެޓްގެ ދަނޑުން ދެމައިންގެ ހުނަރާއި ހިތްވަރު!

ގައުމީ ޓީމުގެ ދެ ކުޅުންތެރިން، ހަފްސާއާއި އޭނާގެ ދަރިފުޅު ސުމައްޔާ

ނިމިގެންދިޔަ ސައުތު އޭޝިއަން ގޭމްސް އަކީ ދިވެހި އަންހެން ކުޅުންތެރިންނަށް ހާއްސަ މުބާރާތެކެވެ. މެޑަލް ތަކުގެ އިތުރުން އެތަކެއް ޒުވާން ހުނަރުވެރިންނެއް އެ މުބާރާތުން ވިދާލައިފި އެވެ. އެ ހުރިހާކަމަކާ އެކު ވެސް ހާއްސަވި އެއްކަމެއް އެބަ އޮތެވެ. ވަރަށް ޅަފަތުގައި އޮތް ދިވެހި ގައުމީ އަންހެން ކްރިކެޓު ޓީމުގެ ސްކޮޑްގައި މަންމައަކާއި އޭނާގެ ދަރިފުޅުގެ އަންނަނީ ފައި ހަމަކުރަމުންނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލި ގައުމީ އަންހެން ކްރިކެޓް ޓީމު ތާރީހުން ޖާގަ ހޯދީ ނޭޕާލްގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ވާދަ ކުރި ހަތަރު މެޗުންނެވެ. މުޅި ދުނިޔޭގައި ވެސް ކްރިކެޓުގައި އެންމެ ކުރިއަރާފައިވާ ސްރީ ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް ފަދަ ގައުމުތަކާ ވާދަކޮށް ރަނގަޅު ނަތީޖާއެއް ނުނެރުވުނަސް އެއީ ރަނގަޅު ފެށުމެކެވެ. ތަޖުރިބާ ނެތް ޒުވާން ޓީމަކާ އެކު މުބާރާތާ ކުރިމަތިލައި އެއް މެޗުން އަނެއް މެޗަށް ކުރިއެރުންތަކެއް އަންހެން ކުރިކެޓް ޓީމް ހޯދި އެވެ.

ރާއްޖޭގެ ޒުވާން ގައުމީ އަންހެން ކްރިކެޓް ޓީމު --- ފޮޓޯ// އެމްއޯސީ

ކުޅިވަރުގައި ވަރަށް ވެސް މަދުން ނޫނީ ނުފެންނަ އިއްތިފާގަކީ ދެބަފައިން ނުވަތަ ދެމައިން ކުޅިވަރެއްގައި ގައުމު ތަމްސީލް ކުރާ މަންޒަރެވެ. ބައެއްފަހަރު ދަރިފުޅު ކުޅޭ އިރު ބައްޕަ ނުވަތަ މަންމައަކު ޓީމެއްގެ ކޯޗުގެ ގޮތުގައި ހަރަކާތްތެރިވެދާނެ އެވެ. ނަމަވެސް އެއް ޓީމެއްގައި ކުޅުންތެރިންގެ ގޮތުގައި ދެމަޔަކު ގައުމު ތަމްސީލު ކުރުމަކީ މީގެ ކުރިން ވަރަށް ވެސް މަދު ހާލަތެއްގައި ނޫނީ ނުފެންނަ މަންޒަރެކެވެ.

އުމުރުން 38 އަހަރުގެ ހަފްސާ އަބްދުﷲ އާއި އޭނަގެ 13 އަހަރުގެ ދަރިފުޅު ސުމައްޔާ ބިންތް އަބްދުލް އަކީ ގައުމީ އަންހެން ކްރިކެޓް ޓީމުގައި މިވަގުތު ތިބި މުހިއްމު ދެކުޅުންތެރިންނެވެ. އުންމީދުން ފުރިގެންވާ ހާލު މި ދެމައިން ވެސް އެންމެ މަތީ ފަންތީގައި ގައުމު ތަމްސީލުކޮށްދެން އަދިވެސް ތިބީ ހަމަ ތައްޔާރަށެވެ.

ޓީމުގެ ވައިސް ކެޕްޓަން ހަފްސާ އަކީ ކުރިން ކްރިކެޓަށް މާ ބޮޑު ޖޯޝެއް ހުންނަ މީހެއް ނޫނެވެ. ނަމަވެސް ދަރިފުޅު ގަޔާވާ ކުޅިވަރަކަށް ވާތީ ދަރިފުޅު ކުޅެން ފޮނުވައިގެން އުޅުމުގެ ތެރޭގައި ކްރިކެޓަށް ހިތް ޖެހުނީ ކަމަށް ހަފްސާ ބުންޏެވެ.

"ދަރިފުޅު [ސުމައްޔާ] ކުޅެންދާތީ، އޭނަ އުޅޭ ނޫޅޭ ގޮތް ބަލަން އަސްލް އެތަނަށް [ކްރިކެޓް ސްޓޭޑިއަމަށް] ދިޔައީ. ދެން އެތަނަށް ގޮސް ބޯޅަ މަތަކޮށް، ކަންކަމުގަ އުޅެގެން މީގެތެރެއަށް ވަދެވުނީ،" ހަފްސާ ބުންޏެވެ.

ހަފްސާ ބުނި ގޮތުގައި ފުރަތަމަ ޕްރެކްޓިހަށް ދާން ފެށި އިރު ކްރިކެޓަކީ ވަރަށް ވެސް ފޫހި ކުޅިވަރަކަށްވި އެވެ. އަދި އޭގެ ގަވާއިދުތައް ވެސް ނޭންގުމާ އެކު ކުރިން އެއްވެސް ވަރަކަށް ގަޔާވާ ކުޅިވަރަކަށް ކުރިކެޓް އޮތީނުވެ އެވެ.

"ފުރަތަމައިން އެތަނަށް ދިޔައިރު ވަރަށް ފޫހި. ވާނުވާ ވެސް ނޭނގޭ. އެކަމު އެތަނަށް ގޮސް އުޅެން ފެށީމަ ގަވާއިދުތައް މަޑު މަޑުން އިނގެންފެށި. އެހިސާބުން ދެން މަޑު މަޑުން އޭގެތެރެއަށް ވަދެވެން ފެށީ. ދެން ކޮންމެސް ވަރަކަށް މުބާރާތްތަކުގައި އަންޕަޔަރުކަން ވެސް ކޮށްލާ ހަދަން،"

ލ. ކުނަހަންދޫއަށް ނިސްބަތްވާ، ހަފްސާގެ ދަރިފުޅު ސުމައްޔާ ބުނީ އޭނާގެ މަންމަ ކުޅިވަރަށް ހިތްޖެހުނީ ހަގީގަތުގައި ހަމަ އޭނަގެ މަސައްކަތުން ކަމަށެވެ.

"އަޅުގަނޑު ވަރަށް ދުވަސްވެއްޖެ ކްރިކެޓު ކުޅޭތާ. އެންމެ ކުޑަ އިރުން ފެށިގެން ވެސް ވަރަށް އިންޓްރެސް ހުރޭ ކްރިކެޓް ކުޅެން. މަންމަ އެކަމު ކުރިން އެހާ ގަޔާވާ ކުޅިވަރެއް ނޫން. އަސްލު ޕޭރެންޓުން ޓީމެއް ހަދައިގެން އައިސް ކުޅެން ފެށި ހިސާބުން މަންމަގެ ހުނަރު ވެސް ފެނުނީ. ވަރަށް އުފާވޭ މަންމައާ އެކު ބައިނަލް އަގުވާމީ މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ލިބުނީމަ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް." ގައުމީ ކްރިކެޓް ޓީމުގެ އެންމެ ހަގު ކުޅުންތެރިޔާ ސުމައްޔާ ބުންޏެވެ.

ސުމައްޔާ ބުނީ މިފަހަރުގެ މުބާރާތަކީ ކްރިކެޓުގެ މުސްތަގުބަލަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ. ދުނިޔޭގައި ވެސް ނަން ވިދާ ބޮޑެތި ގައުމުތަކާ ދެކޮޅަށް ކުޅުނު މެޗުތަކުގެ ސަބަބުން ރަނގަޅު ތަޖުރިބާތަކެއް އެ ދެމައިންނަށް ވެސް ލިބިއްޖެ އެވެ. އަދި ކުރިއަށް އޮތްތާ މަންމައާ އެކު ރަނގަޅު ކާމިޔާބީތަކެއް ވެސް ހޯދުމަކީ ސުމައްޔާގެ ހުވަފެނެކެވެ.

comment ކޮމެންޓް